ސިއްހީ ދާއިރާގައި އަޅުގަނޑު ސިއްރު ކުރަންޖެހޭ އެއްވެސް ކަމެއް ނޯންނާނެ: ނާޒިމް

ސިއްހީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން އާންމުންނަށް ސިއްރުކުރަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ސްވައިން ފްލޫ އުޅޭކަން އެނގިވަޑައިގަތުމުން އެންމެ ފުރަތަމަ ވެސް އަމަލުކުރެއްވީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ރާއްޖޭގައި ބޮޑު ރޯގާއެއްގެ ގޮތުގައި ފެތުރެމުންދާކަން މިދިޔަ ހޯމަދުވަހު ސަރުކާރުން ރަސްމީކޮށް ހާމަކުރީ ސޯޝަލް މީޑިއާގެ ޕްރެޝަރާ ހެދި ކަމަށާއި އެހާތަނަށް އެކަން ސިއްރު ކޮށްފައިވާ ކަމަށް ބުނެ އަންނަ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު ނާޒިމް "މިހާރު" އަށް ވިދާޅުވީ ސިއްހީ ދާއިރާގައި އޭނާ "ފޮރުވަންޖެހޭ އެއްވެސް އެއްޗެއް ނޯންނާނެ" ކަމަށެވެ.

މިދިޔަ ހޯމަދުވަހު ހެނދުނު ޑޮކްޓަރުންގެ ޓީމުން ބޭއްވި ނިއުސް ބްރީފިންގައި، ސްވައިން ފްލޫއާ އެކު، ރާއްޖޭގެ އާންމު ހާލަތު އޮތީ ބިރުވެރި ދަރަޖައެއްގައި ނޫން ކަމަށް ބުނި ނަމަވެސް އޭގެ ނުވަ ގަޑިއިރު ފަހުން ކުއްލި ގޮތަކަށް ނުރައްކާތެރި ހާލަތަށް ދިޔަކަން އިއުލާން ކުރީ ކީއްވެތޯ ދެންނެވުމުން ނާޒިމް ވިދާޅުވީ "އެ ދެ ސްޓޭޓްމަންޓް ދެ ގޮތަށް އައުން އެއީ އެކަން [ސިއްރު ނުކުރާކަން] އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމެއް" ކަމަށެވެ.

"އެޗް1އެން1 ގެ ޓެސްޓަކީ މަދުވެގެން 24 ގަޑިއިރު ނަގާ ޓެސްޓެއް. ހަމަ ހުރެފައި އަންނަ މީހަކު ހަދާ އެއްޗެއް ނޫން. އަނެއްކާ ކޮންމެ 10 ސާމްޕަލުން 10 ސާމްޕަލުން ޓެސްޓް ހެދޭ އެއްޗެއް. ނޯމަލްކޮށް ހެދޭ ޓެސްޓެއް ނޫން. ރާއްޖޭގައި އައިޖީއެމްއެޗްގައި އެކަނި މި ޓެސްޓް ހެދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެއްވެސް ނޫސްވެރިއަކަށް ބުނާކަށް ނުކެރުނު ރާއްޖޭގައި ޓެސްޓް ހަދަން ފެށީ 2015ގައޭ. އޭގެ ކުރިން ރާއްޖެ އިން ބޭރަށް ފޮނުވައިގެން ޓެސްޓް ހަދަން ޖެހެނީ."

