މާލޭގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރަން އެމްޑީޕީގެ ސަރުކާރުން ކުރި އެއްވެސް ހޭދައެއް ނެތް: ރައީސް

އިދިކޮޅު އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރު ނިމިގެން ދިޔައިރު ވެސް މާލޭގެ އިންޖީނު ކެޕޭސިޓީ އިތުރުކުރަން ކުރި އެއްވެސް ހޭދައެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭގައި ވިދާޅުވެއްޖެ އެވެ.


މާލެ އިން ތިން ގަޑިއެއްހާއިރަށް ކަރަންޓާއި ފެނުގެ ހިދުމަތް އިއްޔެ ކެނޑި މުއާސަލާތީ ހިދުމަތްތަކަށް ބުރުއެރުމާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން މިއަދު އުފުލަން ޖެހިގެން އުޅެނީ، އެމްޑީޕީގެ ވެރިކަމުގައި މާލޭގެ އިންޖީނު ކެޕޭސިޓީ އިތުރު ނުކުރުމުން، އެ އުނދަގޫ ކަމަށެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މީގެ ވިއްސަކަށް އަހަރު ކުރިން ރާއްޖެ އިން ބޭރުގައި ތެލުގެ އަގު ހުރި ގޮތުން ލީޓަރެއް 3ރ. އަށް ރާއްޖޭގައި ވިއްކިޔަސް މިހާރު ތެލުގެ އަގު ބޮޑުވެފައިވާ ކަމަށެވެ. އެންމެ ކުޑަކޮށް، ހޯލްސޭލްކޮށް، ވިއްކާ އަގުން ވެސް ލީޓަރެއް ގަންނަން ލިބެނީ އަށް ރުފިޔާ އަށް ވުރެ ބޮޑުކޮށް ކަމަށް ވިދާޅުވި އެވެ.

"އަދި އެކިއެކި ފަރާތްތައް ނިކުމެ މިކަން ކުރާ ކަމަށް ވަންޏާ 10ރ. އާ ހަމައަށް އެބަދޭ. މި އަގުގައި ތެޔޮ ގަނެގެން ކޮން ގޮތަކުންތޯ، އޭރު ދެ ރުފިޔާ ބަޔަށް ވިއްކި ލިޓަރެއް މިއަދު 2.50ރ. އަށް ވިއްކަނީ؟ އަދި އެކަން ކޮށްފައި އަޅުގަނޑުމެން މި ބުނަނީ އެކަން ކުރާ ބަޔަކަށް ސަބްސިޑީ ވެސް ދޭށޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކަރަންޓު ފަދަ ހިދުމަތްތަކަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދެވޭކަށެއް ނެތެވެ. ސަބަބަކީ ކަރަންޓަށް ވުރެ، އަސާސީ އެހެން ހިދުމަތްތަކަށް އެ ސަބްސިޑީތަކުން ހޭދަކުރަން ޖެހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީއޭ އިން ލޯކަލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ރޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން، އެ ޕާޓީގެ ނައިބު ލީޑަރު މައުރޫފްއާ ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭގެ ތެރޭގައި ރައީސް ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ ރަނގަޅު ކުރުމާއި އެ ދާއިރާގެ މުވައްޒަފުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުން ފަދަ ކަންކަން ހިމެނެ އެވެ. ތަރައްގީގެ އެތައް މަޝްރޫއަކާއި ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަމާ އެކު ކަރަންޓަށް ސަބްސިޑީ ދިނުމަކީ ދަތި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެެއްވެސް ކަމެއްގައި ރައްޔިތުންނަށް ދަތި ނުކުރާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ފަސޭހަކަމާއެކު، އެއްވެސް ހިދުމަތެއް ފޯރުކޮށްދެވެން އޮއްވައި ރައްޔިތުންނަށް އުނދަގޫވާނެ ގޮތަކަށް މި ސަރުކާރުން ކަންކަން ނުކުރާނެ ކަމަށެވެ. ފާޑުކިޔާ މީހުންނަށް އެނގެން ޖެހޭ ހަގީގަތަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، ކަންކަން ފެއްޓެވީ "މައިނަސް" އިން ނެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެތެރެއިންނާއި ބޭރުން ނަގާފައިވާ ރާއްޖޭގެ ދަރަނި 36،000 މިލިއަނަށް އަރާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސަރުކާރަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ސަރުކާރެއް، މި ސަރުކާރަކީ ރައްޔިތުންނަކީ މުހިއްމު ބައެއް ކަން ދަންނަ ސަރުކާރެއް. މި ސަރުކާރުން އެހެންވެގެން ދެއްތޯ ފެނާއި ނަރުދަމާގެ އަގު ބޮޑު މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ދިމާލެއްގައި އެ ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

"ލުއިކޮށްދެވޭނެ އެއްވެސް ގޮތެއް އޮތިއްޔާ، ދަތިކުރަން މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ."

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ފާޑުކިޔުން އަމާޒުވިޔަސް، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކީ ވެސް އޭގެ ޒާތުގައި ހިނގާ މުއައްސަސާތަކަށް ހެދުން ކަމަށެވެ. ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ މުއައްސަސާތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު ސަބްސިޑީއެއް ދީގެން ހިންގެން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގައި ދަތިތަކެއް ހުރޭ. ކުންފުންޏަކަށް ސަބްސިޑީ ދީފައި، ދެން އެ ކުންފުނި ފޫބައްދަން ލާރި ނުދެވޭ ކަމަށް ވަންޏާ މާދަމާ ފެންނާނީ އެ ކުންފުނި ބަނގުރޫޓުވެފައި އޮއްވައި،" ރައީސް ވިދާޅުވި އެވެ.