ދުބާއީގެ ސެލޫނަކުން ނެނީންގެ ބޯ ހިލޭ ކޮށައިދެނީ

ބައެއް ވަޒީފާތަކުގައި އުޅޭ މީހުންނާ މެދު ގެންގުޅޭ ތަފާތުކުރުން ނައްތާލައި، އެންމެންނަށް ވެސް އިހްތިރާމްކުރުން ޕްރޮމޯޓްކުރުމުގެ ގޮތުން ދުބާއީގެ ސެލޫނަކުން، ގޭތެރޭގެ މަސައްކަތްކުރުމަށް ގެންގުޅޭ އަންހެނުންގެ ބޯ ހިލޭ ކޮށައިދޭ ކެމްޕޭނެއް ފަށައިފި އެވެ.


ނެނީންގެ ބޯ ސްޓައިލްކޮށްދޭ މި ކެމްޕޭނަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ސެލޫންގެ ވެރިޔާ ކޭޓް ޑާލިން ހަލީޖް ޓައިމްސް އަށް ބުނީ މިކަން ފެށީ ނެނީންނާއި ނޯކަރުން ވެސް ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އޭނާ ބުނި ގޮތުގައި އެފަދަ މީހުން ކޮށްދޭ މަސައްކަތްތަކުގެ ސަބަބުން އާއިލާތަކަށް ބޮޑު ލުޔެއް ލިބެ އެވެ. އެހެންވެ މިކަން ބަލައިގަންނަން ޖެހޭ ކަމަށް ބުންޏެވެ.

"ދުބާއީ އަކީ އެކި ގައުމުތަކުގެ މީހުން ވަޒީފާ އަދާކުރާ ތަނެއް. އެހެންވީމާ އާއިލާ ދޫކޮށް އައިސް މިތަނުގައި މަސައްކަތް ކުރާ ހުރިހާ ގިންތިއެއްގެ މިހުންގެ އަވަޒަންކޮށް، އެ މީހުންގެ ހިދުމަތްތައް މުޖުތަމައުއިން ވެސް ބަލައިގަންނަން ޖެހޭ،" ކޭޓް ބުންޏެވެ. "އަހަރެމެން މި ފެށި މަސައްކަތަކީ ނެނީންނާއި ނޯކަރުންނަށް އެ އިހުސާސްކޮށް ދިނުން. އެ މީހުންގެ މޫނުމައްޗަށް އިތުރު ހިނިވުންވުމެއް ގެނުވުން."

ހިލޭ ބޯކޮށައި، ސްޓައިލްކޮށް ދޭން ފެށި ހަރަކާތް އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އަދި ހުރިހާ ގަޑިއެއްގައި ވެސް ހިދުމަތް ލިބޭނެ އެވެ.

މި ހިދުމަތް ހޯދި ދުބާއީގައި ވަޒީފާ އަދާކުރާތާ ފަސް އަހަރުވީ ޕިލިޕީންސް މީހެއް ކަމަށްވާ ލޮރެޓާ ރޮބްލްސް ބުނި ގޮތުގައި މިއީ ގިނަ ބަޔަކު ބަލައިގަންނަ ކަމެކެވެ.

"އަހަރެން ވަރަށް އުފަލުން މިހުރީ. އެ މީހުން އަހަރެންގެ ބޯ ކޮށައިދިންލެއް ވަރަށް ވެސް ރީތި. މިހާރު އިހުސާސް ކުރެވޭ އަހަންނަކީ ވެސް ވަރަށް ހާއްސަ މީހެއްކަން،" އޭނާ ބުންޏެވެ.