ހިތުގެ ބައްޔާއި ސްޓްރޯކުން ދުރެވެ ހުންނަން ހެނދުނުގެ ނާސްތާ މުހިންމު

ހެނދުނުގެ ނާސްތާ ނެގުމުގެ މުހިންމުކަމާ ބެހޭ ގޮތުން ކުރެވޭ ދިރާސާތައް ގިނަ އެވެ. އަނެއްކާ ވެސް އޭގެ ދިރާސާއެެކެވެ.


އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ ޖާނަލްގައި ހޯމަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނީ ހެނދުނުގެ ނާސްތާ ދޫކޮށްލަން ހެޔޮ ނުވާނެ ކަމަށެވެ. އޭގައި ބުނީ ހެނދުނުގެ ނާސްތާ ނުނަގާ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވުން ގާތް ކަމަށެވެ. އެގޮތުން ހެނދުނުގެ ނާސްތާ ގަވައިދުން ނުނަގާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަކިން ބޮޑުވާ ކަމަށް ބުންޏެވެ.

މި ދިރާސާގައި މީހާގެ ޖިންސާއި އުމުރާއި ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އާއި ޑައިޓާއި ލައިފް ސްޓައިލާއި މާލީ ހާލަތާއި މީހާގެ ސިއްހީ ދުޅަހެޔޮކަމުގެ މިންވަރަށް ބިނާކޮށް ބުނީ އެއްގޮތަކަށް ވެސް ހެނދުނުގެ ނާސްތާ ނުނަގާ މީހުންނަކީ ހިތުގެ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު 87 ޕަސަންޓަށް އޮތް މީހުން ކަމަށެވެ.

"އަބަދު ވެސް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ނާސްތާ. އޭގެ މާނަ އަކީ ނާސްތާ ގަވައިދުން ނަގާ މީހުންނަކީ ސިއްހީ ގޮތުން އެ ނޫން މީހުންނާ އަޅާކިޔާ ނަމަ ދިގު މުއްދަތުގެ ފައިދާތައް ބޮޑު މީހުންނޭ،" ދިރާސާގައި ބައިވެރިވި އަޔޯވާ ޔުނިވަސިޓީގެ އެސިސްޓަންޓް ޕްރޮފެސަރު ޑރ. ވެއި ބާއޯ ވިދާޅުވި އެވެ.

އާއިލާއެއް ނާސްތާގައި.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ހެނދުނުގެ ނާސްތާ ގަވައިދުން ނަގާ މީހުންނަށް ހަކުރު ބައްޔާއި ހައިޕަޓެންޝަން އަދި ލިޕިޑް ޑިސްއޯޑަ (ލޭ/ކޮލެސްޓްރޯ/ފެޓްގެ ލެވެލް މަތިވުން) ފަދަ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ކުޑަ އެވެ.