މުނިފޫހިފިލުވުން / ބޮލީވުޑް

މަހީމާގެ ކެރިއަރު ހުއްޓުނީ ނުރައްކާތެރި އެކްސިޑެންޓަކުން

މަހީމާގެ އެހާރާއި މިހާރު.

އެކްސިޑެންޓެއްގައި ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށާއި އެ ހާދިސާގައި މޫނަށް ލިބުނު ގެއްލުންތަކާ ހެދި ވަރަށް ގިނަ ފިލްމުތަކެއް ދޫކޮށްލަން ޖެހުނު ކަމަށް ކުރީގެ ބަތަލާ މަހީމާ ޗައުރަދީ ބުނެފި އެވެ.

ސުބާޝް ގާއީގެ 1997 ގެ ފިލްމު "ޕަރުދޭސް" އިން ޝާހްރުކް ޚާނާ އެކު ބޮލީވުޑަށް ނުކުތް ބަތަލާ ބުނީ އޭނާ އެކްސިޑެންޓްވީ އަޖޭ ދޭވްގަނާ އެކު 1999 ގެ "ދިލް ކިޔާ ކަރޭ" ގެ މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު ކަމަށެވެ. އެގޮތުން އެެއް ދުވަހަކު ސްޓޫޑިއޯ އަށް ދިޔަ މަގުމަތީގައި، ބޮޑު ޓްރަކެއްގައި ކާރު ޖެހި މޫނު ވަރަށް ބޮޑަށް ޒަހަމްވި ކަމަށް މަހީމާ ބުންޏެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، އެ ހާދިސާ ހަނދާންކުރަމުން މަހީމާ ބުނީ އެކްސިޑެންޓާ ގުޅިގެން އެހީވާނެ ބަޔަކު ވެސް ނެތި އެތައް އިރެއް ވަންދެން ހޭދަކުރަން ޖެހުނު ކަމަށެވެ. އަދި އެންމެ ފަހުން ހޮސްޕިޓަލަށް ގެންގޮސް ސާޖަރީއެއް ހެދި އިރު އޭނާގެ މޫނުގެ އެތަންމިތަނުން، ކާރުގެ ބިއްލޫރިގަނޑުން މޫނަށް ހެރުނު 67 އެތިކޮޅު ނެގި ކަމަށް ބުންޏެވެ.

"ހިތަށް އެރި މި ހިސާބުން އަހަރެންގެ ދުވަސް ދިޔައީއޭ. މިހާރު ވެސް އެ ހަނދާންތައް އާވީމަ ރޮވޭ. ވަރަށް ހިތްދަތި ދުވަސްތަކެއް އެއީ،" މަހީމާ ބުންޏެވެ.

އޭނާ ބުނީ އެ އެކްސިޑެންޓުވި އިރު، ސޮއިކޮށްފައި ހުރި ގިނަ ފިލްމުތަކެއް ދޫކޮށްލަން މަޖުބޫރުވި ކަމަށެވެ. ސަބަބަކީ އޭނާ އަށް ދިމާވި ކަންތައްތަކުގެ ވާހަކަ ކިޔައިދީގެން ފިލްމު ހަދާ މީހުންގެ ހަމްދަރުދީ ހޯދަން ބޭނުން ނުވުމެވެ.

"އެ ދުވަސްވަރަކީ މިކަހަލަ ކަންކަމުގައި މީސްމީހުންގެ ފަރާތުން މާ ބޮޑު ސަޕޯޓެއް ވެސް ލިބޭ ދުވަސްވަރެއް ނޫން. އެހެންވެ އަހަރެން ބޭނުން ނުވީ އެ ވާހަކަ ދައްކަން. އަހަރެން އެ ވާހަކަ އޭރު ދެއްކި ނަމަ ވަރަށް ގިނަ ބަޔަކު އަހަންނާ ދިމާއަށް ބުނީސްކަންނޭނގޭ އެހެރީއޭ މިހާރު އޭނަ ހުރި ސިފަ، ކިހިނެއްހޭ އޭނައާ އެކު ފިލެއް ހަދާނީ؟ ހިނގާށޭ އެހެން ބަތަލާއަކު ހޯދަން،" މަހީމާ ބުންޏެވެ. "އެކަހަލަ ބަސްތައް އަޑުއަހާނެ ހިތްވަރު ނެތީމަ އަމިއްލަ އަށް ހުރިހާ ފިލްމުތަކެއް ވެސް ދޫކޮށްލީ."

