ފަޔާޒާއި ސިފައިންގެ ދެ މީހުންގެ ޝަރީއަތުގެ ފަހު އަޑުއެހުން އަންގާރަ ދުވަހު

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި މައްސަލައާ ގުޅިގެން، ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ފަހު އަޑުއެހުން އަންނަ އަންގާރަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.


ކުރިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ވެރިއަކަށް ހުންނެވި ފަޔާޒާއި ސިފައިންގެ ދެ މީހުން ކަމަށްވާ އަހުމަދު ތިހާމާއި މޫސާ ޒަމީރުގެ މައްޗަށް ދައުލަތުން ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. އެއީ ލޯންޗު ހާދިސާ ހިނގުމުން، އެ ލޯންޗަށް ފުލުހުން އެރުން ފަޔާޒްގެެ އަމުރަށް މަނާ ކޮށްފައިވާތީ އާއި ފުލުހުން ދިއުމުގެ ކުރިން، ތިހާމާއި ޒަމީރު ބައެއް ހެކިތައް ނައްތައިލި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލު ކުރީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން މިއަދަށް ތާވަލު ކުރި އަޑުއެހުމުގައި ދިފާއީ ހެކިންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން ބުނުމުންނެވެ.

ދައުވާލިބޭ ތިހާމާއި ޒަމީރު މިއަދު ކޯޓަށް ވައްދަނީ: އެ މީހުންނަކީ ސިފައިންގެ ދެ މީހުން --މިހާރު ފޮޓޯ/ނިޝާން އަލީ

ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށްޓަކައި ހެކިން ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް އެ މީހުންގެ ހެކިބަސް ނަގަން ދައުވާ ލިބޭ މީހުން ބޭނުން ނުވީ އެ މީހުންގެ ފަރާތުން ސާބިތު ކުރަން ހުށަހެޅި ކަންކަން ދައުލަތުގެ ހެކިވެރިންގެ ބަހުން ވެސް ސާބިތުވާތީ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ.

އެ ހާދިސާގެ ކުރިން ފަޔާޒަކީ އެސްޕީޖީގެ ވެރިޔާގެ އިތުރުން ބަޑި ގުދަން ބެލެހެއްޓުމާ ވެސް ހަވާލުވެ ހުރި މީހާ އެވެ. އެކަމަކު އެ ހާދިސާ ހިނގުމުން އޭނާ ވަނީ އެ މަގާމުތަކުން ވަކިކޮށް، ކާނަލްގެ ރޭންކުގައި ހުއްޓައި، ކެޕްޓަންގެ ރޭންކަށް ވެސް ދަށްކޮށްފަ އެވެ.

"ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލުމުގެ އަޑީގައި ހުރިކަން ސާބިތުވެގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް 15 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޯޓުން އިއްވާފައިވާ އިރު އޭނާގެ ދެ ބޮޑީގާޑަކަށް ވެސް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.