ސްވައިން ފްލޫގެ މައުލޫމާތު ދިނުމަށްޓަކައި ޑޮކްޓަރުންގެ ޓީމުން މިދިޔަ ހޯމަދުވަހު ހެނދުނު ބޭއްވި ޕްރެސް ބްރީފިން: މި ޕްރެސް ބްރީފިންގައި ހާމަކުރިން ގޮތުން ނަމަ އެހާ ހިސާބަށް އެޗް1އެން1 އަށް ޕޮޒިޓިވް ވީ 27 މީހެއް.---މިހާރު ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނާޒިމް ވިދާޅުވި ގޮތުގައި ހުމުގެ ރޯގާ ޖެހިގެން އަންނަ މީހުން އާދަޔާ ޚިލާފަށް ގިނަކަން ފާހަގަކުރެވިގެން، ކަމާ ގުޅޭ ބޭފުޅުން ހޯމަދުވަހުގެ ހެނދުނު ބައްލުކުރެއްވި އެވެ. އެކަމަކު އޭރު ވެސް އޮތީ ސްކޫލުތައް ބަންދުކުރާ ހާލަތެއްގައި ނޫން ކަމަށް ޑޮކްޓަރުންގެ ޓީމުން އެންގި ކަމަށް ނާޒިމް ވިދާޅުވި އެވެ. ނަމަވެސް ހޯމަދުވަހުގެ ރޭ ގާތްގަނޑަކަށް އަށެއް ނުވަތަ ނުވައެއް ޖެހިއިރު، އިތުރު ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު، ސްވައިން ފްލޫ ޖެހުނު މީހުންގެ އަދަދު ކުރިއަށް ވުރެ ބޮޑަށް އިތުރުވުމުން، ވަގުތުން ނިއުސް ކޮންފަރެންސަކަށް ޑޮކްޓަރުންގެ ޓީމުން އަރައި ހާލަތުގެ ނުރައްކާކަން ކިޔައިދޭން ނިންމީ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ހޯމަދުވަހުގެ ހެނދުނު އެޗްޕީއޭ އިން ބުނިގޮތުގައި އެހާ ހިސާބަށް [މި އަހަރުގެ ޖެނުއަރީން ފެށިގެން] ސްވައިން ފްލޫ އަށް ޕޮޒިޓިވް ވީ 27 މީހެކެވެ. އެކަމަކު ހޯމަދުވަހުގެ ރޭ ލިބުނު އިތުރު ޓެސްޓްތަކުގެ ނަތީޖާއާ އެކު އެ އަދަދު 51 އަށް އަރައި، މި މަހުގެ ހަތަރުވަނަ ދުވަހު އެކަކު މަރުވެފައި ވަނީ ސްވައިން ފްލޫ ޖެހިގެންކަން އެޗްޕީއޭ އިން އިއުލާން ކުރި އެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އަށް ގަޑިއިރު، ނުވަ ގަޑިއިރުގެ ތެރޭގައި ތެދު މައުލޫމާތު އަންނަން ޖެހުން އެއީ ރަނގަޅު ކަމެއް. އަޅުގަނޑުމެންނަށް އަނެއް ދުވަހަށް ވެސް މަޑުކުރެވިދާނެ. ޖެހިގެން އަންނަ ދުވަހަށް ވެސް މަޑުކުރެވިދާނެ. ސްކޫލްތައް ބަންދުކުރަން އެ ރެއިން އެ ރެ އަށް [ޑޮކްޓަރުންގެ ޓީމުން] އަޅުގަނޑަށް ލަފާދިން. ބައެއް ބޭފުޅުން ވިދާޅުވި ތިމަންނަމެން ނިދާފައި ތިއްބައޭ ސްކޫލް ބަންދުކުރާކަން އިއުލާންކުރީ. އެއީ ރަނގަޅު ވާހަކައެއް. އެކަން އެހެން ކުރީ ވެސް ލަސްކުރަން ބޭނުން ނުވާތީ،" ނާޒިމް ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ނާޒިމް "މިހާރު" އާ އިއްޔެ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ހެލްތު މިނިސްޓަރު ވިދާޅުވީ އޭނާ ސްވައިން ފްލޫއާ ގުޅޭ ކަންކަން ފޮރުވަން އުޅުއްވާ ކަމަށް ދައްކާ ވާހަކަތަކާ ސީދާ ދެކޮޅު ހައްދަވާ ކަމަށެވެ.

ސްވައިން ފްލޫ އަށް މިދިޔަ އަހަރު ޕޮޒިޓިވް މީހުންގެ އަދަދު މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރުވަމުން ދިޔައިރު، އެއީ ކުރިން އެލާޓްވާންޖެހޭ ސަބަބަކަށް ނުވޭތޯ ދެންނެވުމުން ނާޒިމް ވިދާޅުވީ "ހެލްތު ފެސިލިޓީސްތަކުން އެއްވެސް އެލާމިން ސިގްނަލެއް ދީފި ނަމަ އަޅުގަނޑުމެން އެކަން ފޮރުވާކަށް ނޫޅޭނެ" ކަމަށެވެ.

