ފުޓްބޯޅަ ކަލަންޑަރުގައި ބްރޭކް ގިނަވުމަކީ ކުޅުންތެރިންގެ ކަންބޮޑުވުމެއް

މިދިޔަ ސީޒަނަކީ ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ކަންތައްތަކެއް ތަޖުރިބާކުރަން ޖެހުނު އަހަރެކެވެ. މުޅިން އާ ފޯމެޓަކަށް އަހަރުގެ މެދުތެރޭގައި ސީޒަން ފަށައި ކުޅުންތެރިންގެ މުސާރަ އަށް ވެސް ކޮންޓްރޯލްތަކެއް ގެނަ އެވެ. ގައުމީ ޓީމުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ފުޓްބޯޅަ ކަލަންޑަރަށް ގިނަ ބަދަލުތައް ގެނަ އެވެ. ފުޓްބޯޅައިގެ ކަންތައްތަކަށް އަވަސް އަރުވާލައިގެންނާއި ކުއްލި ކުއްލި ނިންމުންތަކެއް ވެސް ފެނުނެވެ. މި ހުރިހާ ކަމަކާ ކުރިމަތިލައި ކުޅުންތެރިންނަށް ކުރިމަތިވި ދަތިތަކެއް ވެސް ގިނަ އެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި ފުޓްބޯޅައިގައި ހެޔޮ ބަދަލުތަކަށް ވެސް ކުޅުންތެރިން އުއްމީދުކުރެ އެވެ.


އެފްއޭއެމުން ރޭ ގެނެސްދިން "ލެޓްސް ޓޯކް ފުޓްބޯލް" ޝޯގައި ވާހަކަ ދައްކަމުން ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކެޕްޓަން މުހައްމަދު ފައިސަލް އަދި މާޒިޔާގެ ވައިސް ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ވަނީ ފުޓްބޯޅައިގައި މިހާރު ހުރި ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި މުހިއްމު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ގާތްގަނޑަކަށް ހަ މަސް ދުވަހު ރާއްޖޭގެ ފުޓްބޯޅަ ނުކުޅެ ހުއްޓާލުމަށް ފަހު ޖޫން މަހު އަލުން ފަށައިގެން ފަސް ބްރޭކް ނެގި އެވެ. އެންމެ ފުރަތަމަ ބްރޭކް ނެގީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. ދެން ބްރޭކްތައް ނަގަން ފެށީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކާއި ނޭޕާލުގައި ޑިސެމްބަރު މަހު އޮތް ސައުތު އޭޝިއަން ގޭމްސް އަށް ވަގުތު ދިނުމަށެވެ. އަދި އެންމެ ފަހުން ބްރޭކް ދިނީ އޭއެފްސީ ކަޕަށެވެ. މި ހުރިހާ ބްރޭކެއްގައި މެޗު ނުކުޅެ ތިބެން ޖެހުނު ދުވަހުގެ އަދަދު 130 އަށް ވުރެން މައްޗަށް އަރަ އެވެ.

ކުރިއަށް އޮތް ސީޒަނާ ބެހޭގޮތުން ގިނަ މަޝްވަރާތަކެއް ކުރެވެމުން އަންނައިރު، ކުރިން ކަނޑައެޅި ތާރީހު ކަމަށްވާ އަންނަ މަހު ލީގު ފެށުން މި އޮތީ ފަސްކުރަން ޖެހިފަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސީދާ ފެށޭނެ ތާރީހެއް އެނގެން ވެސް ނެތެވެ. އެކަމަކު ކުޅުންތެރިންނާއި ކޯޗުންގެ ނަޒަރުގައި ކުރިއަށް އޮތް ސީޒަން ވާން ޖެހޭނީ ކުރިން ކުރެވުނު ހިތި ތަޖުރިބާގެ އަލީގައި ކަންތައްތައް ރަނގަޅަށް ދާން ޖެހޭ ސީޒަނެކެވެ.

"މިނިމަމް (މަދުވެގެން) ފަސް ވަރަކަށް ޗޭންޖް (ބަދަލު) އެބައާދޭ ސީޒަން ކަލަންޑަރަށް. މިދިޔަ ސީޒަން މިދިޔައީ އެއް މަހު ބޯޅަ ކުޅެފިއްޔާ ދޮޅު މަހު ނުކުޅެ ތިބޭ ކަހަލަ ގޮތަކަށް. ހަގީގަތުގައި މީގެ ސަބަބުން ކޯޗުންނާއި ކުޅުންތެރިންނަށް ވަރަށް އުނދަގޫވި. މީގައި ވަރަށް މުހިއްމު ރަނގަޅު ޝެޑިއުލެއް އޮތުން. އެއީ ގިނަ މައްސަލަތަކެއްގެ ހައްލު،" ޓީސީއާ އެކު 2017 ވަނަ އަހަރު ޝެއިހް ކަމާލް ކަޕާއި 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ފައްރަ ބުންޏެވެ.

ކަލަންޑަރު ބަދަލުކުރުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ޓީމުތަކަށް އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ފުރުސަތު އޮތުމެވެ. އަހަރު މެދުތެރޭގައި ފުޓްބޯޅަ ސީޒަން ފެށުމަކީ ގޯސް ހިޔާލެއް ކަމަށް އަދިވެސް ގިނަ ކުޅުންތެރިން ގަބޫލުކުރެ އެވެ. އެއީ ޑިސެމްބަރު މަހު އާއިލާއާ އެކު ސްކޫލު ޗުއްޓީގައި ވަގުތު ހޭދަކުރުމާއި ރަށްރަށުގައި އޮންނަ މުބާރާތްތަކުގައި ކުޅުންތެރިން ކުޅެން ބޭނުންވުމާއި އިތުރު ހުނަރު ފުޓްބޯޅައަށް ތައާރަފްވުމުގެ ފުރުސަތުތަށް ވެސް އެ މުބާރާތްތަކުން ފަހިވާތީ އެވެ.

"ކުރިން އޮތް ގޮތަށް އަހަރު ކުރީކޮޅުގައި ސީޒަން ފެށިޔަސް އޭއެފްސީ ކަޕްގައި އެބަހުރި ރަނގަޅު ނަތީޖާތަކެއް ނެރެފައި ޓީމުތަކުން. ހަގީގަތުގައި އަހަރު މެދުތެރޭގައި ސީޒަން ފެށުމުން ވަރަށް އުނދަގޫ. އަޅުގަނޑުގެ އަމިއްލަ ނަޒަރުގައި ބުނާނަމަ ސީޒަން ފެށުން އެންމެ ރަނގަޅީ ކުރިން އޮތްގޮތަށް އަހަރުގެ ކުރީކޮޅުގައި،" 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ބުންޏެވެ.

ފުޓްބޯޅަ ކަލަންޑަރަށް އަވަސް އަވަހަށް ގެނެވުނު ކުއްލި ބަދަލުތަކާއި ހާލަތު ބަދަލުވި ގޮތުން މިދިޔަ ދެ ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ނުބާއްވަ އެވެ. މި ސީޒަނުގައި އެފްއޭ ކަޕްގެ މެޗުތަކެއް ކުޅުނެވެ. އެކަމަކު ފަހުން ކޮވިޑް-19 ފެތުރެންފެށުމާ އެކު ފަހު ދެ މުބާރާތް ކެންސަލްކޮށް ސީޒަން އަވަހަށް ނިންމާލީ އެވެ.

