ބްރެޑް ޕިޓް އަދި ޗާލިޒް ތެރޯން.
24 ޖެނުއަރީ 2019 - 07:30
އެންޖެލީނީ ޖޮލީ އާއި ޖެނިފާ އެނިސްޓަން ފަދަ ފަދަ ބަތަލާއިންނާ އެކު ނާކާމިޔާބު ކައިވެނިތަކެއް ތަޖުރިބާކުރަން ޖެހުނު ބްރެޑް ޕިޓް ދެން ދުވަހަކު ވެސް ބަތަލާއަކާ ލޯބީގެ ގޮތުން ނުގުޅޭނެ ކަމަށް މި ދޭތެރެ އިން މީޑިއާތަކުން ދެއްކި ވާހަކަތައް ވަނީ ހުއްޓާލަން ޖެހިފަ އެވެ.
ބައެއް މީޑިއާތަކުގައި ޕިޓާއި ބަތަލާ ޗާލީޒް ތެރޯންގެ ގުޅުމުގެ ވާހަކަ މިހާރު ވަރަށް ހޫނުކޮށް ދެކެވެމުން އަންނަ އިރު، މި ވާހަކަ ދޮގުކުރާ މިޑިއާތަކެއް ވެސް އެބަ ހުއްޓެވެ. ޕީޕަލް އިން ކުރިން ބުނެފައިވާ ގޮތުގައި ޕިޓާއި ތެރޯން ހިތާވެގެން އުޅޭތާ މިހާރު ހައެއްކަ މަސް ވެދާނެ އެވެ.
އެ ގުޅުން ފެށުނީ މިދިޔަ އަހަރު ދެ ތަރިން އެކީގައި ކުޅުނު މަޝްހޫރު ބްރޭންޑް "ބްރެއިޓްލިންގް" ގަޑި އިޝްތިހާރެއްގެ ޝޫޓިން ތެރެއިން ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ޕީޕަލް އިން އެ ދެ މީހުންގެ ގާތް ބައެއް މީހުންނާ ހަވާލާދީ މިހާރު ބުނަނީ އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ނަމަވެސް ދަ ސަން އިން ބުނާ ގޮތުގައި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅެން މަގުފަހިކޮށް ދިނީ، ތެރޯންގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު އެކްޓަރު ޝޯން ޕެން އެވެ. އަދި މި ގުޅުމަކީ މިދިޔަ މަހުން ފެށިގެން ފައްކާވަމުން އަންނަ ގުޅުމެއް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ޑެއިލީ މެއިލުން ވެސް ތުހުމަތު ކުރާ ގޮތުގައި ޕިޓް، 55، އާއި ތެރޯން، 43، އާ ދެމެދު މިހާރު ވަނީ އަޑި ނޭނގޭ ގުޅުމެއް އުފެދިފަ އެވެ. އެކަމަކު އެ ދެ މީހުން ވަރަށް ސިއްރުން ބައްދަލު ކުރާކަން އެނގޭ ކަމަށާއި އެކަމަކު ގުޅުން ގޮސްފައި އޮތީ ކިހާ ހިސާބަކަށްކަން ބުނަން ދަތި ކަމަށް އެ ނޫހުން ބުންޏެވެ.
ޖޮލީ، ޕިޓް ގާތުން ވަރިވާން 2016 ގެ ފަހުކޮޅު ކޯޓަށް މައްސަލަ ހުށަހެޅި ފަހުން އެކި ފަހަރު މަތިން ތަފާތު އެކި އަންހެނުންނާ އޭނާ އަޅުވާ ކިޔާފައިވެ އެވެ.
އޭގެ ތެރޭގައި ޕިޓްގެ ކުރިއަށް އޮތް ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" ގެ ކާސްްޓުންގެ ތެރޭގައި ވެސް ހިމެނޭ އޮސްޓްރޭލިއާ އަށް އުފަން ބަތަލާ މާގޯ ރޮބީ އާއި އިނގިރޭސި ޒުވާން ބަތަލާ އެލާ ޕަނެލްގެ އިތުރުން މެސަޗޫޓެސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ނޭރީ އޮޒްމާން ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy