ކުރީގެ ފިލްމީ ތަރި އައްޔަ މަރުވެފައި އޮއްވާ ފެެނިއްޖެ

ކުރީގެ ފިލްމީ ތަރި އަލީ އަހުމަދު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ދެންމެ ފެނިއްޖެ އެވެ.


"ހަތަރު އުދަރެސް" އައްޔަގެ ނަމުން މަޝްހޫރުވެފައިވާ އައްޔަ މަރުވެފައި އޮއްވައި ފެނުނީ ހ. ގާޑްން ބިއުޓީގައި ހުންނަ ކޮޓަރިއެއްގެ ތެރެއިންނެވެ.

ކުރިން ގިނަ ފިލްމުތަކަކާއި ލަވަތަކެއް ކުޅުމަށް ފަހު، އައްޔަ ވަނީ ދުވަސްކޮޅަކަށް ގެއްލިފަ އެވެ. އެހެން ނަމަވެސް، އޭނާ އެނބުރި ފިލްމީ ދާއިރާ އަށް އަންނަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ބުނެފަ އެވެ. އޭނާ މަރުވި އިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން ވަނީ މިދިޔަ މަހުގެ ތެރޭގައި ދައުވާ ވެސް އުފުލައިފަ އެވެ.

ފަހުން ވަޑާމުގެ މަސައްކަތުގައި އުޅުނު އައްޔަގެ މައްޗަށް އެ ދައުވާކުރީ ކޮން އިރަކު އަދި ކިހާ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށްގެން ކަމެއް ސާފެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އައްޔަ ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. އެ މައްސަލާގައި އޭނާ ހުރީ ވެސް ބަންދުގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ އެވެ.

އައްޔަގެ ގާތް މީހަކު ބުނިގޮތުގައި ގާޑްން ބިއުޓީގެ ކޮޓަރިއަކަށް އައްޔަ ބަދަލުވިތާ އަދި ވާނީ ހަފުތާއެއްހާ ދުވަހެވެ.

"ހުން އައިސް ގައިގައި ރިއްސާތީއޭ ކިޔާފައި، މިތާ ކައިރީގައި ހުރި ބޭސްފިހާރައަކަށް ދިޔަ ބޭހެއް ގަންނަން ރޭ ދިޔަ،" އައްޔަ އެންމެ ފަހުން އުޅުނު ގޭ ކައިރީގައި އުޅުނު މީހަކު ބުންޏެވެ.

"މިތާ ކައިރީގައި ރޭ ގުރޫޕަކާ އެކު ފުދޭވަރަކަށް ގިނައިރު ވަންދެން އުޅުނު ތަން ވެސް ދުށިން."