ވޯޓުލުމުގެ ހައްގު ސިފައިންގެ ކިބައިން ނިގުޅައިގަންނަ ނަމަ އިހްތިޖާޖުކުރާނަން: އެމްޑީޕީ

ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ކަށަވަރުކޮށްދީފައިވާ ވޯޓުލުމުގެ ހައްގު ސިފައިންގެ އަތުން ނިގުޅައި ނުގަނެވޭނެ ކަމަށާއި އެކަން އެގޮތަށް ކޮށްފި ނަމަ އެ ހައްގު ހޯދައިދޭން އިހްތިޖާޖުކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.


ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމާފައިވާތީ، ފާޑުކިޔައި އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ހައްގަކަށް އަރައިގަތުމަކީ ގާނޫނުގެ ވެރިކަން ނަގާލުން ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސީ ހައްގުތަކަކީ ބޭނުންވާއިރަށް ބަދަލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސިފައިންނަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކަލެއް އަތުވެދާނެ ކޮންމެ ކަމަކުން ދިވެހި ދައުލަތާއި ގާނޫނީ ވެރިކަން ހިމާޔަތް ކުރުމުގެ ޒިންމާއާ ހަވާލުވެ ތިބި ބައެއް ކަން ފާހަގަކޮށް، އެމްޑީޕީން ބުނީ އަސާސީ ހައްގަކުން ސިފައިން މަހްރޫމްކުރުމަކީ ދައުލަތަށް އެކަމުގެ ނުރައްކާ ވެސް ބޮޑު ކަމެއް ކަމަށެވެ. އެ ހައްގުން މަހްރޫމްކުރުމަކީ ދިވެހި އަސްކަރިއްޔާ ސިޔާސީކޮށް، އެތަން ކިލަނބުކޮށް ސަރުކާރުން ބޭނުން ކޮންމެ ގޮތެއް ހެދުމުގެ ފުރުސަތު ހުޅުވާލުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނިގޮތުގައި ސިފައިންގެ މުއައްސަސާ އަށް އެ ބަދަލު ގެންނަނީ، އިންތިހާބުތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ މުހިއްމު އިދާރާތައް ސިޔާސީކޮށް، ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ގެއްލިފައި ވުމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު މަދުކުރުމަށެވެ. އެއާއެކު، އެކި މުއައްސަސާތަކަށް ނިސްބަތްވާ މީހުން ވޯޓުލުމުގެ ހައްގު ގަނޑުކޮށް ނިގުޅައިގަތުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

"މިއީ ވެރިކަމުގައި ގަދަބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް ސީދާ އަރައިގަތުން ކަމުގައި އެމްޑީޕީން ދެކެމެވެ. ސިފައިން ވޯޓުލުމުގެ ހައްގުން މަހްރޫމްކުރުމަށް ފަހު ދެން ދައުލަތުގެ އެހެން އިދާރާތަކުގައި ވެސް މި އުސޫލަށް އަމަލުކުރަން ފަށާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، އެފަދަ ގޮތަކަށް ރައްޔިތުންގެ އިންތިހާބީ ހައްގަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ވޯޓުލުމުގެ ހައްގު ހޯދައިދޭން ފެށުނީއްސުރެން މަސައްކަތް ކުރަމުން އައީ އެ ޕާޓީން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ސިފައިންގެ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ރޭ ވިދާޅުވީ ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ހަދަން ނިންމީ ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ގައުމަށް ހިދުމަތް ކުރުމަށް ހާއްސަވެގެން ތިބޭ ބަޔަކަށް ހަދަން ކަމަށެވެ. އެހެންވެ، ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މާއްދާގައި ވަނީ ސިފައިންގެ ކޮންމެ މީހަކަށް ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެއާއެކު ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.