ޖެކްލިން އަދި އާލިއާ.
12 އޮކްޓޯބަރ 2020 - 08:38
ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ އާ ފިލްމުގެ ޝޫޓިން އަށް ބަތަލާ ވާނީ ކަޕޫރް ޗަންދީގަޅަށް ހިނގައްޖެ އެވެ.
ޒުވާން ބަތަލާ އެ ސިޓީ އަށް ދިއުމުގެ ކުރިން އަދި ނަން އިއުލާންނުކުރާ ފިލްމުގެ ބަތަލު އަޔޫޝްމަން ކްރާނާ ވަނީ އެތަނަށް ގޮސް، ޝޫޓިން ފެށުމުގެ ތައްޔާރީތައް މިދިޔަ މަހުގެ ފަހުކޮޅު ފަށައިފަ އެވެ. ވާނީ ޗަންދީގަޅަށް ދިޔައީ މިދިޔަ މަހުގެ ފަހުކޮޅު ސްކޮޓްލެންޑްގައި "ބެލް ބޮޓަމް" ގެ މަސައްކަތް ވެސް ނިންމައިލުމަށް ފަހު އެވެ.
"ރޮކް އޯން" އާއި "ކޭދަރުނާތު" އާއި "ކައި ޕޯ ޗޭ" ފަދަ ފިލްމުތައް ގެނެސްދިން އަބީޝެކާ އެކު، އަޔޫޝްމަން މަސައްކަތްކުރާ ފުރަތަމަ ފިލްމުގައި އޭނާ ކުޅޭނީ އެތުލީޓެއްގެ ރޯލެވެ. އަދި މިއީ ލޯބީގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.
އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ މި ފިލްމުވެގެން ދާނީ އަޔޫޝްމަނާއި ވާނީގެ ޖޯޑު ވެސް އެކީގައި ފެންނާނެ ފުރަތަމަ ފަހަރަށެވެ.
މިހާތަނަށް މުޅިން ވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުތައް ކުޅުނު ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ވޯ" އެވެ.
ބަތަލާ ޖެކްލީން ފެނަންޑޭޒް ބްރޭންޑް އެމްބަސެޑަރެއްގެ ގޮތުގައި އިޝްތިހާރުކޮށް ދެމުން ދިޔަ ހެއާކެއާ ބްރޭންޑް ޓްރެސެމޭ އިންޑިއާގެ އެމްބެސެޑަރަށް އާލިއާ ބަޓް ހަމަޖައްސައިފި އެވެ.
މި ބަދަލާ އެކު ކުރިއަށް އޮތް ތަނުގައި ޓްރެސެމޭގެ އުފެއްދުންތައް އިޝްތިހާރުކޮށްދޭނީ އާލިއާ އެވެ. އާލިއާ އާއި ޖެކްލިން އަކީ މިހާރު ވެސް ގިނަ ބްރޭންޑްތައް އެންޑޯޒްކޮށްދޭ ދެ ތަރިންނެވެ.
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނަށް ފިލްމުތައް ކުޅެގެން ބޮޑު އާމްދަނީ ލިބުމުގެ އިތުރަށް އިޝްތިހާރުތައް ކުޅެގެން ވެސް ބޮޑު އަގެއް ލިބެ އެވެ.
މި މަހުގެ 29 ގައި ޒީ5 އިން ޕްރިމިއާކުރާ ފިލްމު "ތައިޝް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
"ޑޭވިޑް" އާއި "ވަޒީރު" ފަދަ ޑާކް ފިލްމުތައް ގެނެސްދިން ބިޖޯއި ނަމްބިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ ރިވެންޖް ޑްރާމާއެކެވެ.
މީގެ ކާސްޓުގައި ހިމެނެނީ ޕުލްކިތު ސަމްރާޓާއި އޭނާގެ ލޯބިވެރިޔާ ކްރިތީ ކަރްބަންދާ އާއި ހާޝްވަރުދަން ރާނޭ އާއި ޖިބް ސަރްބް އާއި ޓީވީ ބަތަލާ ސަންޖީދާ ޝެއިހާއި ޒޯ މޮރާނީ އާއި އަބިމަންޔޫ ސިންގެވެ.
ސްޓާ ޕްލަސް އިން "ޑާންސް ޕްލަސް" ގެ ނަމުގައި ޑާންސް ޝޯއެއް ގެނެސްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަމުން އަންނަ ކޮރިއޮގްރާފަރު/ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ހިއްސާވާ އާ ޝޯއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
ބެލެވޭ ގޮތުން މިއީ ލަވަ ކިޔުމުގެ ހުނަރު ދައްކައިލާނެ ޝޯއެކެވެ. އެހެންވެ ރެމޯ ޝޯގައި އަދާކުރާނެ ދައުރެއް މުޅިއަކުން ކަށަވަރެއް ނުވެ އެވެ. ނަން އިއުލާން ނުކުރާ ޝޯގެ ޕްރޮމޯއެއް ވެސް މިހާރު ދައްކަމުން އަންނަ އިރު، މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ހާމައެއްނުކުރެ އެވެ.
ޕްރޮމޯގައި ބުނަނީ ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ ކަމަށެވެ. ސްޓާ ޕްލަސް އިން ބުނަނީ މި ޝޯވެގެން ދާނީ ބެލުންތެރިންނަށް ގެނެސްދޭ ސަޕްރައިޒަކަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy