މަޖަލަކަށް ކުރި ޕޯސްޓަކުން ގެއްލުނީ ވަޒީފާ

އެމެރިކާ އާއި އިރާނާ ދެމެދު މިހާރު ހޫނުވެފައިވާ ކޯޅުންގަނޑަށް އިޝާރާތްކޮށް އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ޕްރޮފެސަރަކު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓަކާ ގުޅިގެން މިދިޔަ ހަފުތާގައި ވަޒީފާ އިން ވަކިކޮށްފި އެވެ.


މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެބްޒަން ކޮލެޖްގެ ސަސްޓެއިނެބިލިޓީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޕްރޮފެސަރު އެޝީން ޕަންސީ މަގާމުން ވަކިކުރީ އިރާނުން އެމެރިކާ އަށް ހަމަލާތައް ދޭނެ 52 ތަނެއް އެ ގައުމުގެ ރޫހާނީ ލީޑަރު ކަނޑައަޅައި އެ ލިސްޓް ޓްވީޓްކުރައްވަން ޖެހޭ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އޭނާ އެގޮތަށް ހިޔާލުފާޅުކުރެއްވީ އިރާނަށް އެމެރިކާ އިން ހަމަލާދޭނީ އެ ގައުމުގެ މުހިއްމު ތަންތަނަށް ބަލައިގެން ކަމަށާއި ހާއްސަކޮށް ސަގާފީ ތަރިކަތަކަށް އަމާޒުކޮށްގެން ކަމަށް އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކަކަށް ދެއްވި ރައެއްދެއްގަ ގޮތުގަ އެވެ.

އެގޮތުން އެޝީންގެ ޕޯސްޓްގައި ވިދާޅުވީ އިރާނުން އެމެރިކާ އަށް ހަމަލާދޭ ނަމަ އޭގެ ތެރޭގައި މިނެޒޯޓާގައި ހުންނަ "މޯލް އޮފް އެމެރިކާ" އާއި މަޝްހޫރު ސެލެބްރިޓީން ހިމެނޭ ކާޑޭޝިއަން އާއިލާގެ ގެ ލިސްޓްގައި އޮންނަން ޖެހޭނެ ކަމަށެވެ.

ސަގާފީ ތަންތަނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ކުށެކެވެ. އަދި ޓްރަމްޕް ދެއްކެވި ވާހަތަކާ ގުޅިގެން ޕެންޓަގަނުން ވަނީ އިރާނުގެ އެފަދަ ތަންތަނަށް ހަމަލާތައް އަމާޒުނުކުރާނެ ކަމަށް ބުނެފަ އެވެ.

އެޝީންގެ ޕޯސްޓްގެ މައްސަލަ ހޫނުވުމުން އޭނާ ވިދާޅުވީ އެއީ މަޖަލަކަށް ފާޅުކުރެއްވި ހިޔާލެއް ކަމަށެވެ. އަދި މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅަން ވާނީ ކަމުގެ ދެކޮޅު ބަލައިފައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ވަރަށް ގިނަ ބަޔަކު ވަނީ އެޝީން އަށް ޓްވިޓާގައި އެއްޗެހި ގޮވައިފަ އެވެ.

"އަހަރެން ރައްޓެހިންނާ ހިއްސާކުރި ޕޯސްޓް މާނަކޮށްފައި ވަނީ މުޅިން ގޯސްކޮށް. އަދި އަހަންނާ ދޭތެރޭ ކޮލެޖުން އެޅި ފިޔަވަޅަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ފުށޫ ވެސް އަރާކަމެއް." ބެބްޒަން ކޮލެޖުން 2008 ގައި ބިޒްނެސް އެޑްމިނިސްޓްރޭޝަން ޑިގްރީ ހާސިލުކޮށްފައިވާ އެޝީން ބުންޏެވެ.

މި މައްސަލާގައި ބެބްސަން ކޮލެޖުން ބުނީ ހަމަނުޖެހުންތަކަށް ހިތްވަރު ދެވޭ ވާހަކައެއް ނުވަތަ އަމަލެއް އެތަނުގެ މުވައްޒަފަކު ކުރުމަކީ މަސައްކަތުގެ އަހުލާގާ ވެސް ހިލާފުކަމެއް ކަމަށާއި އެއްވެސް ގޮތަކަށް ދެވޭ އިންޒާރަކީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށެވެ.