މަޖިލިހުގެ ކޮމެޓީތައް ޕީޕީއެމުން ހުއްޓުވާފައި އޮތީ ގަސްދުގައި: އިބޫ

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ވެރިކަން ކުރާ ޕީޕީއެމުން ހުއްޓުވާފައި އޮތީ ގަސްދުގައި ކަމަށް އިދިކޮޅު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އިއްޔެ ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށި ފަހުން، ކޮމެޓީތަކަށް ގިނަ އަދަދެއްގެ މައްސަލަތައް ހުށަހަޅާފައި ވާއިރު، އެއްވެސް މައްސަލައެއް ބަލަން ފަށާފައި ނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. މަޖިލީހުގައި 13 ކޮމެޓީއެއް އެކުލަވާލާފައިވާއިރު، އެ ހުރިހާ ކޮމެޓީއެއްގެ މެޖޯރިޓީ އޮންނަނީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށެވެ.

އިދިކޮޅު ފަރާތްތަކުން ކޮމެޓީތަކަށް ހުށަހެޅި ބައެއް މުހިންމު މައްސަލަތަކުގެ ތެރޭގައި ރާއްޖޭގައި ހަލުވިކަމާއެކު އެޗް1އެން1 ފެތުރެމުން އަންނާތީ އެ ވައިރަސް ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއި ފ. އަތޮޅުގައި ހިންގަން އުޅޭ ބޮޑު މަޝްރޫއާ ބެހޭ މައުލޫމާތު ހޯދުން ހިމެނެ އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ "މިހާރު" އަށް ވިދާޅުވި ގޮތުގައި ކޮމެޓީތަކަށް ހުށަހަޅާފައި ވަނީ ރައްޔިތުންނާ ގުޅޭ، މައުލޫމާތު އެނގެން ބޭނުންވާ މައްސަލަތެކެކެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތްތައް ނުހިނގާނަމަ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސް ނަންގަވައިގެން އެކަން ބައްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެޓީތަކުގެ މުގައްރިރުންގެ ސަމާލުކަމަށް އެކަން ގެނެސް، މަސައްކަތްތައް ކުރިއަށް ގެންދަވަން މަސައްކަތްޕުޅު ކުރެއްވުމަކީ މަސީހުގެ މަސްއޫލިއްޔަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މަސްއޫލިއްޔަތު އަދާކުރައްވަމުން ނުގެންދަވާތީ އިބޫ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މަޖިލީހުގެ ގަވާއިދުގައި އޮވޭ ތިން ދުވަހޭ ޖަލްސާތައް ބާއްވަން ވާނީ. އެ ގޮތަށް ހަމަޖައްސާފައި އޮންނަނީ ކޮމެޓީތައް ބޭއްވުމަށް ފުރުސަތު ދޭންވެގެން،" އިބޫ ވިދާޅުވި އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން ކޮމެޓީތަކަކީ، އެ ކޮމެޓީތަކުގެ މަސައްކަތްތައް މެދުނުކެނޑޭނެ ގޮތެއްގެ މަތިން އެކަށީގެންވާ ހަލުވިމިނެއްގައި ހަރަކާތްތެރިވަމުންދާ ކޮމެޓީތަކަކަށް ވާންވާނެ އެވެ.

އިބޫ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި އެއް ސަބަބެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ކޮމެޓީތައް ހުއްޓުވާފައި އޮތުން ހިމެނެ އެވެ. އަދި އެކަމުގައި މަޖިލީހުގެ ރައީސް ފުރިހަމަ އަށް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ ބައެއް ކޮމެޓީތަކަށް ހުށަހެޅުއްވި މައްސަލަތައް، އެ ކޮމެޓީތަކުން ނުބަލާތީ އޭނާ ވެސް ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމެޓީތަކަށް ރިޔާޒް ހުށަހެޅުއްވި މައްސަލަތަކުގެ ތެރޭގައި، ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އާއި ހެލްތު މިނިސްޓްރީން ގަވައިދާ ހިލާފަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2014 ވަނަ އަހަރުގައި ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކުރި މައްސަލަ ހިމެނެ އެވެ.

ބްލެކްމެއިލްގެ ތުހުމަތުގައި ހައްޔަރު ކުރި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރާ ކަމަށް ޒައިދުގެ ފަރާތުން ބުނެފައިވާތީ، އެކަން ބަލައި ދިނުމަށާއި ފުލުހުންގެ މުސާރަ ބޮޑުކުރަން ނިންމުމަށް ފަހު ކުރީގެ މުސާރަ ދެމުން ދާތީ، އެކަން ބަލައިދިނުމަށް ކޮމެޓީއަކަށް ރިޔާޒް މައްސަލަ ހުށަހެޅުއްވި އެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެއްގައި މަޖިލިހުގެ ޖަލްސާއެއް ބާއްވަން ވާނެ ކަމަށް މަޖިލިހުގެ ގަވައިދުގައި އޮތް ނަމަވެސް، ޖަލްސާތައް ކުއްލި ގޮތަކަށް މިހާރު ވަނީ ހުއްޓިފަ އެވެ. ޖަލްސާތައް ނުބާއްވާ ސަބަބެއް މަޖިލިހުގެ އިދާރާއަކުން ނުބުނެ އެވެ. ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުނު ފަހުން، މިހާތަނަށް ބޭއްވީ ނުވަ ޖަލްސާ އެވެ. މަޖިލީހަށް ހުށަހެޅި ބިލުތަކުގެ ތެރެއިން ކޮމެޓީ މަރުހަލާގައި ނުނިމި އޮތީ ސަރުކާރުގެ ފަރާތުން ހުށަހެޅި ހެއްކާ ބެހޭ ބިލާއި ތައުލީމާ ބެހޭ ބިލުގެ މަސައްކަތެވެ.