ސަލާންކުރާ ގޮތުން ހަކުރުބަލީގެ ނިޝާނެއް!

މީހުންނާ އަތާއިއަތް ޖޯޑުކޮށް ކުރާ ސަލާމުގައި ބާރެއް ނެތް ނަމަ އެއީ އުމުރުން ދުވަސްވާ ފަހުން ހަކުރުބައްޔަށް ހުށަހެޅުމުގެ އަލާމާތަކަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.


އިނގިރޭސިވިލާތުގެ ބްރިސްޓަލް އާއި ފިންލެންޑްގެ ސައިންޓިސްޓުންތަކެއް ގުޅިގެން މި ދިރާސާ ހަދާފައި ވަނީ 776 މީހެއްގެ ހާލަތު 20 އަހަރު ވަންދެން މޮނިޓަކޮށްގެންނެވެ.

ފާހަގަކުރެވުނު ކަމަކީ، ދިރާސާގައި ބައިވެރިވި މީހުންގެ ތެރޭގައި އަތް ޖޯޑުކޮށް ކުރާ ސަލާން ބަލިކަށި އަދި އަނެއް މީހާގެ އަތާއިއަތް ގުޅާލާ އިރު ބާރެއް ނުހުންނަ ގޮތަށް ސަލާންކުރާ މީހުންގެ ތެރޭގައި ޓައިޕް 2 ޑައިބިޓީޒްގެ މައްސަލަތައް ބޮޑުކަމެވެ. އަދި މިކަމާއި ސަލާމަށް ނަގާ ވަތުގާ ވެސް ގުޅުން އޮންނަ ކަމަށް ވެސް ދިރާސާގައި ބުންޏެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި ބަލިކަށި ސަލާމަކަށް އެވްރެޖްކޮށް ނަގާނީ ފަސް ވަރަކަށް ސިކުންތެވެ.

ދިރާސާ ޓީމުގައި އިސްކޮށް އުޅުއްވި ޑރ. ސެޓޯ ކަނޫތުސޯ ވިދާޅުވީ ދިރާސާ އިން ހާމަކޮށް ދިން ކަމަކީ ހަކުރުބަލީގެ އަލާމާތެއް ހުރިތޯ ނެތްތޯ އަތް ޖޯޑުކޮށްގެން ކުރާ ސަލާމުން ދުރާލައި ދެނެގަނެވި، އެކަމަށް ރައްކާތެރިވާން މަސައްކަތްކުރަން ހިތްވަރު ލިބުމެވެ.

ސަލާންކުރަނީ.

"މިއީ އެއްވެސް ހަރަދަކާ ނުލައި އަދި އެކްސްޕަޓީޒަކާ ވެސް ނުލައި އަމިއްލަ އަށް ހަކުރުބަލީގެ އަލާމާތެއް ހުރިތޯ ދެނެގަނެވިދާނެ ވަރަށް ފަސޭހަ ގޮތެއް." އޭނާ ވިދާޅުވި އެވެ. "މީގެ ސަބަބުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ކުރީ ބައިގައި މަގުފަހުވެ، ބަލީގެ ނުރައްކާ ކުޑަކުރެވިދާނެ."

ހަކުރުބައްޔަކީ ދުނިޔޭގައި ނުވަ ވަނަ އަށް އެންމެ ގިނަ ބަޔަކު މަރުވާ ބައްޔެވެ. ހަކުރުބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ފަލަވުމާއި ހަރަކާތްތެރިކަން ކުޑަވުމާއި އުޅޭ މާހައުލުގެ ގޮތުންނާއި ޖެނެޓިކް ގޮތުން ދިމާވާ އެކި ކަހަލަ ކަންކަން ވެސް ހިމެނެ އެވެ.

ހަކުރުބަލީގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކަށް މަގުފަހިކުރުވަ އެވެ. އޭގެ ތެރޭގައި ނާރުތަކާއި ހިތާއި ކިޑްނީ އަދި ލޮލުގެ މައްސަލަތައް ދިމާވުން ހިމެނެ އެވެ.