ސިލްސިލާ "ނާގިން 4" ގެ ފިނާލޭ ޕްރޮމޯއެއް

ކޮވިޑް-19އާ ހެދި އިންޑިއާގައި ލޮކްޑައުން އިއުލާންކުރުމުގެ ކުރިން ކަލާޒް ޗެނެލުން ދައްކަމުން ދިޔަ އެކްތާ ކަޕޫރްގެ ސުޕަނެޗްރުލް ސިލްސިލާ "ނާގިން 4" ނިންމައިލަން ނިންމާފައިވާތީގެ އޭގެ ފިނާލޭ އެޕިސޯޑްގެ ޕްރޮމޯއެއް ދައްކާލައިފި އެވެ.


ކަލާޒް އިން ސޯޝަލް މީޑިއާގައި އެ ހިއްސާކުރަމުން ބުނީ "ނާގިން 4" އަށް ނިމުން ގެނެސްދޭ އެޕިސޯޑް ވަރަށް އަވަހަށް ދައްކަން ފަށާނެ ކަމަށެވެ. ބެލެވޭ ގޮތުން އޭގެ ޝޫޓިން އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށާނެ އެވެ. ފިލްމީ މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު ތިބީ އަންނަ މަހު ޝޫޓިންތަކަށް ހުއްދަ ދޭނެ ކަމަށް ނިންމައިގެންނެވެ.

"ނާގިން 4" އިތުރަށް ކުރިއަށް ނުގެންގޮސް، ލޮކްޑައުންގެ ކުރިން ގެނެސްދިން ހިސާބާ ހަމައިން ހަމަޖެހޭ ގޮތަކަށް އޭގެ ވާހަކަ ނިންމާލައި، ފަސް ވަނަ ސީޒަން ގެނެސްދޭން ނިންމާފައިވާކަން އެކްތާ އިއުލާންކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

"ނާގިން 4" ދައްކަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ގަ އެވެ. އަދި ލޮކްޑައުންގެ ކުރިން އެންމެ ފަހުން އެޕިސޯޑެއް ގެނެސްދިނީ މާޗް 22 ގަ އެވެ. މި ސީޒަންގެ ލީޑް ކާސްޓްގައި ހިމެނުނީ ނިއާ ޝަރުމާ އާއި ވިޖަޔެންދުރަ ކުމޭރިއާ އާއި ޖޭސްމިން ބާސިނެވެ. އަދި ފަހުން ކާސްޓަށް އިތުރުވި ތަރިންގެ ތެރޭގައި "ނާގިން 3" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު އަނީތާ ހަސަނަންދާނީ އާއި "ބިގް ބޮސް 13" ގައި ވާދަކުރި ރަޝްމީ ދެސާއީ ހިމެނެ އެވެ.

"ނާގިން 5" ގެނެސްދޭނެ ވާހަކަ އެކްތާ ބުނި ފަހުން، އޭގެ ކާސްޓާ ބެހޭ ގޮތުން އެކި ކަހަލަ ވާހަކަތައް މީޑިއާތަކުގައި ދަނީ ދެކެވެމުންނެވެ. "ނާގިން 4" ނިންމައިލުމަށް ފަހު، "ނާގިން 5" ވަރަށް އަވަހަށް ގެނެސްދޭން ފަށާނެ ކަމަށް އެކްތާ ބުންޏެވެ. އެކަމަކު ކާސްޓުން އަދި ކަށަވަރެއްނުވެ އެވެ.