"ލީގު ދެ ބުރަށް ހަދައިގެން ވެސް އެބަޖެހޭ ތިން މުބާރާތް ކުޅެން. ހަގީގަތުގައި ކްލަބްތަކުން ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން މުޅި ސީޒަނަށް މި ނުކުންނަނީ. އެހެންވެ ޝެޑިއުލްތައް ހެދޭއިރު ތިން މުބާރާތް ކުޅުމަކީ ވަރަށް މުހިއްމު ކަމެއް،" ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން މީގެ ކުރިން ކޮށްފައިވާ އިރޭ ބުންޏެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭ ވަރުގެ ރަނގަޅު ފުޓްބޯޅަ ޝެޑިއުލެއް ރާއްޖޭގައި އެކުލަވާލަން ޖެހޭ ކަމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކޯޗުން ވެސް އެއްބަސްވެ އެވެ.

މުސާރަ ނުލިބޭތީ ފުރަތަމަ ޑިވިޝަން ފުޓްބޯޅައާ ދުރަށްދާ ކުޅުންތެރިން ގިނަ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކްލަބްތަކުގެ ތެރެއިން މައްސަލައެއް ނުޖެހި މުސާރަ ބަރާބަރަށްދޭ ކްލަބަކީ މާޒިޔާ އެކަންޏެވެ. ރާއްޖޭގެ ކްލަބްތަކަކީ މާލީ ގޮތުން ފުދުންތެރި ބަޔަކަށް ހަދަން އެކި ޕްލޭންތަކާއި އެކި ގޮތްގޮތުން މަސައްކަތްކުރެވުނު ނަމަވެސް އަދި އެކަން އޮތީ ހާސިލްނުވެ އެވެ. އެހެންވެ ކުޅުންތެރިންނަށް މުސާރަ ނުދެވޭ މައްސަލަ ވަރަށް ބޮޑަށް އަންނަނީ ކުރިމަތިވަމުންނެވެ.

"ރަށްރަށުން އައިސް ތިބޭ ކުޅުންތެރިން ތަންތަން ކުއްޔަށް ހިފައިގެން އާއިލާ ގޮވައިގެން ތިބޭއިރު މުސާރަ ނުލިބެންޏާ ވަރަށް ދަތިވާނެ. ވަރަށް ގިނަ ކުޅުންތެރިންތަކެއް މިކަމާ ދުރުވެއްޖެ. ޓެލެންޓް ހުރި ވަރަށް މޮޅެތި ކުޅުންތެރިން ވެސް ވަޒީފާތަކަށް ރިޒޯޓްތަކަށް ހިނގައްޖެ. ރަނގަޅަށް މުސާރަދެވޭ ނަމަ ގައުމަށް ހިދުމަތް ކޮށްދެވޭނެ ވަރުގެ ކުޅުންތެރިންތަކެއް ވާހަކަ މިއީ،" ފައްރަ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ފައިސަލް ބުނީ އޭނާގެ ތަޖުރިބާގެ އަލީގައި ފެނުނު އެއް ކަމަކީ މުސާރަ މައްސަލައިގައި ހުނަރުވެރި އެތަށް ކުޅުންތެރިންނެއް ފޫހިވެގެން ގޮސްފައިވާކަން ކަމަށެވެ. އަދި މި ފަދަ މައްސަލަތައް ހައްލުކުރަން ކްލަބްތަކުންނާއި ކުޅުންތެރިން އަދި ހުރިހާ ފަރާތެއް އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ފައިސަލް ދެކެ އެވެ.

މިދިޔަ ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ބަކާ ޓީސީގެ ބެން ކައިރިން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: މިހާރު

"މީގައި މައްސަަލަ އަކީ އެއްބަސްވާ އަގެއް ނުދިނުން. ކްލަބްގައި ނެތް ބަޖެޓެއް ދީފައި ވެސް ކުޅުންތެރިން ގެންދަން އެބަ ބޭނުންވޭ. ގިނަ ފަހަރު ކްލަބްތަކުން ދައްކާ ވާހަކަ ގަބޫލުކުރެވިގެން ދަނީ. މީގެ އެބަޖެހޭ އެންމެން ގުޅިގެން ހައްލެއް ހޯދަން. އަދި އެއްބަސްވެވޭ އަގެއް ދިނުން ވަރަށް މުހިއްމު،" ފައިސަލް ބުންޏެވެ.

