ސޮނީ ޓީވީން ގެނެސް ދިން އިންޑިއަން އައިޑޮލް ސީޒަން 10 ސަލްމާން އަލީ ކާމިޔާބުކޮށްފި އެވެ.

ރޭ ގެނެސް ދިން ފޯރި ގަދަ ފިނާލޭ ޝޯގައި ސަލްމާން ޓްރޮފީ ހާސިލުކުރީ ގަދަ 5 ގައި އޭނާއާ ވާދަކުރި ހަމައެކަނި އަންހެން ލަވަކިޔުންތެރިޔާ ނިލަންޖަނާ ރޭ އާއި ނިތިން ކުމާރާއި އަންކުޝް ބަރަދުވާޖާއި ވިބޯ ޕަރްޝާރުއާ ވާދަކޮށްގެންނެވެ.

އިންޑިއަން އައިޑޮލް ސީޒަން 10 ގެ ދެވަނަ ލިބުނީ އަންކުޝްއަށެވެ. އަދި ތިން ވަނަ ނިލަންޖަނާއަށެވެ.

ސަލްމާނަކީ އިންޑިއަން އައިޑޮލް ސީޒަން 10 ފެށީންސުރެ ޝޯގެ ޖަޖުން ހައިރާންކޮށްލައި، މޮޅު ހުނަރު ދައްކަމުން އައި ބައިވެރިއެކެވެ. ވަކިން ހާއްސަކޮށް އޭނާ ފާހަގަކުރެވެނީ އިންޑިއަން ސްޓައިލްގެ "ބޮޑެތި ލަވަތައް" ކިޔަން ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ.

ރޭގެ ޝޯގައި ބައވެރިން ވަނީ ތިން ޖަޖުންނާ އެކު ވެސް ލަވަތައް ހުހަށަޅައި ދީފަ އެވެ. މީގެ އިތުރުން ބައްޕީ ލެހެރީ އާއި ސުރޭޝް ވަޅްކަރު އަދި އަލްކާ ޔަނިކް ފަދަ ލަވަކިޔުންތެރިންގެ އިތުރުން އައިޑޮލްގެ ތިން ޖަޖުންގެ ތެރޭގައި ހިމެނޭ ޖާވިދު އަލީ އާއި ނޭހާ ކައްކަރު އަދި ވިޝާލް ދަދްލާނީ ވެސް ހިތްގައިމު އަދި ފޯރިގަދަ ހުށަހެޅުންތަކެއް ފިނާލޭ ޝޯގައި ކިޔާފައިވެ އެވެ.

ހަމައެއާ އެކު އިންޑިއަން އައިޑޮލް 10 ގެ ޝައުގުވެރިކަން އެތައް ގުނައަކަށް އުފުލައިލި ކުޅަދާނަ ހޯސްޓް މަނީޝް ޕޯލް ވެސް ސްޓޭޖް މަތީގައި ނެށުމުގެ އައިޓަމެއް ހުށަހަޅާފައިވާ އިރު، ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ޒީރޯ" ގެ ލީޑް ކާސްޓް ޝާހްރުކް ހާން، އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކެއިފް ގްރޭންޑް ފިނާލޭ ޝޯގެ ވިދުން ގަދަކޮށްލި އެވެ.