އޭނާ ބުނީ ގިނަ ދުވަސްތަކެއް ވަންދެން ފަރުވާގައި އުޅެން ޖެހުނު ކަމަށާއި އޭރު ބޭރުތެރެއަށް ވެސް ނުނިކުންނަ ކަމަށެވެ. އަދި ނަސީބު ދިމާކުރި ގޮތުން ފަރުވާ އަށް ފަހު، މޫނުމަތީގައި ހުރި އައިބުތައް ވަރަށް ބޮޑަށް ފިލައިގެން ދިޔަ ކަމަށް ބުންޏެވެ.

މިހާރު ފިލްމުތަކުން ނުފެންނަނީ ކީއްވެތޯ އެހުމުން މަހީމާ ބުނީ އެންމެ ބޮޑު ސަބަބަކީ ފުރުސަތުތައް ނުލިބުން ކަމަށެވެ. އަދި ބައެއް މީހުން އަލުން އެކްޓިން އަށް ނުކުންނަން ހިތްވަރުދޭ ކަމަށް ވެސް ބުންޏެވެ. އެގޮތުން 2000 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަޅުކަން" ގެ ސަޕޯޓިން ރޯލެއް ކުޅުނީ އަކްޝޭ ކުމާރު ދިން ހިތްވަރުގެ ސަބަބުން ކަމަށް ބުންޏެވެ.

"ތެދަތަށް ބުނަންޏާ އަހަންނަކަށް ފަހަކުން ފުރުސަތެއް ނުވެސް ލިބޭ. އެކަމަކު އެކްޓިންއާ ދުރުގައި ހުއްޓަސް ފަހުންފަހުން އައިސް އެކި ކަހަލަ ލައިވް އިވެންޓްތަކާއި ޕްރޮމޯޝަނަލް ހަރަކާތް ފަދަ ކަންކަމުގައި ބައިވެރިވަމުން މި އަންނަނީ،" މަހީމާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މިހާރު އަންހެން ދަރިއަކު ވެސް ހުންނާތީ ދަރިފުޅުގެ ކަންކަމުގައިބިޒީކޮށް އުޅޭތީ އެކްޓިންއާ ދޭތެރޭ އެހާ ސީރިއަސްކޮށް ނުވިސްނަ އެވެ. މަހީމާ އާއި އާކިޓެކްޓެއް ކަމަށްވާ ބޮބީ މުކަރްޖީ 2006 ގައި ކުރި ކައިވެނި ވަނީ 2013 ގައި ރޫޅިފަ އެވެ.

"ސިންގަލް ޕޭރަންޓެއްގެ ގޮތުގައި ދަރިއަކު ބެލުމަކީ ވެސް ވަރަށް ބޮޑު ޒިންމާއެއް. އެއީ މުޅި އަވަށެއް ބެލެހެއްޓުން ކަހަލަ ކަމެއް." މަހީމާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ފިލްމީ އެއްވެސް ކަމަކާ ގުޅުން ނެތް މީހެއްގެ ހައިސިއްޔަތުން އެ ދާއިރާ އަށް ނުކުމެވުނީ މާ ބޮޑު ދައްޗަކާ ނުލަ އެވެ. އަދި އޭރު ލިބެމުން ދިޔަ ފުރުސަތުތަކާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ބުންޏެވެ.

"އަސްލު އަހަރެންގެ ސްޓަރަގްލް ފެށުނީ އިންޑަސްޓްރީ އަށް ނުކުތް ފަހުންނޭ ބުނެވިދާނެ. ހާއްސަކޮށް އެކްސިޑެންޓަށް ފަހު." މަހީމާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޮލީވުޑްގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން ވިދިޔާ ބާލަން އަކީ ވަރަށް ފާހަގަކޮށްލެވޭ ތަރިއެކެވެ. އަދި "ތުމާރީ ސުލޫ" ގައި ވިދިޔާ ކުޅުނު ރޯލް ވަރަށް ކަމުދާ ކަމަށް ބުންޏެވެ.

މަހީމާ، 46، ގެ ކެރިއަރުގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދާގް: ދަ ފަޔާ" އާއި "ދީވާނޭ" އާއި "ލައްޖާ"، "ދިލް ހޭ ތުމާރާ" އަދި "ސޭންޑްވިޗް" ފަދަ ފިލްމުތައް ހިމެނެ އެވެ.

1 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 63%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

11 June 2020

ފިލްމީ ދުނިޔޭގަ މީނާގެ މޫނުގެ ރީތިކަމުގެ ވާހަކަ ނުދައްކާ އެއްވެސް ބަތަލަކު ނުހުންނާނެއެވެ. އަޖޭ ކާޖޮލްގެ ފިލްމުން އެންމެން ހައިރާން ކޮށްލީ މަހީމާއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454