އެފްޑަބްލިއުއައިސީއީގެ ޗީފް އެޑްވައިޒަރު އަޝޯކް ޕަންޑިތު.
21 މެއި 2020 - 09:46
ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އޮންނަ އަދި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބޮލީވުޑްގެ ފިލްމުތަކުގެ މަސައްކަތްތައް އަލުން ފެށުމުގެ ހުއްދަ އަށް އެދި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޮޔީސް (އެފްޑަބްލިއުއައިސީއީ) އިން އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދައްވު ތަކެރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.
މަހާރަޝްތުރާ އަކީ ބޮލީވުޑްގެ މައި މަރުކަޒު ކަމަށްވާ މުމްބާއީ އޮންނަ ސްޓޭޓެވެ.
އެފްޑަބްލިއުއައިސީއީގެ މެމްބަރުން ސޮއިކުރައްވައި އަންގާރަ ދުވަހު ޗީފް މިނިސްޓަރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކޮރޯނާވައިރަހާ ދިމާކޮށް އިންޑިއާގައި އިއުލާންކުރި ލޮކްޑައުން ދިގުދަންމަމުންތާތީ ފިލްމީ ދާއިރާ އަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވަމުންދާ ކަމަށެވެ. އިންޑިއާގެ ލޮކްޑައުން މިހާރު ވަނީ ހަތަރު ވަނަ ފަހަރަށް އިތުރުކޮށް މި މަހުގެ ނިޔަލަށް ދަންމައިފަ އެވެ.
#FWICE @fwicemum @FWICE_India have appealed to #UddhavThackeray ji to allow permission to resume post-production work of media+ entertainment industry & recording studios to function, so that unfinished pending work can be completed & the technicians can get back to their work.!! pic.twitter.com/QTR3rmWPv1
— NIRMAL KUMAR JAIN (@NIRMAL_MUTHA) May 19, 2020
ސިޓީގައި ފާހަގަކޮށްފއިވާ ގޮތުގައި ކޮރޯނާވައިރަހުން ސަލާމަތްވާނެ އިރެއް ވެސް ނޭނގޭތީ ފިލްމީ މަސައްކަތްތައް ހުއްޓާލައިގެން ތިބެން ޖެހުމަކީ މާލީ ގޮތުން އެތައް ބަޔަކަށް މިހާރު ވެސް ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. އަދި ފިލްމު އިންޑަސްޓްރީ އަކީ އިންޑިއާގެ އިގުތިސާދުގައި ވެސް މުހިއްމު ރޯލެއް އަދާކުރާ ދާއިރާއަކަށްވާތީ ފިލްމީ ދާއިރާ އަށް މިގޮތަށް ހުއްޓިފައި އޮތުމުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުންޏެވެ.
އެހެންވެ ފިލްމީ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ފަށަން ހުއްދަ އަށް އެދޭ ކަމަށާއި މިކަމުގައި އެތައް ބައެއްގެ މަސްލަހަތު ހިމެނޭ ކަމަށް ސިޓީ ބުންޏެވެ. އެފްޑަބްލިއުއައިސީއީގެ ސިޓީގައި ބުނީ ފިލްމީ މަސައްކަތްތައް އަލުން ފެށުމަށް ދޭ ހުއްދައާ އެކު މަސައްކަތްތައް ކުރާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި މިހާރު ވެސް ފިލްމީ ދާއިރާއާ ވިލަރެސްކުރާ ބޮޑީތަކުން ގައިޑްލައިންތަކެއް އާންމުކޮށްފައިވާ ކަމަށެވެ.
ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި މި ދަނޑިވަޅުގައި ވަކިން ހާއްސަކޮށް މަސައްކަތް ފަށައި، ލޮކްޑައުނާ އެކު ހުއްޓައިލަން ޖެހުނު ފިލްމުތަކުގެ މަސައްކަތްތައް ނިންމުމިހެ ހުއްދަ ދޭން ޖެހެ އެވެ. އަދި އެހެން ނޫން ކަމަށްވާ ނަމަ އެ ފިލްމުތަކުގެ ޕްރޮޑިއުސަރުންނަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މިހާރު ވެސް ބައެއް ފިލްމުތައް ޝޫޓްކުރަން ހެދި ސެޓްތައް ރޫޅައިލަން ޖެހި، އެކަމުގެ ގެއްލުން އެތައް ކްރޯޑުން ލިބޭނެ ކަމަށް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ހިއްސާކޮށްފައިވެ އެވެ.
ލޮކްޑައުނާ އެކު އިންޑިއާގެ ހުރިހާ ސިނަމާތަކެއް ވެސް ވަނީ މާޗް މަހުގެ މެދުތެރެއިން ފެށިގެން ބަންދުކޮށްފަ އެވެ. އަދި އަލުން ހުޅުވޭނެ އިރެއް ނޭނގޭތީ މި އަހަރު ރިލީޒްކުރަން ތާވަލުކުރި ގިނަ ފިލްމުތަކަށްވާނެ ގޮތެއް ނޭނގި ވަނީ ބޮޑު ހާސްކަމަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެހެންވެ ގެއްލުން ކުޑަކުރަން ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވަނީ ޑިޖިޓަލްކޮށް ފިލްމުތައް ދޫކޮށްލަމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން ސިނަމާތައް ހިންގާ މީހުންނާއި ޑިސްޓްރިބިއުޓަރުންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.
ލޮކްޑައުނާ އެކު ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީ އާއި ޓީވީ އިންޑަސްޓްރީ ވެސް ވަނީ ހުއްޓުމަށް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy