އިިންތިޚާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހުކުރަން ސިފައިން ތާއީދުކުރާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ ވާދައިގެ ތައްޓަށް ބާއްވާ ހެވިކަމުގެ 12 ވަނަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ސިފައިންނަކީ ކަންކަން އިސްލާހުކުރުމަށް ތާއީދުކުރާ ބައެއް ކަމަށާއި އެފަދަ ހުރިހާ ކަމެއް ރަނގަޅުކުރަން ވެސް ސިފައިންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަން އެންމެ ފުރަތަމަ މަރުހަބާކީ ސިފައިންގެ ލީޑަޝިޕާއި ސިފައިންނެވެ.
މިއަހަރުގެ ތެރޭގައި އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި ވެރިކަންކުރާ ޕީޕީއެމްގެ އިތުރުން އެހެން ޕާޓީތަކުގެ މެމްބަރުންގެ ތާއީދު ވެސް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ނަމަވެސް އެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް، އެ އިޖުރާއަތް ފުރިހަމަކޮށްގެން މިއަހަރު ގެ ތެރޭގައި [މަޖިލީޖަށް] ވައްދަން މަސައްކަތް ކުރި ކަމުގައި ވިޔަސް އެއްގޮތަކަށް ވެސް ފަޔަށް ހިނި އަރައިގެން އުޅޭ ގޮތަކަށް އެކަން އަވަސް ކުރާކަށް އަޅުގަނޑު ނެތީން. އޭގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްގެން އަޅުގަނޑުމެން މި މަސައްކަތްތައް ކުރިއަށްގެ ންދާނީ،" ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ އިންތިޚާބުތަކުގައި ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސިފައިންގެ ތާއީދު ލިބުމުން އެނގެނީ، އެއީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ބޭނުންވާ ބައެއް ކަމަށެވެ.
ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ އަމިއްލަ މަސައްކަތާއި އާއިލީ ކަންކަމަށް ވުރެ ބޮޑަށް ސިފައިންގެ ކަންކަމަށް އިސްކަންދޭ ބައެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ސިފައިންގެ އަމިއްލަ ކަންކަމަށް ވުރެ ބޮޑަށް ސިފައިންގެ އެތެރޭގެ ކަންކަމަށް އެ މީހުން އިސްކަންދޭކަން ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"އަދި ސިފައިންގެ ކޮންމެ ކަމެއް ރަނގަޅު ކުރުމަށްޓަކައި ކުރާ ކޮންމެ ކަމެއްގައި ސިފައިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް އަޅުގަނޑުމެންނަށް ލިބިގެންދާތަން ފެނިގެންދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އެހެންވެ އިދިކޮޅު ފަރާތްކުން ބުނަމުން އަންނަނީ ވޯޓު ލުމުގެ ހައްގުން ސިފައިން މަހުރޫމު ނުކުރެވޭނެ ކަމަށާއި އެއީ ސިފައިންގެ އަގު ވަޒަން ނުކުރުން ކަމަށެވެ.