ލޭމައްޗަށްދާ މީހުން ބޭސް ކާން ރަނގަޅު ވަކި ވަގުތެއް އޮވޭތަ؟

ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން ބޭނުންކުރާ ބޭސް ކާން ރަނގަޅީ ރޭގަަނޑު ނިދުމާ ގާތްކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން ބޭހުން ލިއްބައިދޭ ފައިދާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


ޔޫރަޕިއަން ހާޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ސްޕެއިންގެ ވިގޯ ޔުނިވަސިޓީގެ ރިޕޯޓްގައި ބުނިގޮތުގައި ރޭގަނޑު ބޭސްކައިގެން ނިދުމަކީ ސްޓްރޯކާއި ހާޓްއެޓޭކް ޖެހުން ފަދަ ސިއްހީ ބޮޑެތި މައްސަލަތަކުން ރައްކާތެރިކޮށްދޭން ބާރު އަޅާ ކަމެކެވެ.

މި ދިރާސާ ހަދާފައި ވަނީ ލޭގެ ޕްރެޝަރަށް ބޭސްކާ 19،000 އަށް ވުރެ ގިނަ މީހުން ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއް ބަޔަކީ ދުވާލު ކޮންމެވެސް ވަގުތެއް (މިސާލަށް ހެނދުނު) ބޭސް ކެއި މީހުންނެވެ. އަނެއް ބައި މީހުންނަށް ބޭސް ދިނީ ރޭގަނޑު ނިދުމުގެ ކުރިން ނިދުމާ ގާތްކޮށްފަ އެވެ. މި ގޮތަށް ދެ ގްރޫޕްގެ މީހުންނަށް ބޭސް ދީގެން ފަސް އަހަރެއްހާ ދުވަހަށް އެ މީހުންގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކުރި އިރު، ނިދާ އިރު ބްލެޑް ޕްރެޝަރު ބޭސް ކޭ މީހުންނަށް ސްޓްރޯކާއި ހާޓްއެޓޭކުން ޖެހުން ދެ ގުނަ ދަށްވިކަން ފާހަގަކުރެވުނެވެ.

ދިރާސާގައި ބުނިގޮތުގައި އިންސާނާގެ ހަށިގަނޑުގެ ބައޮލޮޖިކަލް ކްލޮކް ތަރުތީބުވެފައިވާ އުސޫލަށް ބަލާ އިރު ބޭސްކާ ގަޑި އާއި ބޭހުން ލިއްބައިދޭ ފައިދާތަކާ ގުޅުން އޮތްކަން ހާމަވާ ކަމަށެވެ. އެހެންވެ ހެނދުނު ބޭސް ކެއުމުގެ ބަދަލުގައި ރޭގަނޑު ނިދުމުގެ ކުރިން ބޭސް ކާން ލަފާ ދީފައިވެ އެވެ.

"ރޭގަނޑު ނިދަން އޮންނަ އިރު ލޭގެ ޕްރެޝަރު ގުދުރަތީ ގޮތުން ވެސް ދަށްކޮށްލަދޭ،" ދިރާސާގައި ބުންޏެވެ. "އަދި އެގޮތަށް ނުވާ ނަމަ ސްޓްރޯކާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު."

މީހެއްގެ ޕްރެޝަރު ޗެކްކުރަނީ.

ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ވިގޯ ޔުނިވަސިޓީގެ ޕްރޮފެސަރު ރޭމަން ހާމިޑާ ވިދާޅުވި ގޮތުގައި ލޭގެ ޕްރެޝަރަށް ކާ ބޭހުގެ ފައިދާ ރޭގަނޑު ބޭސްކާ ނަމަ ބޮޑުކަމަށް ދައްކާ އިރު މިކަމާ ގުޅޭ އިތުރު ތަހުލީލުތަކެއް ވެސް ހަދަން އަދި ޖެހެ އެވެ. އެގޮތުން އެކި ނަސްލުގެ މީހުންނަށް ބޭހުގެ އަސަރުތައް ތަފާތުވޭތޯ އާއި ވަކި ބްރޭންޑެއްގެ ބޭހަކުން ވަކި ބަދަލެއް ފެނޭތޯ ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިހާރު ކަނޑައަޅާފައި ހުރި ގައިޑްލައިންތަކަށް ބަލާއިރު ހައިޕަޓެންޝަން އަށް ދޭ ބޭސް ވަކި މިވެނި ގަޑިއެއްގައި ކާކަށް ޑޮކްޓަރުން ޖެނެރަލްކޮށް ރިކޮމަންޑެއް ނުކުރޭ. އެކަމަކު އެންމެ ގިނަ މީހުން ބޭސްކާ ވަގުތަކަށް ވަނީ ހެނދުނު،" ރޭމަން ވިދާޅުވި އެވެ. "ނަމަވެސް އަހަރެމެންގެ ދިރާސާ އަށް ބަލާ އިރު، ބޭސްކާ ވަގުތާއި ބޭހުންކުރާ އަސަރާ ގުޅުން އޮތްކަން ހާމަކޮށްދޭ."