ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ

ޑިޖިޓަލް މުވާސަލާތުތަކުގެ އިސް ބަހާއެއް ކަމަށްވާ ޔުނިކޯޑުގެ 11 ވަނަ އަދަދު މިއަދު ނެރޭނެ އެވެ. އެއާ އެކު އިމޯޖީ އާއިލާ އަށް މެންބަރުންތަކެއް އިތުރުވާނެ އެވެ.


އިހެކޭ އެއްފަދައިން، ޔުނިކޯޑް ކޮންސޯޓިއަމުން ވިލަރެސްކޮށް ތަރައްގީކުރުމަށް ފަހު ރިބަން ކަނޑައިލާ މި އާ އަދަދުގެ ވެސް އެންމެ ޝައުގުވެރި ބަޔަކީ މިހާރު އެއާ ނުލައި ޗެޓުލޮގު ފަޅުފިލުވައިލުން އުނދަގޫ، އެކި ކުލަކުލައިގެ އެކި ބައްޓަމުގެ އިމޯޖީތަކެވެ.

ގުރަ އާއި ލާމާ އާއި ދޮން އަނބާއި ޓެޑީބެއާ އިން ފެށިގެން ގޮސް ބުޅި އިސްތަށިގަނޑާއި ހުދު އިސްތަށިގަނޑުގެ އިތުރުން ތަލަ ރަމްޒުކޮށްދޭ އިމޯޖީއަކާ އެކު 66 މެންބަރެއް މިފަހަރު އަލަށް އިމޯޖީ އާއިލާއަށް އިތުރުވާނެ އެވެ.

ނަމަވެސް މި އިމޯޖީތަކުގެ ބައްޓަމާއި ސިފަތައް ބަލައިލާހިތުން ތިބި މީހުންނަށް އަދި އޮތީ އިންތިޒާރެކެވެ. ޔުނިކޯޑް ކޮންސޯޓިއަމުން މިއަދު އާންމުކުރި ނަމަވެސް، އިމޯޖީތައް ކީބޯޑުތަކަށާއި އިނގިލިކުރިތަކަށް ގެނެސްދިނުމުގެ ޒިންމާ އޮތީ އެޕްލިކޭޝަންތައް އުފައްދާ ފަރާތްތަކުގެ އަތްމަތީގަ އެވެ.

އިމޯޖީގެ ކުރީގެ އަދަދުތައް ސްމާޓް ފޯނުތަކަށާއި އެޕްތަކަށް އައުމަށް ހޭދަވި މުއްދަތަށް ބަލައި، އިމޯޖީޕީޑިއާއިން ލަފާކުރާ ގޮތުގައި ޓުވިޓާ، ފޭސްބުކް އަދި މައިކްރޮސޮފްޓް އެޕްލިކޭޝަންތަކުން އަންނަ އޯގަސްޓުގެ ކުރިން، މީގެ އިމޯޖީއެެއް ފޮނުވައިލެވޭވަރު ވާނެ އެވެ. ގޫގުލް އާއި އެޕަލްގެ އުފެއްދުންތަކަށް ލަސްވެގެން ޑިސެންބަރަށް އަދި ސެމްސަންގުގެ އުފެއްދުންތަކަށް އަންނަ ފެބުރުއަރީ ހިސާބުގައި އިމޯޖީތައް ފޯރާނެކަމަށް ވެއެވެ.

ޔުނިކޯޑް ކޮންސޯޓިއަމުން މި ދިޔަ މޭ މަހު ވަނީ އިމޯޖީގެ 12 ވަނަ އަދަދަށް އަލަށް ވާދަކުރާ "މެންބަރުން" ވެސް އިއުލާނުކޮށްފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ "ހުދު ހިތެކެ"ވެ. އިމޯޖީ 12.0 އާންމުކުރާނީ 2019 ގަ އެވެ.

އެކަމަކު، ހުދު ހިތަށާއި އަނބަށާއި ތަލައަށް ވެސް އަދި މި އޮތީ އިންތިޒާރުކުރުމެވެ.