އިންޑިއާގެ ސިޔާސީ މީހުންގެ އަނބިން ބްލެކްމެއިލްކުރާ މީހަކު ހޯދަނީ

އިންޑިއާގެ ފިރިހެނަކު އަންހެނެއްގެ ނަމުގައި ފޭސްބުކް އެކައުންޓެއް ހަދައިގެން، ލަކްނޫ ސަރުކާރުގެ އޮފިޝަލުންތަކެއްގެ އަނބިންނަށް ފްރެންޑް ރިކްއެސްޓް ފޮނުވުމަށް ފަހު، އެ މީހުންނަށް ގުޅައި ބްލެކްމެއިން ކުރަމުން ދިޔަ މައްސަލެއް ފަޅާއަރައި، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.


މީޑިއާތަކުން ބުނީ އެ ފިރިހެން މީހާގެ ފޭސްބުކް ނަމަކީ ސާކްޝީ ޕަޓޭލް ކަމަށާއި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އަންގާރަ ދުވަހު ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅި ސަރުކާރުގެ އޮފިޝަލެއްގެ އަންބަކު ބުނިގޮތުގައި ސާކްޝީގެ ފްރެންޑް ރިކްއެސްޓް އޭނާ އަށް ލިބުނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު ސާކްޝީ "ހައި" ޖެހުމުން "ބާއްޖަވެރި ހެނދުނަކަށް" މަރުހަބާކީ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ސާކްޝީގެ އަސްލު ފަޅާއެރީ ރޭގަނޑު އޭނާގެ މެސެންޖާ އިން ވީޑިއޯ ކޯލްކުރުމުން ކަމަށް އަންހެން މީހާ ބުންޏެވެ.

"އޭނާ ވީޑިއޯ ކޯލްކުރި އިރު ހުރީ ބަރަހަނާ ހާލުގައި. އަދި ދެއްކީ ވެސް ޖިންސީ ވާހަކަތަކެއް. ދެން ވަގުތުން އަހަރެން ފޯނު ކަނޑާލީ،" އޭނާ ބުންޏެވެ. "މިކަން އަސްލު ވަރަށް ބޮޑު ޝޮކަކަށްވީ."

އަންހެން މީހާ ކިޔައިދިން ގޮތުގައި ސާކްޝީ ފަހުން ވެސް ތަކުރާރުކޮށް ގުޅި އެވެ. އެކަމަކު ކޯލަށް ޖަބާވު ނުދިނުމުން ކޯލްގެ ސްކްރީންޝޮޓް އެބަހުރި ކަމަށާއި އޭނާގެ ފޮޓޯތައް ހަދައި، އިންޓަނެޓްގައި ދައުރުކުރާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ވެސް ދޭން ފެށި ކަމަށް ބުންޏެވެ.

ލަކްނޫގެ ވިބޫ ޚާންދު ޕޮލިސް ސްޓޭޝަންގެ އިންޗާޖް ރަޖީވް ވިދާޅުވިގޮތުގައި ލަކްނޫ ފުލުހުންގެ ސައިބާ ސެލް ޔުނިޓުން މިހާރު އަންނަނީ އެ ފިރިހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފޭސްބުކުން ލިބޭ ފްރެންޑް ރިކްއެސްޓްތައް ގަބޫލުކުރުމުގައި ސަމާލުވާން ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.