"މީހުން ޕެނިކް ކޮށްލުމަކީ އެ މީހެއްގެ ސިއްހަތު ގޯސްކޮށްލާނެ ކަމެއް. އަޅުގަނޑުގެ 3-4 އަހަރުގެ ކުއްޖާ އަށް ނަރަކައިގެ ވާހަކަ ވަރަށް ބިރުވެރިކޮށް ކިޔައިދީފިއްޔާ އޭނާ ނުނިދާނެ. އެހެންވީމާ ކޮންމެ ރައްޔިތަކަށް ވެސް މައުލޫމާތު ދޭން ޖެހޭނީ އެ ރައްޔިތަކަށް ބޭނުންވާ މިންވަރަށް. އެ މައުލޫމާތުތައް މާ ވަރުގަދަ ކުރުމުގެ ނަޒަރުން، ބޭނުން ނުވާ އެއްޗެއް ގެންދިއުމަކީ ބިރުވެރިކަން އުފެދޭނެ ކަމެއް،" ނާޒިމް

އޭނާ ވިދާޅުވި ގޮތުގައި އާންމު ސިއްހަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިދިޔަ ދެ މަސް ދުވަހުގައި ވެސް ސަރުކާރުން އައީ އަޅަމުންނެވެ. އަދި ހުމުގެ ރޯގާ އިތުރުވަމުންދާތީ، ޓެކްނިކަލް ޓީމުގެ ބައްދަލުވުންތައް އެތައް ދުވަހެއްގެ ކުރިން ބާއްވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެޕިޑެމިކަކަށް ވާ ކަމުގެ އަލާމާތްތަކެއް އަޅުގަނޑުމެންނަށް ފެންނަން ނެތީމާ، އެޗް1އެން1 އެބައުޅެއޭ ކިޔާފައި ކަނޑައެޅިގެން މީޑިއާ އަށް އަރައި އެފަދަ ރިޕޯޓެއް ނުނެރެން. މި ރާއްޖޭގައި ހަމަ ކަމެއް ދިމާވާއިރަށް، ނުޖެހޭ ދެއްތޯ ހަމަ އެ ދުވަހު އަރައި މީޑިއާ އަށް ދޭކަށް. މި ހުން ފެންނަން ފެށި ހިސާބުން، މިނިސްޓަރަށް ލަފާދޭ ޓީމެއް އެކުލަވާލައިފިން. އެ ބޭފުޅުން ގެންދިޔައީ ބައްދަލުވަމުން. ހޯމަދުވަހު އެ ބޭފުޅުން ވިދާޅުވީ މިހާރު މީޑިއާ އަށް ގޮސް ތިމަންނަމެން އެބަޖެހެއޭ މި ހާލަތު ކިޔައިދޭން. އޭރު ސޯޝަލް މީޑިއާގައި ވާހަކަތައް ދައުރުވާން ފަށައިފި،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިއްހީ ކަންކަމަށް މީހުން ހޭލުންތެރިކޮށް، ސިއްހަތަށް ގެއްލުންވާ ކަންކަން އާންމުންނަށް އަންގައިދިނުމަށް މިހާ ބޮޑަށް މަސައްކަތް ކުރި ސަރުކާރެއް ފަހުގެ ތާރީޚެއްގައި އައި ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ހަމަ ގައިމު ވެސް މިތަން ހިންގަން ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ނުދެކެން މިފަދަ ކަމެއްގެ ވާހަކަ ހާމަކުރަން ނުޖެހޭ ކަމަކަށް. ބަލިމަޑުކަމެއް ފެތުރުމަކީ ކޮންމެ ވަގުތެއްގައި ވެސް ވެދާނެ ކަމެއް. އެއީ ވަކި ސަރުކާރަކާއި ވަކި މީހަކު ވެރިކަމުގައި ހުރުމާއި ވަކި މީހަކު ހެލްތު މިނިސްޓަރު ކަމުގައި ހުރުމަކުން ވާ ކަމެއް ނޫން."

