މުނިފޫހިފިލުވުން / މެންޓަލް ހެލްތް

އާމްދަނީ ނުލިބި ރަނގަޅަށް ނުކައި އެތައް އަހަރެއް ތަޖުރިބާކުރިން: ނަވާޒުއްދީން

ނަވާޒުއްދީން.

ކުރާނެ މަސައްކަތެއް ނުލިބި އާމްދަނީ ނުލިބި ރަނގަޅަށް ކާންބޯން ނުލިބި ހަޔާތުގެ ވަރަށް ހިތްދަތި 10 އަހަރެއް ތަޖުރިބާކުރި ކަމަށާއި އެ ދުވަސްވަރުގެ ތެރޭގައި އަމިއްލަ އަށް މަރުވާން ވެސް ވިސްނި ކަމަށް އެކްޓަރު ނަވާޒުއްދީން ސިއްދީގީ ބުނެފި އެވެ.

ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ އެކު ފިލްމު އިންޑަސްޓްރީގައި ގަދަވެފައިވާ މެންޓަލް ހެލްތު ނުވަތަ ނަފުސާނީ މައްސަލަތަކަށް އިޝާރާތްކޮށް ނަވާޒުއްދީން ބުނީ އޭނާ އަކީ ފިލްމީ ތަރިއަކަށްވާން ވެސް ކުރިން އެއްވެސް ވަރަކަށް ބޭނުންވި މީހެއް ނޫން ކަމަށެވެ.

"ކަންދިމާކުރި ގޮތުން އެ އިންޑަސްޓްރީއާ ހަމައަށް ދެވުނީ. އަހަރެން ބޭނުންވީ މަޝްހޫރު މީހަކަށް ވާކަށް ނޫން. އެކަހަލަ ހިޔާލެއް ފިކުރެއް، ހުވަފެނެއް ވެސް ނެތް. ބޭނުން ވަނީ ރަނގަޅަށް ކާލައިގެން އުޅެވޭ ވަރުގެ އާމްދަނީއެއް ލިބޭނެ މަސައްކަތެއް ލިބޭތޯ،" އިންޑިއާގެ މިހާރުގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި ގިނަ ފުރުސަތުތައް ވެސް ލިބޭ އެކްޓަރު ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މީހާ މާ ބޮޑެތި ހުވެފެންތަކަށް ދެކުމަކީ ވެސް ޑިޕްރެޝަނަށް ދާން މެދުވެރިވާ ސަބަބެއް."

ނަވާޒުއްދީން ބުނި ގޮތުގައި ފިލްމު ކުޅެން ފެށުމުގެ ކުރިން އޭނާ އާމްދަނީ ހޯދަން އެކި ކަހަލަ މަސައްކަތްތައް ކުރި އެވެ. އަދި ބައެއް ދުވަސްވަހު ކާނެ އެއްޗެއް ނުލިބިގެން ރައްޓެހިން ގޭގެ އަށް ގޮސްފައި ހުންނާނެ ކަމަށް ބުންޏެވެ.

"އަހަރެންގެ ހަޔާތުގައި ވަރަށް ހިތްދަތިކޮށް ދިހަ ވަރަކަށް އަހަރު އުޅެން ޖެހުނު. އެ ދުވަސްވަރު ކުރާނެ މަސައްކަތެއް ނުލިބިގެން ވަރަށް ބޮޑަށް ޑިޕްރެސްވެ ވި. އަދި އެކަމާ ހެދި ވަރަށް ގިނަ ފަހަރަށް އަމިއްލަ އަށް މަރުވުމުގެ ހިޔާލުތައް ވެސް ކުރެވުނު،" އޭނާ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި މީހާ މާ ބޮޑެތި ހުވެފެންތަކަށް ދެކުމަކީ ވެސް ޑިޕްރެޝަނަށް ދާން މެދުވެރިވާ ސަބަބެއް."

ފިލްމީ ދާއިރާ އަށް ނުކުތް ދުވަސްވަރު ނަވާޒުއްދީން، 46، ފިލްމުތަކުން ލިބެމުން ދިޔައީ ވަރަށް ކުދިކުދި ރޯލްތަކެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި 1999 ގެ "ސަރުފަރޯޝް" އާއި 2000 ވަނަ އަހަރުގެ "ޖަންގަލް" އާއި 2003 ގެ "މުންނާބާއީ އެމްބީބީއެސް" އަދި 2006 ގެ "އާޖަ ނަޗްލޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ނަމަވެސް ފަހުން ނަވާޒުއްދީންވެގެން ދިޔައީ ފިލްމުތަކުން ބޮޑެތި ރޯލްތައް ލިބެން ފެށި އަދި ބޮލީވުޑްގެ އެންމެ މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމުތަކުން ފުރުސަތު ލިބޭ އެކްޓަރަކަށެވެ. އަދި އޭނާ ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންނާ އެކު މިހާތަނަށް މަސައްކަތް ކޮށްފަ އުވެ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާނާ އެކު "ބަޖިރަންގީ ބައިޖާން" އާއި "ކިކް" އަދި ޝާހްރުކް ޚާންގެ "ރައީސް" ގެ އިތުރުން އަނޫރާގް ކެޝަޕްގެ "ގޭންގްސް އޮފް ވަސޭޕޫރް" ފަދަ ފިލްމުތައް ހިމެނެ އެވެ.

މި ފަހުން ފަހުން އައިސް ނަވާޒުއްދީން އަންނަނީ ފިލްމުތަކުގެ ލީޑް ރޯލްތައް ވެސް ކުޅެމުންނެވެ. އޭގެ ތެރޭގައި "ތަކެރީ" އާއި "މަންޓޯ" އާއި "ފޮޓޯގްރާފް" އާއި "މޯޓީޗޫރް ޗަކްނަޗޫރް" ހިމެނެ އެވެ.

ނަވާޒުއްދީންގެ އެންމެ ފަހުގެ ފިލްމަކީ ދާދި ފަހުން ޒީ5 އިން ސްޓްރީމްކުރި "ގޫމްކެޓޫ" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ބޯލެ ޗޫޅިޔާ" އެވެ.

އަމިއްލަ ހުނަރުން ފިލްމީ ކެރިއަރު ކާމިޔާބުކުރި ނަމަވެސް ނަވާޒުއްދީންގެ ޒާތީ ދިރިއުޅުން އަދިވެސް އެހާ އުފާވެރިއެއް ނޫނެވެ. އޭނާގެ ގާތުން ވަރިވާން އަންހެނުން ދާފި ފަހުން ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 83%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454