ދެ ހާސް އަހަރު ކުރީގެ ކަދުރު އޮށަކުން ގަސް ފަޅުވައިގެން އާލާކުރަނީ

މީގެ ދެހާހެއްހާ އަހަރު ކުރިން ދުނިޔެ އިން ނެގި ގޮސްފައިވާ ކަދުރުގެ ބާވަތަތެއް އާލާކުރުމުގެ މަސައްކަތްތަކެއް ސައިންސްވެރިންތަކެއް ފަށައިފި އެވެ.


އިޒްރޭލްގެ ހަދައްސާ މެޑިކަލް އޮގަނައިޒޭޝަނުން 2008 އިން ފެށިގެން އާލާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މެދުއިރުމަތީގެ ސަހަރާތަކުން ގަދީމީ ޒަމާނުގައި ލިބެމުން ދިޔަ ޖޫޑިއަން ކަދުރެވެ. މިއީ އާންމުކޮށް މިހާރު ލިބެން ހުންނަ ކަދުރަށް ވުރެ ސައިޒްގެ ގޮތުން ބޮޑު އަދި ރަހަ ވެސް ތަފާތު ބާވަތެކެވެ.

ހަދައްސާ މެޑިކަލް އޮގަނައިޒޭޝަންގެ ޓީމުން ކުރިން ޖޫޑިއާ ސަރަހައްދުގެ ހާއްސަ ބާވަތެއްގެ ގޮތުގައި ފާހަގަކުރެވުނު ޖޫޑިއަން ކަދުރު އުފައްދަން ކުރާ މަސައްކަތްތަކުގައި އިސްކޮށް ހުންނެވި ޑރ. ސަލާން ސެލަން ވިދާޅުވި ގޮތުގައި ޖޫޑިއަން ވެރައިޓީގެ ކަދުރުގެ އޮށްތަކެއް ހޯދާފައި ވަނީ ހުޅަނގު އައްސޭރީގައިވާ ޑެޑް ސީގެ ހިސާބުގަނޑަކުންނެވެ.

އޭރު އެއީ ކަދުރު ތިޔާގި ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހުރި ކުނިތަކެއްގެ ތެރޭގައި ރައްކާކުރެވިފައި ހުއްޓައި ފެނުނު "މެތުސެލާ" ގެ ނަން ދީފައިވާ އޮށެއްގެ އިތުރުން، ފަހުން ފެނުނު 32 އޮށެއްގެ ތެރެއިން ހަ އޮށެއް ބޭނުންކޮށްގެން ކަދުރު ރުއް ފަޅުވަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވެސް މި އެވެ.

މި އޮށްތަކުން ފެޅުވި ގަސްތަކަށް ވަކިވަކި ނަންތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަދަން، ޖޯނާ، އުރީލް، ބޮއާޒް، ޖުޑިތު އަދި ހަނާ އެވެ.

ނަމަވެސް މީގެ ޓީމުން އެންމެ ބޮޑަށް ފިކުރު ބޮޑުވާ އެއް ކަމަކީ ކުރީގެ ޖޫޑިއަން ކަދުރުން ދޭ ރަހަ އާ ކަދުރުން ދޭނެކަމާ ދޭތެރޭގަ އެވެ.

މިކަމާ ބެހޭ ގޮތުން ސައިންސް އެޑްވާންސެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ޖޫޑިއަން ކަދުރު ހުސްވެފައި ވަނީ އިންސާނުން ދުނިޔޭގައި އާބާދުވާން ފެށުމާ އެކު، ކަދުރު ރުއްތަކަށް އަޅާނުލެވި ގަސްގަހާހެގި ކަނޑަން ވެސް ފެށުމާ ގުޅިގެންނެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ވެސް ގުޅުންހުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ޑރ. ސެލަން ވިދާޅުވި ގޮތުގައި ކަދުރަކީ އިންސާނީ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވާތީ، ދުނިޔޭން ހުސްވެފައިވާ ބާވަތެއްގެ ކަދުރު އާލާކުރަން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު މަސައްކަތަކަށް ވާނެ އެވެ.