އަވަސް އަރުވާލައިގެން އަދީބަށް ހުކުމް ކުރީ ރައީސް އަންގަވައިގެން: ޔުނައިޓެޑް އޮޕޮޒިޝަންސް

ފިސްތޯލައެއް ގެންގުޅުއްވުމުގެ ކުށުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އަވަސް އަރުވާލައިގެން ހުކުމް ކުރީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަށް ކަން ހާމަވާ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން މިއަދު ބުނެފި އެވެ.


ރާއްޖޭން ބޭރުގައި މިހާރު ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުން އުފައްދާފައިވާ ޔުނައިޓެޑް އޮޕޮޒިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖިނާއީ ކުށްތައް ހުއްޓުވޭނީ އަވަހަށް ޝަރީއަތް ހިންގައިގެން ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނާ މައްސަލައިގެ ބެންޗު ކުއްލިއަކަށް ބަދަލުކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ މައްސަލަ ބަލަން ފަށައި އަވަހަށް ހުކުމް ކުރުމަށް ރައީސް އެދިވަޑައިގެންނެވި ކަން ހާމަވާ ކަމަށެވެ.

އެ އިއްތިހާދުން ބުނީ އަދީބަށް ކުރީ އިންސާފުން އެއްކިބާވެފައިވާ ހުކުމެއް ކަމަށެވެ. އަދި އެ ޝަރީއަތުގައި ވެސް ޝަރުއީ ނިޒާމާ ގުޅިގެން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތައް ތަކުރާރުވެފައިވާ ކަމަށް ބުންޏެވެ.

މިިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު އެއްވުމާ ދިމާކޮށް އަދީބު ދެ ފިސްތޯލައެއް ގެންގުޅުނު ކަން ވަނީ ސާބިތުވެފަ އެވެ. އެ ކުށުގައި އަދީބު 10 އަހަރަށް ޖަލަށް ލުމަށް ރޭ ވަނީ ހުކުމް ކޮށްފަ އެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނީ އަދީބުގެ ޝަރީއަތް ބިނާ ކޮށްފައިވަނީ އަދީބު ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ދުށް ކަމަށް ބުނާ ތިން ސިއްރު ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށް ކަމަށެވެ. އެއީ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ހިންގުނު ޝަރީއަތެއް ކަމަށް ވެސް އެ ކޯލިޝަނުން ބުނެ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު އިއުލާންކުރި ޔުނައިޓެޑް އޮޕޮޒިޝަންގައި އަދީބުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ.