ފިލްމީ ދާއިރާ އިން ފެނުނު އެކްޓަރުންގެ ތެރެއިން އަލީ އަހުމަދު (އައްޔަ) ނުވަތަ މަޝްހޫރު ނަމުން ނަމަ ހަތަރު އުދަރެސް އައްޔަކީ އާންމުންގެ ތެރޭގައި ވަރަށް މަޝްހޫރުވި ތަރިއެކެވެ. ހާއްސަކޮށް އަންހެން ކުދިންގެ މެދުގައި އައްޔަ މަޝްހޫރެވެ.

އެކަމަކު ފިލްމީ ދާއިރާ އިން އައްޔަ މާ ގިނަ ދުވަހު ފެންނަ ވަރެއް ނުވި އެވެ. ބައެއް ފިލްމުތަކާއި ޑްރާމާތަކުން މަގުބޫލްކަން ހޯދި މި އެކްޓަރު މިހާރު ކޮބައިހެއްޔެވެ؟

އޭނާ އެންމެ ފެހުން ފެނުނީ 2011 ގައި ރިލީޒް ކުރި ފިލްމް "ހިތޭ ދޭމީ" އިންނެވެ.

ށ. ކޮމަންޑު އަށް އުފަން އައްޔަ ފިލްމީ ދާއިރާ އިން މިހާރު ނުފެނުނަސް، އޭނާ މި ދާއިރާ އިން އެއްކޮށް އަދި ގެއްލުނީކީ ނޫނެވެ. ދިރިއުޅުމަށް މިހާރު ކުރާ މަސައްކަތުގެ ގޮތުން ފިލްމީ ދާއިރާ އަށް ވަގުތެއް ދެވެން ނެތީ އެވެ.

ކ. ދިއްފުށީ މީހަކާ ކައިވެނިކޮށް އައްޔަ މިހާރު ބައްޕައަކަށް ވެސް ވެއްޖެ އެވެ.

އައްޔަ: ފިލްމީ ދާއިރާ އާ އެއްކޮށް ދުރަކަށް ނުދޭ.
އައްޔަ: ފިލްމީ ދާއިރާ އާ އެއްކޮށް ދުރަކަށް ނުދޭ.

ދިރިއުޅުމަށް މިހާރު އޭނާ ކުރާ މައިގަނޑު މަސައްކަތަކީ އަލަށް ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކުގެ ވަޑާމުގެ މަސައްކަތްތައް ކޮންޓްރެކްޓަށް ނަގައިގެން އެ މަސައްކަތް ކުރުމެވެ. އައްޔައަކީ ވަޑިއެކެވެ. ލޭތުގެ މަސައްކަތަށް އޭނާ ވަކިން ހާއްސަ އެވެ.

"މިހާރު ދެން މަސައްކަތުގެ ގޮތުން މާލޭގައި ވެސް ނޫޅެވޭތީ ފިލްމީ ދާއިރާ އިން ނުފެންނަނީ. އެއްގޮތަކަށް ވެސް އެ ދާއީރާ ދޫކޮށްލީކީ ނޫން،" އީސާ ޝަރީފްގެ "ހަތަރު އުދަރެސް" އިން ފިލްމީ ދާއިރާ އަށް ނިކުތް ބަތަލު ބުންޏެވެ.

"އެ ދަތުރު" ފަދަ ފިލްމުތަކުގެ އިތުރަށް "ސޫރަ" އާއި "ކަލާގެ ހައްގުގައި" އަދި މަގޭ ހިތަކީ ހިތެއް ނޫންހޭ" ފަދަ ޑްރާމާތައް ކުޅެފައިވާ އައްޔަ ބުނީ ކުރިއަށް އޮތް ތަނުގައި އަދި އޭނާ ފިލްމީ ދާއިރާ އިން ފެނި ދާނެ ކަމަށެވެ.

