އެކަނިވެރިކަން ފިލުވައިދޭން ބުޅާ

ބުޅާ ގެންގުޅުމުން ހާސްކަމާއި ފިކުރުތަކުން ދުރުކޮށްދޭ ކަމަށާއި ބުޅަލަކީ އެކަނިވެރިކަން ފިލުވައިދޭން ރަނގަޅު ބައިވެރިއެއް ކަމަށް އިނގިރޭސިވިލާތުގައި ހަދާފައިވާ ސާވޭއަކުން ދައްކައިފި އެވެ.


އެ ގައުމުގެ 10،000 ގޭބިސީގެ މީހުންނާ ސުވާލުކޮށްގެން ހެދި ކެޓްސް ޕްރޮޓެކްޝަން ޗެރިޓީގެ ކެޓްސް އެންޑް ދެއާ ސްޓެޓްސް (ކެޓްސް) ރިޕޯޓްގައިވާ ގޮތުން 59 ޕަސެންޓް މީހުން ބުޅާ ސިފަކޮށްފައިވަނީ އެކަނިވެރިކަން ފިލުވައިދޭން ވަރަށް ރަނގަޅު ބައިވެރިއެއްގެ ގޮތުގަ އެވެ. ސާވޭގައި ބައިވެރިވި ގިނަ މީހުން އިއްތިފާގުވެފައިވާ ގޮތުގައި ބުޅަލާ އެކީ ވަގުތު ހޭދަކުރުމުން ހާސްކަމާއި ފިކުރުތަކާއި އުދާސްތަކާއި ބޭކާރު ހިޔާލުތަކުން މީހާ ދޫރުކޮޮށްދީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދެ އެވެ.

"މީހާގެ ސްޓްރެސްވެ، މޫޑް ގޯސްވެފައިވާ ނަމަ ބުޅަލާ އެކީ ވަގުތު ހޭދަކުރުމުން ހިތްހަމަޖެހުން ގެނުވައިދޭ،" ރިޕޯޓްގައި ބުންޏެވެ.

ސާވޭގައި ބައިވެރިވި 86 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި އެ މީހުން ބުޅަލާ އެކު ވަގުތު ހޭދަކުރާ އިރު، އެއާ މުއާމަލާތްކޮށް ހަދަ އެވެ. ބުޅަލަކީ ކައިރިކޮށްގެން ގެންގުޅުނު ވަރަކަށް އެ މީހަކު ދެކެ އިންތިހާ އަށް ލޯބިދޭ، ލޯބިވާ ޖަނަވާރެއް ކަމަށް ބުންޏެވެ. މީގެ އިތުރުން ބުޅާ ގެންގުޅޭ މީހުންގެ ތެރެއިން 91 ޕަސެންޓް މީހުން ބުޅާ ދެކެނީ އާއިލާގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި 53 ޕަސަންޓް މީހުން ބުނެފައިވާ ގޮތުގައި އަމިއްލަ ކަންކަމަށް ވުރެ ބޮޑަށް އެ މީހުން އިސްކަން ދެކެނީ ބުޅާގެ ކަންކަމަށެވެ.

"މީހާގެ ސްޓްރެސްވެ، މޫޑް ގޯސްވެފައިވާ ނަމަ ބުޅަލާ އެކީ ވަގުތު ހޭދަކުރުމުން ހިތްހަމަޖެހުން ގެނުވައިދޭ." ރިޕޯޓް

ސާވޭގައި ބައިވެރިވި 70 ޕަސެންޓް މީހުން ބުނެފައިވާ ގޮތުގައި ތަނަކަށް ދާ އިރު ބުޅާ ދޫކޮށްލާފައި ދާކަށް އެ މީހުންގެ ހިތެއް ނުރުހެ އެވެ. އަދި 42 ޕަސެންޓް މީހުން ބުނެފައި ވަނީ މިކަމާ ހެދި އެ މީހުންގެ ޗުއްޓީތަކަށް ވެސް ނުދާ ކަމަށެވެ.

ކެޓްސް ޕްރޮޓެކްޝަނުން ބުނިގޮތުގައި އިނގިރޭސިވިލާތުގައި އޮޅުކޮށްގެން ބުޅާ ގެންގުޅޭ މީހުން އަންނަނީ އިތުރުވަމުންނެވެ. އަދި އެ އަދަދު މިހާރު 10.2 މިލިއަނަށް އަރަ އެވެ. އެއީ ކޮންމެ ކޮންމެ ހަ މީހަކުން އެކަށް ބުޅަލެކެވެ. ޖުމްލަ އާބާދީ އަށް ބަލާ އިރު އާބާދީގެ 23 ޕަސެންޓަކީ މަދުވެގެން އެއް ބުޅާ ގެންގުޅޭ ގޭބިސީތަކެވެ.

ކެޓްސް ޕްރޮޓެކްޝަން ސާވޭގައި ވަނީ އިނގިރޭސިވިލާތުގައި، ބުޅަލަށް ކިތަން އެންމެ މަގުބޫލު ނަންތަކަކީ ކޮބައިތޯ ވެސް ބަލައިފަ އެވެ. އެގޮތުން ފިރިހެން ބުޅާތަކުގެ އެންމެ މަގުބޫލު ނަންތަކަކީ ބޮބީ އާއި ބޮބް އެވެ. އަންހެން ނަންތަކުގެ ތެރެއިން އެންމެ މަގުބޫލީ ބެލާ އާއި ބެލޭ އެވެ. ބުޅާތަކަށް ކިޔާ މަގުބޫލު އިތުރު އަންހެން ނަންތަކުގެ ތެރޭގައި ޕޮޕީ، މޮލީ، ލިލީ އަދި ލޫނާ ހިމެނެ އެވެ. ފިރިހެން ނަންތަކުގެ ތެރޭގައި ޗާލީ، އަލްފީ، އޮސްކާ، އަދި ޖެކް ހިމެނެ އެވެ.

ކެޓްސް ޕްރޮޓެކްޝަންގެ ޗީފް އެކްޒެކެޓިވް ޖޭމްސް ޔީޓްސް ވިދާޅުވި ގޮތުގައި ސާވޭ އިން ކުރިން ބުޅާތަކާ ބެހޭ ގޮތުން ފާހަގަނުކުރެވޭ މުހިއްމު ކަންތައްތަކެއް ސާފުވެއްޖެ އެވެ.

"އެއިން ދައްކުވައިދޭ މުހިއްމު އެއް ކަމަކީ ބުޅަލަކީ އަހަރެމެންގެ ދިރިއުޅުމަށް ނުފޫޒު ފޯރުވައި ނަފުސާނީ ގޮތުން ދުޅަހެކޮށްދޭން އެހީވެދޭ އެއްޗެއްކަން،" އޭނާ ވިދާޅުވި އެވެ. "އަދި ގިނަ ބަޔަކު ބުޅާ ދެކެ ކިހާ ލޯބިވާކަން ވެސް ސާވޭ އިން އެނގިގެން ހިނގައްޖެ."

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ވެސް ދައްކާ ގޮތުގައި ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުން އޮޅުކޮށްގެން ގެންގުޅުމަކީ އިންސާނުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. އެގޮތުން ޑިޕްރެޝަނާއި އެންޒައިޓީ ފަދަ މައްސަލަތައް ހުންނަ މީހުން ބުޅާ ގެންގުޅެން ފެށުމުން ހެޔޮ ބަދަލުތައް އަންނަ ކަމަށް ދައްކަ އެވެ.