ނޮވެމްބަރު 3 ގެ "އޮޕަރޭޝަން ކެކްޓަސް" ގެ ފިލްމުގައި ޝާހިދު ކަޕޫރް

ރާއްޖޭގެ ބަޔަކު ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ވައްޓާލަން 1988 ގައި ދިން ޓެރަރިސްޓް ހަމާލާގައި އިންޑިއާ އިން ރާއްޖެ އަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް ހަދާ ފިލްމަކަށް ޝާހިދު ކަޕޫރް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޕީޕިންމޫން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑު ބަޖެޓަކުން ހަދާ މި އެކްޝަން ތުރިލާއަކީ ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ނެޓްފްލިކްސް އިން ހަދާ ފިލްމެކެވެ. ނަން އިއުލާންނުކުރާ ފިލްމުގައި ޝާހިދު ކުޅޭނީ އޮޕަރޭޝަން ކެކްޓަސްގެ އިސްކޮށް ހުރި އެއް ކޮމާންޑަރު ކަމަށްވާ ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.

މީޑިއާތަކުން ބުނި ގޮތުގައި ރާއްޖޭގެ ތާރީހުގައި މިހާތަނަށް ސިޔާސީ ގޮތުން ހިނގާފައިވާ އެންމެ ނުރައްކާތެރި އަދި ބިރުވެރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމު ޑައިރެކްޓްކުރާނީ އަދިތިޔާ ނިމްބާލްކަރެވެ. އޭނާ އަކީ ޝާހިދު ކުޅުނު ފިލްމުތައް ކަމަށްވާ 2014 ގެ "ހައިދަރު" އާއި 2018 ގެ "ރަންގޫން" އާއި 2009 ގެ "ކަނީމޭ" ގައި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖާ އެކު އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ޝާހިދާ އެކު އޭނާ ހަދާ ފިލްމުވެގެން ދާނީ ރަސްމީކޮށް ޑައިރެކްޝަނަށް ނުކުންނަ ފުރަތަމަ ފިލްމަށެވެ.

ޕީޕިންމޫން އިން ބުނި ގޮތުގައި ރާއްޖޭގެ ވެރިރަށް މާލޭގައި ނޮވެމްބަރު 3، 1988 ގައި ކުރި ހަނގުރާމަ އަށް ބިނާކޮށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ވެސް ފައިނަލްކޮށް، ޕޮލިޝްކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރު ކަމަށް ބުންޏެވެ.

މީޑިއާތަކުން ބުނީ ފިލްމުގެ ޝޫޓިން ފަށާނީ ޝާހިދު ކުޅެން ފަށާފައި އޮތް "ޖާޒީ" ގެ މަސައްކަތް ނިންމައިލުމަށް ފަހު ކަމަށްވާތީީ "އޮޕަރޭޝަން ކެކްޓަސް" އަށް ހަދާ ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ.

މި ފިލްމު ނެޓްފްލިކްސް އިންޓަނޭޝަނަލް ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ޕްރޮމޯޓްކުރަން ނިންމާފައިވާ އިރު މިދިޔަ އެޕްރީލް މަހު އެ ޕްލެޓްފޯމުން ޕްރިމިއާކުރި ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" އާއި މިދިޔަ އަހަރު ޕްރިމިއާކުރި ބެން އެފްލެކްގެ "ޓްރިޕްލް ފްރޮންޓިއާސް" އަށް ދިން ވަރުގެ ސަމާލުކަމެއް ޝާހިދުގެ ފިލްމަށް ދޭނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްކޮށްގެން ހުރެގެން މައުމޫންގެ ވެރިކަން ވައްޓައިލަން ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓަމިލް އީލާން (ޕްލޮޓް) ގެ 80 އެއްހާ ޓެރަރިސްޓުން ހަތިޔާރާ މާލެ އަރައި ހިންގި ނާކާމިޔާބު ބަޢާވަތުގައި 19 މީހަކު ޝަހީދުވި އެވެ. އޭގެ ތެރެއިން އަށް މީހުންނަކީ ދިވެހި ސިފައިންގެ އޮފިސަރުންތަކެކެވެ.