ކުޅުންތެރިންގެ މުސާރަތަށް ކޮންޓްރޯލްކޮށް ދެވޭނެ އަގެއްގައި ހިފެހެއްޓުމުގެ ގޮތުން އެފްއޭއެމުން މިދިޔަ އަހަރު ވަނީ އުސޫލެއް ކަނޑައަޅައިފަ އެވެ. އެއީ ކުޅުންތެރިއަކަށް އެންމެ ބޮޑުވެގެން ސީޒަނަކަށް ދެވޭނީ ތިން ލައްކަ ރުފިޔާ ގޮތުގަ އެވެ. މިއީ ރަނގަޅު އުސޫލެއް ކަމަށް ގިނަ ކުޅުންތެރިން ގަބޫލުކުރެ އެވެ. ފައްރަ ދެކޭ ގޮތުގައި މުސާރަ ކިޔެންވާނީ ދެއްކޭ ކުޅުމެއްގެ މައްޗަށެވެ.

"މެކްސިމަމް ވޭޖް އެއް އެބައޮވޭ ކަނޑައަޅާފައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި ބައިވަރު ބަޔަކަށް އެކްސީޑެއް ނުވޭ. ރަނގަޅު އަދަދުތަކެއް ލިބިގެން މިދަނީ. ހަގީގަތުގައި މުސާރަ އެބަ ޑިޕެންޑްވޭ ޕާފޯމަންސަށް. އެއަށް އެކަށީގެންވާ އަގެއް އޮންނަން ޖެހެނީ،" ފައްރަ ބުންޏެވެ.

މުސާރަ ނުލިބޭތީ ކުޅުންތެރިން އަންނަނީ އެފްއޭއެމަށް މައްސަލަ ހުށަހަޅައިގެން ވެސް ލިބެން ޖެހޭ އުޖޫރަ ހޯދަމުންނެވެ. އެއްބައި ކުޅުންތެރިންނަށް ނުލިބި ވެސް ދެ އެވެ. އެކަމަކު ގިނަ ކުޅުންތެރިން ފާހަގަކުރާގޮތުގައި ކުޅުންތެރިންނާ ގުޅޭ މި ކަހަލަ މައްސަލަތަކުގައި ކުރިއަށް ވުރެން އެފްއޭއެމުން ކުރާ މަސައްކަތް ގިނަ އެވެ. އަދި ކުރަން ބޭނުންވާ ކަންތައްތަކުގެ ނަތީޖާ ވެސް ވަނީ ފެނިފަ އެވެ.

"ކުރިއަށް ވުރެން މިހާރު ކަންތައްތައް ފަސޭހަ. އަޅުގަނޑުމެން މާޒިޔާ ކުޅުންތެރިން މުސާރަ ނުލިބިގެން އެފްއޭއެމަށް ދާން ޖެހިފައި ނެތް. އެކަމަކު އަޅުގަނޑުމެންގެ ގާތް އެހެން ކުޅުންތެރިންނަށް އެބަހުރި އެފްއޭއެމް ތެރެއިން އެހެން ލިބެން ޖެހޭ ކަންތައްތައް ފުރިހަމަވެފައި. ކަމެއް ދިމާވެގެން އެދިއްޖިއްޔާ އެފްއޭއެމުން ބަލާ،" އިރޭ ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން މި ދަނޑިވަޅަކީ ހުރިހާ ދާއިރާ އަކަށް ވެސް ލޮޅުން އަރާފައިވާ ވަގުތެކެވެ. ފުޓްބޯޅަ އަށް ވެސް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. ފައްރަ ބުނީ މި ވަގުތަކީ ފުޓްބޯޅައިގެ ކަންތައްތަކުގައި އުޅޭ ހުރިހާ ފަރާތަކުން އެކުވެ، ހުރި ކަންބޮޑުވުމާއި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.