އަޖޭ ދޭވްގަން ވެސް ޕްރަބާސްގެ "އަދިޕުރުޝް" ގައި؟

"ބާހްބަލީ" ކުޅެގެން ވިދައިލި ތެލެގޫ އެކްޓަރު ޕްރަބާސްގެ ބޮޑު ބަޖެޓް ފިލްމު "އަދިޕުރުޝް" ގެ ވިލަންގެ ރޯލަށް ސައިފް އަލީ ޚާން ސޮއިކޮށްފައި ވަނިކޮށް، އެ ފިލްމުން އަޖޭ ދޭވްގަން ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި އަޖޭގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތު ޑައިރެކްޓްކުރާ "އަދިޕުރުޝް" ގައި އަޖޭ ކުޅޭނީ ލޯޑް ޝިވާގެ ރޯލެވެ. އަދި އެ ރޯލާ ބެހޭ ގޮތުން އަޖޭއާ އެކު އަދިވެސް މަަޝްވަރާތައް ކުރެވެމުން އަންނަ އިރު، އޭނާ ފިލްމަށް އެއްބަސްވާނެކަމުގެ އިޝާރާތްތަކެއް ވެސް ދީފައިވާ ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އޯމް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަންނަ އަހަރު ޝޫޓިން ފަށާ "އަދިޕުރުޝް" އަކީ 2022 ގައި ތްރީޑީކޮށް ގެނެސްދޭނެ ފިލްމެކެވެ. އަދި މި ފިލްމު ހިންދީ، ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ ބަހުން ގެނެސްދޭނެ އެވެ.

އަޖޭގެ އަތުގައި މި ވަގުތު ވެސް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ތަރިންނާއި ޑައިރެކްޓަރަކު ލީޑްކުރާ ފިލްމެއް އެބައޮތެވެ. އެއީ "ބާހްބަލީ" ގެނެސްދިން އެސްއެސް ރާޖަމޯލީ ޑައިރެކްޓްކުރާ "އާރްއާރްއާރް" އެވެ. އެ ފިލްމުގެ ލީޑް ބަތަލުންނަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. އަދި ބަތަލާ އަކީ ބޮލީވުޑްގެ އާލިއާ ބަޓެވެ.

ޕްރަބާސްއާ އެކު "އަދިޕުރުޝް" އިން އަޖޭ އާއި ސައިފް ފެނުންވެގެން ދާނީ "ތާނާޖީ" އަށް ފަހު އެ ދެ ތަރިން އަނެއްކާ ވެސް އެކީގައި ފެންނާނެ ފިލްމަކަށެވެ. އެކަމަކު އިންތިޒާރުކޮށްލަން ޖެހެނީ އަޖޭ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށްދޭނެ އިރަކަށެވެ.

އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި "މައިދާން" އާއި "ތޭންކް ގޯޑް" އާއި ތަމަޅަ ފިލްމު "ކައިތީ" ގެ ރިމެކްގެ އިތުރުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސުޕަހީރޯ ފިލްމެއް ހިމެނެ އެވެ.