ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޖޯން އަބްރަހަމްގެ "ސަތިޔަމޭޖް ޖަޔަތޭ 2" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.


ކުރިން މި ފިލްމަކީ އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ގެންނަ ގޮތަށް އިއުލާންކުރި ފިލްމެކެވެ. އެކަމަކު މިހާރު ތާވަލުކޮށްފައިވާ ގޮތުން ސިނަމާތަކަށް ފިލްމު އަންނާނީ އަންނަ އަހަރުގެ މެއި މަހުގެ 12 ގަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކާ ހެދި ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވިގެން، އަންނަ އަހަރަށް ފަސްކުރީ އެވެ. މިހާރު ތާވަލުކޮށްފައިވާ، މިލަޕް މިލަން ޒަވޭރީ ލިޔެ، ޑައިރެކްޓްކުރާ "ސަތިޔަމޭވް ޖަޔަތޭ 2" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ލަކްނޫގައި ފަށާނެ އެވެ. ފިލްމުގެ ބޮޑު ބައި ޝޫޓް ވެސް ކުރާނީ އެތަނުގަ އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" އަކީ މިލަޕް ޖޯންއާ އެކު 2018 ގައި ގެނެސްދިން "ސަތިޔަމޭޖް ޖަޔަތޭ" ގެ ދެވަނަ ބައެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓެވެ.

މި ފަހަރު ފިލްމުގެ ބަތަލާ އަކީ ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

"ގިނީ ވެޑްސް ސަނީ" އަންނަ މަހުގެ 9 ގައި

ޒުވާން ދެ ތަރިން ކަމަށްވާ ޔާމީ ގޯތަމާއި ވިކްރާންތު މަސީ ލީޑް ރޯލް ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ "ގިނީ ވެޑްސް ސަނީ" އަންނަ މަހުގެ 9 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ ގޮތަށް ނިންމައި، ފިލްމުގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.

ޕުނީތު ކަންނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުވެގެން ދާނީ ޔާމީ އާއި ވިކްރާންތުގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މީގެ ކާސްޓުންގެ ތެރޭގައި މާންސީ ޝަރުމާ ވެސް ހިމެނެ އެވެ.

"ގިނީ ވެޑްސް ސަނީ" ގެ ޕޯސްޓަރާ އެކު ވަނީ ފިލްމުގެ ލަވައެއް ކަމަށްވާ "ލޮލް" ގެ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ.

"ސީރިއަސް މެން" ގެ ޓްރެއިލާ

އަންނަ މަހުގެ 2 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރާ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ފިލްމު "ސީރިއަސް މެން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ "ހަޒާރޯ ޚުވާއިޝޭ އެއިސީ" އާއި "ޗަމޭލީ" އަދި "އިންކާރް" ފަދަ ފިލްމުތައް ގެނެސްދިން ސުދީރު މިޝްރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ސީރިއަސް މެން" ގެ ކާސްޓުންގެ ތެރޭގައި ޝްވޭތާ ބާސޫ ޕްރަސާދާއި އިންދިރާ ތިވާރީ އާއި ނައްސާރް އަދި ސަންޖޭ ނަވްރޭކަރް ހިމެނެ އެވެ.

"ސީރިއަސް މެން" އަކީ އިންޑިއާގެ ލިޔުންޔެރިޔާ މަނޫ ޖޯސެފް ހަމަ އެ ނަމުގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

"ބްރައްމަރަކްޝަސް 2" ގެ ޕްރޮމޯ

މީގެ ތިން އަހަރު ކުރިން އެކްތާ ކަޕޫރް ޒީޓީވީން ގެނެސްދިން ސުޕަނެޗްރަލް ސިލްސިލާ "ބުރައްމަރަކްޝަސް" ގެ ދެވަނަ ސީޒަންގެ ޕްރޮމޯ ދައްކާލައިފި އެވެ.

ދައްކަން ފަށާނެ ތާރީހެއް އަދި އިއުލާން ނުކުރާ ސިލްސިލާގެ މައިގަނޑު ރޯލްތަކުން މި ފަހަރު ފެނިގެންދާނީ ޕާލް ވީ ޕޫރީ އާއި ނިކީ ޝަރުމާ އެވެ.

"ބުރައްމަރަކްޝަސް" ގެ ފުރަތަމަ ސީޒަނުގައި ލީޑް ރޯލް ކުޅުނީ ކްރިސްޓަލް ޑި ސޫޒާ އާއި އަހަމް ޝަރުމާ އެވެ. އެ ސިލްސިލާ އަކީ އޮގަސްޓް 6، 2016 އިން ފެބްރުއަރީ 18، 2017 އާ ހަމައަށް ގެނެސްދިން އެއްޗެކެވެ. އެ މުއްދަތުގެ ތެރޭގައި 57 އެޕިސޯޑް ދެއްކި އެވެ.