ކަޅު ސަޔަށް ވުރެ ގްރީން ޓީ މާ ރަނގަޅު

ކަޅު ސަޔަކީ ވަރަށް އާންމު ބުއިމެކެވެ. އެކަމަކު ސައިގެ ވައްތަރުތަކުގެ ތެރެއިން ގްރީން ޓީ އަކީ އާންމުކޮށް ބަރުދަން ލުއިކުރަން އުޅޭ ނަމަ ގިނަ ބައެއްގެ މެދުގައި ހާއްސަ އެއްޗެކެވެ. ނަމަވެސް ގްރީން ޓީއާ ބެހޭ ގޮތުން މިހާރު ދައްކަން އޮތީ މި ސައި އާންމު ބުއިމަކަށް ހަދަން ޖެހޭ ވާހަކަ އެވެ. ސަބަބަކީ ކަޅު ސަޔަށް ވުރެ، ގްރީން ޓީގެ ފައިދާތައް މާ ބޮޑު ކަމަށް ދިރާސާއަކުން ދެއްކުމެވެ.


ޗައިނާގައި ހަދާފައިވާ ދިރާސާއެއްގައި ބުނީ ކަޅު ސަޔާ ހިލާފަށް، ގްރީން ޓީ އަކީ އެ އާންމުކޮށް ބޭނުންކުރާ ނަމަ މީހާގެ އުމުރު ދިގުކޮށްދޭން މަގުފަހިވާ އަދި ބޮޑެތި ބަލިތަކަށް އޮތް ޝިފާއެއް ކަމަށެވެ. އެގޮތުން އާންމުކޮށް ގްރީން ޓީ ބޯ ނަމަ ހިތުގެ އެކި ކަހަލަ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށާއި ވަކިން ހާއްސަކޮށް ފިރިހެނުންނަށް ގްރީން ޓީގެ ފައިދާ ބޮޑު ކަމަށް ބުންޏެވެ.

ޕެކިންގް ޔުނިއަން މެޑިކަލް ކޮލެޖާއި ޗައިނީޒް އެކެޑެމީ އޮފް މެޑިކަލް ސައިންސެސް އިން މި ދިރާސާ ހަދާފައި ވަނީ މިހާތަނަށް ހާޓްއެޓޭކާއި ސްޓްރޯކާއި ކެންސަރު ފަދަ ބޮޑެތި އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތިވެފައި ނުވާ އަދި އާންމުކޮށް ސައި ބޮއި އުޅޭ 100,902 މީހުންގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްގެންނެވެ. އެގޮތުން ސައި ބޯ މީހުން ދެ ގްރޫޕަކަށް ބަހާލާފައިވެ އެވެ.

އެއް ބަޔަކީ ހަފުތާއަކު މަދުވެގެން ތިން ފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ސައި ބޯ މީހުންނާއި އެއްގޮތަކަށް ވެސް ސައި ނުބޯ މީހުންނެވެ. އަނެއް ގްރޫޕަކީ ދޭތެރެ ދޭތެރެ އިން ސައި ބޯ މީހުންނެވެ.

އެގޮތުން ދެ ގްރޫޕްގެ ސައިބޯ މިންވަރާއި އެއިން ކުރި އަސަރުތައް ހަތް ވަރަކަށް އަހަރަށް ރެކޯޑްކޮށް އެ މައުލޫމާތުތައް ދިރާސާކުރި އިރު އާންމުކޮށް ސައިބޯ މީހުންނަށް ހިތުގެ ބަލިތައް ޖެހޭ މިންވަރާއި ސްޓްރޯކްގެ ފުރުސަތު 20 ޕަސެންޓަށް ދަށްކޮށްދޭ ކަމަށް ދައްކަ އެވެ. އަދި ހަމައެއާ އެކު އެ ގްރޫޕްގެ މީހުން އެފަދަ ސިއްހީ މައްސަލަތަކުގައި މަރުވުމުގެ ނިސްބަތް 22 ޕަސަންޓަށް ދަށްކޮށްދީފައިވެ އެވެ.

"މި ދިރާސާ އިން ފާހަގަކުރެވުނު އެންމެ މުހިއްމު ކަމަކީ ކަޅު ސަޔަށް ވުރެ ގްރީން ޓީ ބުއި މީހުން ގިނަކަމާއި އެ މީހުންގެ ސިއްހީ ހާލަތު ކަޅުސައި ބުއި މީހުންނަށް ވުރެ ބޮޑު ތަނުން ރަނގަޅުކަން،" ޕެކިންގް ޔުނިއަން މެޑިކަލް ކޮލެޖް ނެޝަނަލް ސެންޓަ ފޮ ކާޑިއޮވަސްކިއުލާގެ ޑރ. ގޮންގްފެންގް ގޫ ވިދާޅުވި އެވެ. "އަނެއް ކަމަކީ ސައިބީ އަންހެނުންނަށް ވުރެ ފިރިހެނުން ގިނަކަން."

ދިރާސާ އަށް ރިއާޔަތްކުރާ އިރު، ސައި ބުއި އަންހެނުންގެ ނިސްބަތް އެންމެ 20 ޕަސެންޓްގައި ހުރި އިރު، ފިރިހެނުންގެ ނިސްބަތަކީ 48 ޕަސެންޓެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ސައި ބޯ މީހުންގެ އުމުރު ދިގުވުމާއި އިތުރު އެހެން ކަންތައްތަކާ ވެސް ގުޅިލާމެހިވެފައިވެ އެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުމާއި މަސްތުވާތަކެތި ބޭނުންނުކުރުމާއި ދުޅަހެޔޮ ޑައެޓަކަށް އިސްކަން ދިނުމާ އެކު ހަރަކާތްތެރި ދިރިއުޅުމެއް އުޅުމެވެ.

ގްރީން ޓީގެ ފައިދާތަކަށް ބަލާ އިރު، ކަޅުސަޔާ ހިލާފަށް އެ ސަޔަކީ ފްލެވޮނޮއިޑްސް އާއި ޕޮލިފެނޯލްސް ފަދަ ބައޯއެކްޓިވް މާއްދާތަކުން މުއްސަނދި ބުއިމެކެވެ. އޭގެ ނަތީޖާ އަކީ ހިތުގެ މައްސަލަތަކާ ދުރުކޮށްދިނުމެވެ.

"މީގައި އެހާ ބޮޑު ތަފާތެއް އަންނަ އެއް ސަބަބަކީ ސައިފަތް ޕްރޮސެސްކުރާ ގޮތް. ބްލެކް ޓީގައި ވާ ގޮތަކީ މުޅި ޕްރޮފެސް ފާމެންޓޭޝަނަށް ދިޔައިމަ އޭގައި އެކުލެވޭ ޕޮލިފެނޯލްސް އޮކްޒިޑައިޒްވުން،" ގޫ ވިދާޅުވި އެވެ. "އެހެންވީމާ ގްރީން ޓީ އަކީ އެންޓި-އޮކްސިޑޭޝަނަށް މާ ރަނގަޅު އެއްޗަކަށް ވަނީ. އެއާ އެކު ބްލަޑް ލިޕިޑްސް ރަނގަޅުކޮށްދޭ."