ހަކުރުބަލީގެ މީހުން ދޮންކެޔޮ ކާންވާނެތަ؟

ހަކުރުބަލީގެ މީހުންނަކީ ކެއުމަށް ވަރަށް ބަލައިގެން އުޅެންޖެހޭ ބައެކެވެ. ހަކުރުބައްޔާ އެކު ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ކެއުން ބަހައްޓާނެ ރަނގަޅު އާދަތައް ނޭނގޭ މައްސަލަ ހިމެނެ އެވެ. މިއާ އެކު އެތަކެއް ކަންބޮޑުވުންތަކެއް އުފެދެ އެވެ.


މިސާލަކަށް، މޭވާ ކަހަލަ އެއްޗެހި ކެއުމަކީ މައްސަލައަކަށް ވެދާނެތޯ އުފައްދާ ސުވާލުތައް ގިނަ އެވެ. ދޮންކެޔޮ ކާހިިތްވާ، ހަކުރުބަލީގެ ބަލީގެ މީހަކަށް ދޮންކޭލަކީ ކާން އެކަށީގެންވާ އެއްޗެއްތޯ ވެސް ވަރަށް ގިނަ މީހުން ސުވާލު އުފައްދަ އެވެ.

ހަކުރު ހުއްޓަސް ދޮންކެޔޮ ކެއުން ހުއްޓާލަން ކޮންމެހެން ނުޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ދޮންކޭލަކީ ޖީއައި ސްކޭލް ނުވަތަ ގްލައިސެމިކް އިންޑެކްސް އިން ކިރާ ނަމަ ފުރުކްޓޯޒް (މޭވާތަކުގައި ހުންނަ ހަކުރު) ކަންބޮޑުވާން ޖެހޭ ވަރަށް ހަކުރު ހުންނަ މޭވާއެއް ނޫނެވެ. ދޮންކެޔޮވަކެއްގައި އާންމުކޮށް ޖީއައި ހުންނަ މިންވަރު ބިނާވަނީ އެ ދޮންވެފައިވާ ނިސްބަތަށެވެ. އާދައިގެ ސައިޒްގެ ދޮންކެޔޮވަކެއްގައި ހުންނާނީ 14 ގްރާމްގެ ހަކުރާއި 6 ގްރާމްގެ ސްޓާޗެވެ. އެހެންވެ މިއީ ކަންބޮޑުވާން ޖެހޭ ނަމްބަރުތަކެއް ނޫނެވެ.

ދޮންކޭލަކީ ފައިބަރުން މުއްސަނދިވެފައިވާ ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މޭވާއެކެވެ. އެކަމަކު ހަކުރުބަލީގެ މީހުން ދޮންކެޔޮ ކެއުމުގައި ކޮންޓްރޯލެއް ގެންގުޅެން ޖެހޭނެ އެވެ. އެގޮތުން ހަފުތާ އަކު ދޭއް ނުވަތަ ތިން ދުވަހު ދޮންކެޔޮ ކެވިދާނެ އެވެ. ކާ އިރު ޕޯޝަން ވެސް ކޮންޓްރޯލް ކުރުމުގެ އިތުރަށް މާ ބޮޑަށް ދޮން ނޫން ކެޔޮ ކެއުމަކީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ އެވެ.

ދޮންކޭލުން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި އެތަކެއް މިނެރަލާއި ވިޓަމިންގެ އިތުރުން މިއީ އެންޓި-އޮކްސިޑަންޓްތަކުން ވެސް މުއްސަނދި މޭވާއެކެވެ. އެހެންވެ ޑައިޓްގައި ކޮންމެހެން ވެސް ދޮންކެޔޮ ހިމަނަން ޖެހޭނެ އެވެ.