އިންޑިއަން އައިޑޮލް 10 އަލުން ސޮނީ ޓީވީ އަށް

ކޮރޯނާވައިރަހާ އެކު ކުރިމަތިވި ލޮކްޑައުންތަކާ ހެދި އިންޑިއާގެ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓި، ޓީވީ ޗެނެލްތަކުން ވެސް އާ ޝޯތަކެއް ނުގެނެސްދެވޭތީ ސޮނީ ޓީވީން އިންޑިއަން އައިޑޮލް ސީޒަން 10 އަލުން ގެނެސްދޭން ނިންމައިފި އެވެ.


މިއީ 2018 ގައި ގެނެސްދިން ޝޯއެކެވެ. އިންޑިއަން އައިޑޮލްގެ 11 ވަނަ ސީޒަން ނިންމައިލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ޝޯ ކާމިޔާބުކުރީ ސަނީ ހިންދުސްތާނީ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ސީޒަން 10 އަލުން ގެނެސްދޭން ނިންމައި ސޮނީން ކުރި ޓްވީޓެއްގައި ބުނީ ޝޯ އަލުން ދައްކަން ފަށާނީ މާދަމާ ރެއިން ފެށިގެން ކަމަށެވެ. އެއީ ރާއްޖެ ގަޑިން ރޭގަނޑި 8:30 ގަ އެވެ.

"އިންޑިއަން އައިޑޮލް" ސީޒަން 10 ކާމިޔާބުކުރީ ސަލްމާން އަލީ އެވެ. ޝޯގެ ދެވަނަ އަށް އަންކުޝް ބަރަދްވާޖް ދިޔަ އިރު، ތިން ވަނަ އަކީ ނީލަންޖަނާ ރޭ އެވެ.

ޝޯ ފެށި އިރު ޖަޖުންގެ ގޮތުގައި ތިބީ ނޭހާ ކައްކަރާއި ވިޝާލް ދަދުލާނީގެ އިތުރުން އައްނޫ މަލިކެވެ. ނަމަވެސް ޝޯގެ ތެރޭގައި އައްނޫގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި، އޭނާ އަށް ކުރިމަތިވި ޕްރެޝަރުތަކާ ހެދި ޝޯގެ ޖަޖުންގެ ޕެނެލުން ވަކިވާން ޖެހުނެވެ. އޭގެ ފަހުން ޝޯ ކުރިއަށް ގެންދިޔައީ ހަފުތާތަކެއް ވަންދެން ގެސްޓް ޖަޖުންތަކެއް ބައިވެރިކުރުމަށް ފަހު، އެންމެ ފަހުން ލަވަކިޔުންތެރިޔާ ޖާވިދު އަލީ ހިމަނައިގެންނެވެ.

މިދިޔަ އަހަރު ފެށި "އިންޑިއަން އައިޑޮލް 11" ގެ ޖަޖުންގެ ޕެނެލާ އައްނޫ އަލުން ގުޅުނު ނަމަވެސް އަނެއްކާ ވެސް ސޮނީ އަށް ކުރިމަތިވި ފިއްތުންތަކާ ހުރެ ޖެހުނީ އޭނާ ޝޯ އިން ބޭރުކުރާށެވެ. ދެން ބަދަލުގައި ޖަޖުންގެ ޕެނަލްގައި ނޭހާ އާއި ވިޝާލާ އެކު މަސައްކަތްކުރީ ހިމޭޝް ރޭޝަމިއާ އެވެ.

އިންޑިއަން އައިޑޮލް 10 ގެ ހޯސްޓަކީ މަނީޝް ޕޯލެވެ. މި ސީޒަން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސަބަބުތަކުގެ ތެރޭގައި އޭނާގެ މަޖާ އަދި ސަކަ ހަރަކާތްތަކާއި ޖޯކްތައް ހިމެނެ އެވެ.