ރޮހިންޔާގެ މުސްލިމުންނަށް ދޭ އަނިޔާތަކާ ދެކޮޅަށް މުސްލިމު އުއްމަތް މަސައްކަތް ކުރުމަށް ރާއްޖެ އިން ގޮވާލައިފި

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް މުސްލިމު އުއްމަތް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެ އިން މިއަދު ގޮވާލައިފި އެވެ.


ރޮހިންޔާގެ މުސްލިމުންގެ ހާލަތާ ގުޅޭ ގޮތުން މެލޭޝިއާގައި ކުރިއަށް ގެންދާ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އެކި ގޮތްގޮތުން އަރައިގަނެފައިވާ ކަމަށެވެ. އެ ކަންކަމަށް މާފު ނުކުރެވޭނެ ކަމަށާއި އެކަމާ މެދު ރާއްޖެއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާ ނުލިބި، އަބުރުވެރި އަދި އިހުތިރާމް ލިބިގެންވާ ދިރިއުޅުމެއް އުޅުމުގެ ހައްގު ކޮންމެ އިންސާނަކަށް ވެސް ލިބިގެންވޭ. މި ހައްގުތައް ވަކި ދަރިކޮޅެއް، ނަސްލެއް އަދި ދީނެއް އިސްތިސްނާ ކުރުމެއް ނެތި ލިބެންޖެހޭނެ،" އާސިމް ވިދާޅުވި އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓުވުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރުމަށް މިއަންމާގެ ސަރުކާރަށް މިނިސްޓަރު ގޮވައިލެއްވި އެވެ. އަދި އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އިތުރު މަސައްކަތްތަކެއް ކުރުމަށް މިއަންމާ އާއި އެ ސަރަހައްދުގެ ގައުމުތަކަށް އާސިމް ގޮވައިލެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅު ޝުއޫރުތަކާއި ހަރަކާތްތައް ދުނިޔޭގައި ދަނީ އިތުރުވަމުންނެވެ. އެކަން އެންމެ ބޮޑަށް ފާހަގަވެގެން ދަނީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ގެދޮރު ބިނާކުރުމާ ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ މަހު ފާސްކޮށްފައިވާ ގަރާރަށް ރާއްޖޭން ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.

އާސިމް ވިދާޅުވީ ފަލަސްތީނާއި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މުސްލިމު އުއްމަތް ގުޅިގެން މަސައްކަތް ކުރުމަށް ޖެހޭ ކަމަަށެވެ.

މިއަންމާ ސިފައިން އޮކްޓޯބަރު މަހު ފެށި އަސްކަރީ އޮޕަރޭޝަނުގައި ރޮހިންޔާ ދަރިކޮޅުގެ ގާތްގަނޑަކަށް 100 މުސްލިމަކު މަރާފައިވާ އިރު 27،000 މީހުން ވަނީ އެ މީހުން ދިރިއުޅޭ ރަކިނީ ސްޓޭޓް ދޫކޮށް ދާން މަޖްބޫރުވެފަ އެވެ. ރަކިނީ ދޫކޮށްދާ ގިނަ މީހުން ޖަމާވަނީ ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ކައިރިއަށެވެ.

ރޮހިންޔާ މުސްލިމުންނަށް އަނިޔާކުރަމުންދާ އިރު މިއަންމާ ސަރުކާރު ހިންގުމުގެ އެންމެ އިސް ސަފުގައި މިހާރު ހުންނެވި ނޯބެލް ސުލްހައިގެ އިނާމު ހޯއްދަވާފައިވާ އަން ސަން ސޫކީ ހިމޭނުން ހުންނަވާތީ އެކަމަނާ އަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

ރަކިނީގައި މިލިއަނެއްހާ މުސްލިމުން ދިރިއުޅެ އެވެ. އެކަމަކު ރަކިނީގެ އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުން ބުނަނީ އެއީ ގަވާއިދާ ހިލާފަށް އެތެރެވެފައިވާ ބައެއް ކަމަށެވެ. ރަކިނީގައި މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން 2012 ވަނަ އަހަރު ދިން ހަމަލާތަކުގައި 100،000 މުސްލިމުން ހާލުގައި ޖެހުނެވެ. ރޮހިންޔާ މުސްލިމުންނަކީ މިއަންމާގެ ރައްޔިތުންގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވެސް ބަލައިގެންފައެއް ނުވެ އެވެ. އެކަމަކު އެ މީހުން މިއަންމާގެ ދިރިއުޅޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ރޮހިންޔާ މުސްލިމުން ގަބޫލް ކުރަން ބަންގްލަދޭޝް އިން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.