ސިފައިން ވޯޓުން މަހްރޫމްކުރުމަކީ ދަށުދަރަޖައަކަށް ވައްޓާލުން: ވަކީލުން

އިންތިހާބުތަކުގައި ވޯޓުލުމުން ސިފައިން މަހްރޫމްކުރުމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގެއް ނިގުޅައިގަނެ، ސިފައިން ވަރަށް ދަށު ދަރަޖައަކަށް ވައްޓާލުން ކަމަށް ވިދާޅުވެ ގާނޫނީ ބައެއް ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.


ސިފައިންގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވީ ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ހަދަން ނިންމީ ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ގައުމަށް ހިދުމަތް ކުރުމަށް ހާއްސަވެގެން ތިބޭ ބަޔަކަށް ހަދަން ކަމަށެވެ. އެހެންވެ، ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މާއްދާގައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެއާއެކު ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ބައެއް ވަކީލުން ވިދާޅުވީ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި، ސިފައިންނަށް ވޯޓުލުމުގެ ހައްގު ދީފައި އޮއްވައި، ސިފައިންގެ ގާނޫނަށް ގެންނަ އިސްލާހަކުން އެ ހައްގު ނިގުޅައިނުގަނެވޭނެ ކަމަށެވެ. އޭރުން، އެ އިސްލާހު ވާނީ ގާނޫނުއަސާސީއާ ފުށުއަރާ އިސްލާހެއް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ 62 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރަކު، ރައީސް ޔާމިނަށް ކުރުނީސް ކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

ގާނޫނީ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވީ ވޯޓުލުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ދީފައި އޮއްވައި ސިފައިންނަށް އެ ހައްގު ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް އެކަން ކޮށްފި ނަމަ، ގައުމާއި ރައްޔިތުންގެ ދިފާއުގައި ޝަހީދުވާން ތިބި ސިފައިންނަށް މި ގައުމުގައި އެ ދެވެނީ ވަރަށް ދަށު ދަރަޖައެއް ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ސިފައިންގެ ގާނޫނަށް އެ ގެންނަ އިސްލާހު ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު. ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގަކުން މަހްރޫމެއް ނުކުރެވޭނެ ސިފައިންގެ ގާނޫނަށް ގެންނަ އިސްލާހަކުން،" މައުމޫން ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުން ވޯޓުލުން، މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ކުރިން ހިފަހައްޓާފައިވާ ކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވި ގޮތުގައި، އެ ހައްގު ވަރަށް ސާފުކޮށް ސިފައިންނަށް ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެއާހިލާފަށް، އަމަލުނުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ސިފައިން ރަށެއްގައި ތަމްރީނު ހަދަނީ. ސިފައިންގެ ގާނޫނާއި ގާނޫނުއަސާސީން ސިފައިންނަށް ދީފައި އޮތް ހައްގެއް ނިގުޅައިނުގަނެވޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވޭ. - ފޮޓޯ: އެމްއެންޑީއެފް

ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވެސް ތަކުރާރުކޮށް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ދީފައި އޮތް ހައްގެއް، ސިފައިންގެ ގާނޫނަށް ގެންނަ އިސްލާހަކުން ނިގުޅައެއް ނުގަނެވޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒުކުރާ ކުށްވެރިންނަށް ވެސް ވޯޓު ލެވެ އެވެ. ކުށްވެރިންނަށް ލިބޭ ހައްގު ނުލިބޭ ބައަކަށް ސިފައިން ހެދުމަކީ، ޝަރަފާއި ކަރާމާތް ނަގާލުން ކަމަށް އަލީ ހުސެއިން ދެކެވަޑައިގަންނަވަ އެވެ.

"ޖަލުގައި ތިބޭ ކުށްވެރިންނަށް ވެސް ވޯޓުލުމުގެ ހައްގު ލިބޭ. އެކަމަކު ސިފައިންނަށް އެ ހައްގު ނިގުޅައިގަތުމަކީ ކުށްވެރިންނަށް ވުރެ ދަށް ހާލަތަށް ވައްޓާލުން. ހަމައެއާއެކު ކޮންމެ ދިވެހި ރައްޔިތަކަށް ވޯޓުލެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮއްވައި ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހެދުމުން ނުސީދާކޮށް މި ބުނެވެނީ ސިފައިންނަކީ ދިވެހިންނެއް ވެސް ނޫނޭ، " އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ފަސްގަނޑާއި ދީނާއި ގައުމަށްޓަކައި ހުވާކޮށްގެން ސިފައިން ތިބިއިރު، ގާނޫނުއަސާސީން ސިފައިންނަށް ދީފައިވާ ހައްގުތައް ނިގުޅައިގަންނަން ކެރެނީ ހައްގުތަކުގެ ދިފާއުގައި ސިފައިން ނަށް ވެސް މަސައްކަތް ނުކުރެވޭތީ އެވެ. ހައްގެއް ނިގުޅައިގަންނަން ނަމަ، އެ ނުރުހުން ފާޅުކުރަން ޖެހޭ ހިސާބަށް ސިފައިން ވެސް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ބޭއްވި ރަސްމިއްޔާތުގައި ސިފައިން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑިމޮކްރެޓިކް ގައުމުތަކުގައި ވޯޓުލުމުގެ ހައްގުން ސިފައިން މަހްރޫމް ނުކުރާކަން ވެސް އަލީ ހުސެއިން ފާހަގަކުރެއްވި އެވެ.

ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހަދަނީ ސިޔާސީ ނުފޫޒުން އެއްކިބާކުރަން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވައި އަލީ ހުސެއިން ވިދާޅުވީ "އެއީ ތާކުންތާކު ނުޖެހޭ ވާހަކަފުޅެއް" ކަމަށެވެ. ހަގީގަތަކީ، އޭނާ ވިދާޅުވި ގޮތުގައި، ސިފައިންގެ މުއައްސަސާގައި ސަރުކާރަށް ތާއީދު ނެތުމުން ގާނޫނަށް ގެންނަ އިސްލާހެކެވެ.

"ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހެދީ ތާއީދު ނެތުމުން. ހަގީގަތަކީ އިދިކޮޅު ފަރާތްތަކަށް ވޯޓު މަދުކުރަން ކުރާ ކަމެއް މިއީ،" އަލީ ހުސެއިން ވިދާޅުވި އެވެ.