ދެ އަހަރު ފަހުން ޝާހްރުކް ޚާން ފިލްމެއްގެ ޝޫޓިން ފަށައިފި

އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރު ފަހުން ޝާހްރުކް ޚާން ކުޅޭ ފުރަތަމަ ފިލްމު "ޕަތާން" ގެ ޝޫޓިން ބުދަ ދުވަހު ފަށައިފި އެވެ.


ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރާ މި އެކްޝަން ތުރިލާގެ ޝޫޓިން ފެށީ ވައިއާރްއެފްގެ ސްޓޫޑިއޯއިންނެވެ. ބައެއް މީޑިއާތަކުން ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ. ތަންކޮޅެއް ދުރުން ނަގާފައިވާ އެ ފޮޓޯތަކުން ޝާހްރުކް ދިގު އިސްތަށިގަނޑެއްގައި އުޅޭތަން ފެނެ އެވެ.

"ޕަތާން" އަށް އޭނާ އިސްތަށިގަނޑު ދިގުކޮށްފައިވާ ކަމަށް މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވެ އެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފާ އެކު ސިދާތު ގެނެސްދިން "ވޯ" އަށް ފަހު އޭނާ ހަދާ ފުރަތަމަ ފިލްމެވެ. އަދި "ޕަތާން" އަކީ އޭނާގެ ފިލްމެއް ޝާހްރުކް ކުޅޭ ފުރަތަމަ ފަހަރެވެ.

މި ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމާއި ދީޕިކާ ޕަދްކޯން ވެސް ހިމެނެ އެވެ. މީޑިއާތަކުން ބުނީ އެ ދެ ތަރިން ކްރޫއާ ގުޅޭނީ "ޕަތާން" ގެ މަންޒަރުތައް އިންޑިއާ އިން ބޭރުގައި ނަގަން ފެށުމުން އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. މީގެ ވަރަށް ބޮޑު ބައެއް އިނގިރޭސިވިލާތުގައި ޝޫޓްކުރާނެ އެވެ.

ބައެއް މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި "ޕަތާން" ގެ ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ. އަދިި އޭނާ ފިލްމަށް 12 ދުވަހު ޝޫޓްކުރާނެ އެވެ.

"ޕަތާން" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު ދިވާލީއާ ދިމާކޮށެވެ.

ޝާހްރުކް އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ގެ "ޒީރޯ" އެވެ. އޭނާ އެކްޓިން އިން ބްރޭކެއް ނެގީ އެ ފިލްމަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.

"ޕަތާން" އަށް ފަހު ޝާހްރުކް ކުޅޭނެ ކަމަށް ބެލެވޭ ފިލްމުތަކުގެ ތެރޭގައި ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ ސޯޝަލް ކޮމެޑީއަކާއި ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ އެކްޝަން ފިލްމެއް ހިމެނެ އެވެ.