ސުޝާންތާ ވައްތަރުގެ މީހަކަށް ސަމާލުކަން

މިދިޔަ މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ވާހަކަ ކޮންމެވެސް އެއް ގޮތަކަށް މީޑިއާތަކަށް ނާރާ ދުވަހެއް ނާދެ އެވެ.


މިހާރު އުޅެނީ ޒުވާން އެކްޓަރާ މާ ވައްތަރު މީހަކު ފެނިގެން އޭނާ އަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިގެންނެވެ. މި މީހާ އަކީ އުއްތަރު ޕްރަދޭޝްގެ ރަބެރޭލީ އަށް ނިސްބަތްވާ ސަޗިން ތިވާރީ އެވެ.

އޭނާ އަކީ ކުރިން ވެސް ޓިކްޓޮކާއި އިންސްޓަގްރާމްގައި "ސުޝާންތު" ހެދިގެން އުޅުނު މީހެކެވެ. އެގޮތުން 34 އަހަރުގެ އެކްޓަރު ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެންނާއި އޭނާގެ ފިލްމުތަކުގެ ލަވަތަކަށް ޑާންސްކޮށް އަދި ފިލްމުތައް ޑައިލޮގްތައް ކިޔާފައި ޕޯސްޓްކޮށްފައިވެ އެވެ.

ސުޝާންތު މަރުވި ފަހުން މާ ގިނަ ބައެއްގެ ރާޑަރަށް ސަޗިން އަރައިި، އޭނާގެ އިންސްޓްގްރާމް ފޮލޯވަރުންގެ އަދަދު ވެސް މިހާރު އަންނަނީ އުފެލުމުންނެވެ. މިކަމާ ސަޗިން ވެސް ހުރީ ވަރަށް އުފަލުންނެވެ. ސަޗިން ބުނާ ގޮތުގައި އޭނާ އަކީ ސުޝާންތުގެ "ސުޕަ ފޭން" އެކެވެ.

ސަޖިންގެ ޕޯސްޓްތަކަށް ކޮމެންޓްތައް އޮއްސަމުން އަންނަ މީހުން ބުނާގޮތުގައި ސަޗިންގެ އިސްތަށިގަނޑާއި ބޮޑީ ލޭންގްއޭޖާއި އޭނާގެ ހަރަކާތްތައް ސުޝާންތާ ވަރަށް ވައްތަރެވެ.

"އެހެންވީމަ ތިއީ އަބަދު ވެސް އަބަދު އަހަރެމެންނަށް ސުޝާންތު ހަނދާން އާކޮށްދޭނެ މީހެއް." މީހަކު ކޮމެންޓެއްގައި ބުންޏެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގެ ބައެއް ތަރިންނާ ވައްތަރު މީހުން ފެނިގެން އެ މީހުން "ސެލެބްރިޓީންނަށްވެފައި" ވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާނާއި ކެޓްރީނާ ކެއިފާ އިމްރާން ހާޝިމީ އާއި ޖޯން އަބްރަހަމާއި އައިޝްވާރިއާ ރާއީ އާއި ޕްރިޔަންކާ ޗޯޕްޅާ އާއި އަނުޝްކާ ޝަރުމާ ފަދަ ތަރިންނާ ވައްތަރު މީހުން ހިމެނެ އެވެ.