އަޅުގަނޑު ބަންދުކޮށްފައި ހުރީ ބަންގަލޯއެއްގައި، އެކަމަކު އެއީ ހައްޔަރެއް: ރައީސް

އެމްޑީޕީގެ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި ބެހެއްޓީ ބަންގަލޯއެއްގައި ކަމަށާއި އެކަމަކު އެއީ ވެސް ގާނޫނާ ޚިލާފަށް ކުރި ހައްޔަރެއް ކަމަށް ވާތީ އެ މައްސަލާގައި ދައުވާ ކުރަން ބޭނުންފުޅުވާ ކަމަށް އެ މައްސަލައިގެ ތަހުގީގުގައި އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.


ހިމާޔަތް ދޭން ކަމަށް ބުނެ ޖުލައި، 2010 ގައި ރައީސް ޔާމީން ބަންދު ކޮށްގެން ގެންގުޅުނު މައްސަލާގެ ތަހުގީގަށް އެމަނިކުފާނު މިދިޔަ ސެޕްޓެމްބަރު މަހު ދެއްވި ބަޔާނުގައިވާ ގޮތުން އަށް ދުވަސް ވަންދެން އާރަށުގައި ބެހެއްޓީ ބަންގަލޯއެއްގަ އެވެ. އެތަނާ 100 ފޫޓު ދުރަށް ދިއުން އެމަނިކުފާނަށް މަނާކުރި ކަމަށާއި އެކަމަކު އެމަނިކުފާނުގެ ފޯނު އަތުލާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން އަޅުގަނޑުގެ ފޯނުން އަޅުގަނޑު ބޭނުން މީހަކާ ބޭނުން އިރަކު ގުޅެ އެވެ،" އެ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެގޮތުން ބޭރުގެ އެކި ޑިޕްލޮމެޓުންނަށް ވެސް އެމަނިކުފާނު އަމިއްލަފުޅަށް ގުޅުއްވި ކަމަށާއި ކޮންމެ ދުވަހަކު އާއިލާއާ ބައްދަލު ކުރެއްވުމަށް ދެ ގަޑިއިރު އަދި ވަކީލުންނާ ބައްދަލު ކުރަން 45 މިނެޓް ލިބިވަޑައިގަތް ކަމަށް އެ ބަޔާނުގައި ވެ އެވެ. އަދި ފަހުން އެމެރިކާގެ ޑިޕްލޮމެޓަކު ސަރުކާރާ ކުރި މަޝްވަރާތަކަށް ފަހު، އެމަނިކުފާނުގެ އާއިލާ އަށް އާރަށުގައި ތިއްބެވުމުގެ ހުއްދަ ލިބުނު ކަމަށް ވެސް ތަހުގީގު ބަޔާނުގައިވެ އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ފަހުން އެމަނިކުފާނު އެއްކޮށް މިނިވަންކުރީ ވެސް އެމެރިކާގެ ޑިޕްލޮމެޓަކު ސަރުކާރާ ކުރި މަޝްވަރާތަކަށް ފަހު ކަމަށެވެ.

"އެމްއެންޑީއެފްގެ ހިމާޔަތުގައި ކަމަށް ބުނެ އަޅުގަނޑުގެ ނުރުހުމުގައި ކ. އާރަށުގައި ބަހައްޓާ މިނިވަންކަމެއް ނެތި އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އަދި އެއްވެސް ތަނަކަށް ނުދެވޭ ގޮތަށް ބަހައްޓާފައިވާ ބެހެއްޓުމަކީ ހައްޔަރެކެވެ." އެ މައްސަލާގައި ދައުވާ ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެ ބަޔާނުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އާރަށަށް އެމަނިކުފާނު ގެންދިޔަ ދުވަހު ކަން ހިނގައި ދިޔަ ގޮތް ސާފުކޮށް ދެއްވައި، ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނަށް ހިމާޔަތް ދޭން ޖެހޭ ކަމަށް ބުނެ ސިފައިންގެ މައި މަރުކަޒަށް ހާޒިރުވާން އެންގެވީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މޫސާ އަލީ ޖަލީލެވެ. އެމަނިކުފާނު ހާޒިރު ނުވެއްޖެ ނަމަ ދޮރު ވައްޓާލައިގެން، ގަދަކަމުން ވިޔަސް ގެންދާނެ ކަމުގެ އިންޒާރު ޖަލީލު ދެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެވަގުތު ރައީސް ޔާމީން ހުންނެވީ އޭރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދިރިއުޅުއްވާ ގ. އާބިންގައި ކަމަށާއި ޖަލީލު އެގޮތަށް އިންޒާރު ދެއްވުމުން އެގެއިން ބޭރަށް ނިކުމެވަޑައިގަތްއިރު ސިފައިން ބޭރުގައި ތިބި ކަމަށް ބަޔާނުގައިވެ އެވެ. އެހެންވެ، ސިފައިންގެ ވެހިކަލްގައި ސިފައިންގެ މައި މަރުކަޒަށް ވަޑައިގަތީ ކަމަށާއި އެމަނިކުފާނު އާރަށަށް ގެންދަން ބޭނުންވާ ކަމަށް ޖަލީލު އެންގެވީ އެރޭ ފަތިހު ބަންޑާރަ ކޮށީގައި އިންނަވަނިކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، ނުދާން ގަދަ ދައްކާ ނަމަ ގަދަކަމުން ވެސް ގެންދާނެ ކަމަށް މޫސާ އަލީ ޖަލީލު އެތަނަށް އައިސް ބުންޏެވެ،" އެ ބަޔާނުގައިވެ އެވެ.

ސިފައިންނާ އެކު ދިއުން ނޫން ގޮތެއް ނެތް ނަމަ، އެކަން އެގޮތަށް ކުރައްވާނެ ކަމަށާއި އެކަމަކު އެމަނިކުފާނުގެ ހަށިކޮޅުގައި އަތްލާން ޖެހޭ ފަދަ ކަމެއް މެދުވެރި ނުވާ ކަމަށް ޖަލީލަށް ދެންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވެ އެވެ. އޭގެ ފަހުން ސިފައިންގެ ލޯންޗްގައި އެމަނިކުފާނު އާރަށަށް ގެންދިޔައީ ކަމަށް ބަޔާނުގައި ވެ އެވެ.

ރައީސް ޔާމީން ބަންދުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ދައުލަތުން މިހާރު ވަނީ ދައުވާ އުފުލައިފަ އެވެ. އެ ޝަރީއަތް މިހާރު ދަނީ ކުރަމުންނެވެ.