ލޯބިވެރިޔާ ޑްރައިވަރަކާ ކައިވެނިކުރުމުން ޑްރައިވަރުންގެ ފޯނު ވަގަށް ނަގަމުން ދިޔަ މީހަކު ހައްޔަރުކޮށްފި

ހިންގަމުން އައި ރެސްޓޯރަންޓް ވިއްކާލައި އާއިލާގެ މީހުންނާ ދެކޮޅަށް ލޯބިވެރިޔާއާ ކައިވެނިކުރަން އިންޑިއާގެ އެހުމްދުއާބާދު ދޫކޮށް ޕޫނޭ އަށް ދިޔަތާ ތިން ވަނަ އަށްވީ ދުވަހު އޮޓޯ ރިކްޝޯ ޑްރައިވަރަކާ ލޯބިވެރިޔާ ކައިވެނިކުުރުމުން އެކަމާ ރުޅިގަދަވެ ބަދަލު ހިފުމުގެ ގޮތުން ޑްރައިވަރުންގެ މޮބައިލް ފޯނުތ ވަގަށް ނަގަމުން ދިޔަ މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.


މި މައްސަލާގައި ހައްޔަރުކުރި މީހާ އަކީ ބަރުބާއީ އާރިފް ޝެއިފް (އާސިފް) ކިޔާ 36 އަހަރުގެ މީހެކެވެ. އޭނާ ފުލުހުންނަށް ބުނީ ވިޔަފާރި ހުއްޓައިލުމުގެ އިތުރަށް އާއިލާގެ މީހުންނާ ވެސް ދެކޮޅަށް ލޯބިވެރިޔާއާ ކައިވެނިކުރަން ދިއުމުން ދިން ލަނޑުގެ ސަބަބުން، އޮޓޯ ޑްރައިވަރުން ދެކެ ރުޅިގަދަވީ ކަމަށެވެ. އަދި އެ މީހުންގެ ފޯނުތައް ވަގަށް ނަގަން ފެށީ ވައްކަންކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި ލޯބިވެރިޔާ ޑްރައިވަރާ ކައިވެނިކުރުމުން އެ މީހުން ދެކެ އައި ރުޅީގައި ބަދަލު ހިފަން ފޯނު ނަގަނީ ކަމަށެވެ.

އާސިފް ކިޔައިދިން ގޮތުގައި ޕޫނޭ އަށް ދިޔަތާ ފުރަތަމަ ދެ ދުވަހު ލޯބިވެރިޔާ އާއި އޭނާ އުޅުނީ އެކީގައި ވަރަށް ލޯބިންނެވެ. އަދި ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ތިން ވަނަ އަށް ވީ ދުވަހު އަތުގައި ހުރި ހުރިހާ ފައިސާއަކާ އެކު ފިލައިގެން ގޮސް، ލޯބިވެރިޔާ ޑްރައިވަރަކާ ކައިވެނިކުރީ ކަމަށް ބުންޏެވެ.

"އަހަރެން ފޯނުތައް ނަގަމުން ދިޔައީ ބަދަލުހިފުމުގެ ގޮތުން. އަހަރެންގެ ލޯބި ބީވެގެން ދިޔައީ ޑްރައިވަރަކާ ހެދި ކަމަށްވާތީ އެ މީހުންގެ ފަރާތުން ބަދަލު ހިފުމަކީ އަހަންނަށް އުފާވެރިކަން ލިބޭ ކަމެއް،" ފުލުހުންނަށް ދިން ބަޔާނުގައި އާސިފް ބުންޏެވެ. "އަހަރެންގެ އަތުން ހުރިހާ އެއްޗެއް ބީވެގެން ދިޔައި ޑްރައިވަރަކާ ހެދި."

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ އާސިފް ހައްޔަރުކުރީ ފޯނުތައް ގެއްލޭ މައްސަލާގައި ގިނަ އަދަދެއްގެ ޝަކުވާތައް ލިބެން ފެށުމުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށެވެ. އަދި ހައްޔަރުކުރި އިރު އޭނާ 70 ޑްރައިވަރެއްގެ ފޯނު ނަގާފައިވާ ކަމަށް ބުންޏެވެ.

"އަހަރެމެން މި އަންނަނީ މިކަން އިތުރަށް ތަހުގީގުކުރަމުން." ޕޫނޭގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.