ކަޕިލް ޝަރުމާ ސިޓްކޮމް އެއް ކުޅެނީ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ސިޓްކޮމްއަކަށް ތައްޔާރުވާން ފަށައިފި އެވެ.


ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އޭނާގެ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެނެސްދޭ ސޮނީ ޓީވީގެ ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވް އެޕަށް ހަދާ ސިޓްކޮމްގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. ކަޕިލް އަކީ އެކްޓިން އަށް އާ މީހަކަށް ނުވެފައި އޭނާ އަކީ ކޮމެޑީ އަށް ކުޅަދާނަ މީހަކަށްވާތީ ސިޓްކޮމެއްގެ މަސައްކަތްކުރުމަކިީ މާ އުނދަގޫ ކަމަކަށް ވެސް ނުވާނެ އެވެ.

ކަޕިލް ވަނީ ކުރިން ދެ ފިލްމެއް ކުޅެފަ އެވެ. އެއީ 2015 ގެ "ކިސް ކިސް ކޯ ޕިޔާރު ކަރޫ" އާއި 2017 ގެ "ފިރަންގީ" އެވެ.

އޭނާ ކުޅޭ ސިޓްކޮމްގެ ތައްޔާރީތައްވަމުން ދިޔަ ނަމަވެސް އެއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެއީ ސީޒަންތަކަކަށް ގެނެސްދޭނެ، ވަރަށް މަޖާ އެއްޗަކަށްވާނެ އެވެ.

ކަޕިލް އަކީ އިންޑިއާގެ އެންމެ މަގުބޫލު ކޮމީޑިއަނެވެ. އޭނާގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާ ޗެނެލްތަކުން ގެނެސްދޭ ޓީވީ ޝޯތަކުގެ ޓީއާރްޕީ ލިސްޓްގެ ކުރީގައި އަބަދު ވެސް އޮންނަ ޝޯއެކެވެ.

އެ ޝޯ އަކީ ސޮނީ ޓީވީން ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ގެނެސްދޭ ޝޯއެކެވެ.