ހުމުގެ ރޯގާ އަށް ހާއްސަކޮށްގެން އޭޑީކޭ އިން ހުޅުވި ހުމުގެ ކްލިނިކުން އިއްޔެ މީހަކަށް ހިދުމަތް ދެނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަމުގައި އާންމުންނަށް މައުލޫމާތު ހާމަކުރަން ޖެހޭނީ އެ އޮންނަ މިންވަރަކަށް ކަމަށެވެ. ހުރިހާ ކަމެއް އަލިފުން ޔާ އަށް ކިޔައިދޭ ނަމަ، އެކަމަކާ ގުޅޭ ޑޭޓާތައް އޮޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ނެތް ބިރުވެރިކަމެއް އެއްވެސް އިރެއްގައި ގެންނަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ރޯގާތަކާއި ގުޅިގެން އައިޖީއެމްއެޗްގައި ހުޅުވި ފްލޫ ކްލިނިކުގައި ހަދާފައިވާ ލެބޯރެޓަރީގައި މީހަކު މަސައްކަތް ކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"މީހުން ޕެނިކް ކޮށްލުމަކީ އެ މީހެއްގެ ސިއްހަތު ގޯސްކޮށްލާނެ ކަމެއް. އަޅުގަނޑުގެ 3-4 އަހަރުގެ ކުއްޖާ އަށް ނަރަކައިގެ ވާހަކަ ވަރަށް ބިރުވެރިކޮށް ކިޔައިދީފިއްޔާ އޭނާ ނުނިދާނެ. އެހެންވީމާ ކޮންމެ ރައްޔިތަކަށް ވެސް މައުލޫމާތު ދޭން ޖެހޭނީ އެ ރައްޔިތަކަށް ބޭނުންވާ މިންވަރަށް. އެ މައުލޫމާތުތައް މާ ވަރުގަދަ ކުރުމުގެ ނަޒަރުން، ބޭނުން ނުވާ އެއްޗެއް ގެންދިއުމަކީ ބިރުވެރިކަން އުފެދޭނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"ދައުލަތުގެ ވަރަށް ބޮޑު ޒިންމާއެއް، އެކަމެއް ހާމަކުރަންޖެހޭ މިންވަރަކަށް ހާމަކުރުން. މިއީ ދިވެހި ދައުލަތުގައި އެކަނި ކުރާ ކަމެއް ނޫން. ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށްޓަކައި ފޮރުވަންޖެހޭ ކަންކަން ހުންނާނެ. އެ އުސޫލުން ފޮރުވަންޖެހޭ ހުރިހާ ކަމެއް ފިޔަވައި ދެން ހުރިހާ ކަމެއް ރިލީޒް ކުރާނެ. އެ މައުލޫމާތު ދޭ ފަރާތަކީ ޓެކްނިކަލް ބޭފުޅުން."

ސޯސަންގޭގައި އޭޑީކޭ އިން ހިންގާ ހުމުގެ ކްލިނިކްގައި އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރު ނިޔާފް މަސައްކަތް ކުރައްވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ނާޒިމް ވިދާޅުވީ ސްވައިން ފްލޫ އިތުރުވާތީ، އެކުލަވައިލި ޑޮކްޓަރުންގެ ޓީމުގައި އޭޑީކޭގެ ޑޮކްޓަރުން ވެސް ހިމެނޭ ކަމަށާއި އެއްވެސް ކަމެއް ސިއްރު ކުރަން އެ މީހުންނަށް ނުދަންނަވާ ކަމަށެވެ. އެ ޓީމުގައި އެދިވަޑައިގަންނަވާ އެންމެ ބޮޑު ކަމަކީ އާންމުންނަށް ނޯޅޭ ގޮތަށް މައުލޫމާތު ދިނުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ހުސް އެކަނި ނަމްބާސް ދިނީމާ އޮޅުވައިލާނެ. އޭގެ ސަބަބުން ނުކުންނަ ނަތީޖާ މާ ބޮޑަށް ގޯސްވޭ،" އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން އޮޅުވައިލެއްވުމަކީ އޭނާ ދުވަހަކު ވެސް ނުކުރައްވާނެ ކަމެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަމައެކަނި މި ސަމާލުވަނީ ރައްޔިތުންނަށް އެނގެން ޖެހޭ މިންވަރަށް މައުލޫމާތު ދިނުން. އަޅުގަނޑުމެންނެއް ނުދެކެން ހުރިހާ ކަމެއް ބަރަހަނާވާ ވަރަށް އެނގުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަކަށް. އެކަން ނޫސްވެރިންނެއް ނޫން. އެކަން ނިންމާނީ އެ ދާއިރާގެ ޓެކްނިކަލް މީހުން،" މިނިސްޓަރު ވިދާޅުވި އެވެ.