"މިހާރު ދެން ވަރަށް ބިޒީކޮށް މާލޭން ބޭރުގައި މި އުޅެން ޖެހެނީ. އެހެންވެ އޮފާއެއް ލިބުނަސް ވެސް މަސައްކަތާއި ވަގުތުގެ ގޮތުން އެއްޗަކަށް އެއްބަސް ނުވެވެނީ،" އޭނާ ބުންޏެވެ. "އެކަމަކު ބުނެލަން އޮތީ ފިލްމީ ދާއިރާއިން އެއްކޮށް ގެއްލުނީކީ ނޫނޭ. ހަމަ ފެނި ވެސް ދާނެ ކުރިއަށް އޮތް ތަނުގައި."

އެކަމަކު ފިލްމަކުން ވިޔަސް ޑްރާމާއަކުން ވެސް އައްޔަ ފެންނާނެ އިރެއް ބުނާކަށް އޭނާއަކަށް ވެސް ނޭނގެ އެވެ.

"އެއްޗަކަށް ވަގުތު ދެވޭ ކަހަލަ ދަނޑިވަޅެއް އައިސްފި ކަމަށްވާ ނަމަ އެއްބަސްވާނަން. ދެން އަނެއްހެން ދިރިއުޅުން މާލެއާ އެހާ ދުރަކު ވެސް ނޫން އޮތީ. ދިއްފުށީގައި އުޅޭތީ މާބޮޑު ތަފާތެއް އަނެއްހެން ނާންނާނެ،" އޭނާ ބުންޏެވެ.

އައްޔަ ބުނީ އަލުން ޕްރޮޖެކްޓަކަށް އެއްބަސްވާ އިރު، ކުރިން ނުބަލާ ބައެއް ކަންތައްތަކަށް ދެން ބަލާނެ ކަމަށެވެ.

"ހަމަ ޔަގީނުން ވެސް ކުރިން ކުޅެ ދިން އަގަކަށް ދެން އެއްޗެއް ނުކުޅޭނަން. އަގަށް ބަދަލު ގެންނާނަން،" ހޮބީއެއްގެ ގޮތުން ފިލްމީ މަސައްކަތް ކުރަން ބޭނުންވާ އެކްޓަރު ބުންޏެވެ. "އޭގެ އިތުރަށް ކުޅެން ލިބޭ ރޯލަކީ ކޮން ކަހަލަ ރޯލެއްތޯ ބަލާފައި ހިތްހަމަޖެހޭ ވަރުގެ ރޯލަކަށް ވިއްޔާ އެއްބަސްވާނީ. އަސްލު ވަރަށް ކުޅެލާ ހިތްވޭ އައްޔަ ދެކެ މީހުން ވަރަށް ލޯބިވާ ކަހަލަ ވަރަށް ގިނަ މެސެޖްތަކެއް ލިބޭ ކަހަލަ އެއްޗެއް."

ފިލްމީ ދާއިރާ އަށް އައްޔަގެ އޮތް ޝައުގުވެރިކަން ކުޑައެއް ނުވެ އެވެ. އެކަމަކު އޭނާ ބުނީ ކެރިއާއެއްގެ ގޮތުގައި ފިލްމީ ދާއިރާ އަށް ހުސްވުމަކީ ރާއްޖޭގައި އަދި ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"ހިއެއް ނުވޭ ކެރިއާއެއްގެ ގޮތުގައި ހަމައެކަނި އެކަމަށް ހުސްވެގެން ފިލްމް ކުޅުމަކީ ރާއްޖޭގައި ކުރިމަގު އޮތް ކަމެއްހެނެއް. ދެން ދެވަނަ މަސައްކަތެއްގެ ގޮތުގައި ކޮށްލަން ހަމަ ރަނގަޅު ކަމެއް މިއީ،" ވަގުތު ހުރި ގޮތުން މިހާރު ދިވެހި ފިލްމެއް ބަލާލަން ވެސް ފުރުސަތެއް ނުލިބޭ އެކްޓަރު ބުންޏެވެ.

ވަޑާމުގައި އައްޔަގެ ހުނަރު ދައްކަމުން ދާއިރު ފިލްމީ ހަޔާތް އަލުން ބައްޓަންކުރަން ފުރުސަތު ލިބިއްޖެ ނަމަ އެކަމަށް ވެސް އައްޔަ ތައްޔާރެވެ.