ފުލުހުންގެ ދިދަ: ތައުލީމީ ސެޓްފިކެޓް ފޯޖުކުރާ މައްސަލަ ބޮޑުވުމުން ފުލުހުން ވަނީ މިހާރު ތަހުގީގެއް ފަށައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
24 އޯގަސްޓް 2025 - 16:13
ތައުލީމީ ސެޓްފިކެޓް ފޯޖުކުރާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައި ވާތީ، ފުލުހުން ތަހުގީގެއް ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައިކުރުމަށް ސައްހަ ނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ގައުމުގެ ތައުލީމީ ނިޒާމުގެ އިތުބާރު ގެއްލ،ި އެ ކުށަށް އަރައިގަންނަ މީހުންނަށް ނުހައްގު މަންފާތަކެއް ލިބި އަދި އާންމު ހިދުމަތްތަކުގެ ފެންވަރާއި އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުގީގުކޮށް، ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސައްހަ ނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގެ ދަށުން ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށާއި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމުގެ ކުށާއި އަދި 312 ވަނަ މާއްދާގެ ދަށުން ޝަހުސު އޮޅުވާލުމުގެ ޖިނާއީ ކުށެއްކަން ފުލުހުންގެ ބަޔާނުގައިވަނީ ހަނދާންކޮށްދީފަ އެވެ.
ފުލުހުން ބުނީ އެފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަ، ގާނޫނުލްއުގޫބާތުގެ އެ މާއްދާތަކުގެ ދަށުން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިފަދަ ކަންކަމާ މެދު، ވަޒީފާދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ ހުރިހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ފުލުހުން ބުނީ ވަޒީފާ ދޭ ފަރާތްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ސަރުކާރުގެ މުއައްސަސާތަކުން އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ. އަދި ސައްހަ ނޫން ސެޓްފިކެޓެއް ކަމަށް ޝައްކު ކުރެވޭ ހާލަތްތަކުގައި އެމްކިއުއޭ ނުވަތަ ގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި ފުލުހުންނަށް ރިޕޯޓްކުރުމަށް ވެސް އެދިފައިވެ އެވެ.
ސެޓްފިކެޓް ފޯޖުކުރާ މައްސަލާގައި ފުލުހުން ތަހުގީގެއް ފެށިއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ގާނޫނީ ވަކީލުކަމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު މީހެއްގެ މައްސަލަ ބާ ކައުންސިލުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
26 August 2025
ސެޓްފިކެޓް ބަޣާވަތް؟
އާމިނަތު1
25 August 2025
ކަމެއް ނޫހުގަ ޖަހާ ހިސާބުން އަބަދުވެސް ތަހުގީގު ކުރަނީ، އޭގެ ކުރިން ހުރިހާ ކަމެއްވެސް އެންމެނަށް އިނގޭ ބޮޑު ސިއްރު
ކޮވެލި
25 August 2025
އެސައިންމަންޓް އަގަށް ލިއެދޭ ފަރާތްތަށް ފާޅުގައި އިޝްތިހާރު ކުރޭ. ފުލުހުން ކުރަނީ ކޮންކަމެއް. އެއީ ޖިނާޢީ ކުށެއް. އެޑިޔުކޭޝަން މިނިސްޓްރީ އަށް ގެންނަ ޓީޗަރުން ހުށަހަޅަނީ ސައްހަ ސެޓްފިކެޓް ތޯ ބަލާތަ؟
ޑިން ޑިން ކޮވެލި
26 August 2025
ކިހިނެއް ޖިނައީ ކުށްކަށް އެކަންވަނީ؟
އެޅެބެއްޔާ
25 August 2025
ތަހުގީގު ނުކުރަންވީ ކޮންތަނެއް ކޮންކަމެއް. އަމިއްލަ ފަރާތްތަކުން މި ސަނަދުތައް ދޭ ގޮތުގެ ތަހުގީގެއް ހިންގަންޖެހޭ. އެސައިންމެންޓް ލިޔާ ގޮތުގެ ތަހުގީގު ހިންގަންޖެހޭ. ފޯޖްކުރޭތޯ ތަހުގީގު ހިންގަންޖެހޭ. މިހެންގޮސް ހިންގާފައި ނުހިންގާނެ ތަހުގީގެއް އެބައޮތްތަ.
ކަތްދައްތަ
25 August 2025
ތިދެން ތިޔަކަންތަކުގައިވެސް ރަސްމީ ސިފަ ޖެހުނީ. ގާނޫނީ ވަކީކުންގެ ގޮތުގަ މިހާރުވެސް ދައިތަމެންގެ ލޯމަތިން އެހެރަގެން ވަކީލުކަން ކުރަނީ ތިޔަ ބުނާ ސެޓްފިކެޓް ފޯޖުކުރި ވަކީލަކާއި މުވައްކިލުގެ ރުފިޔާ ސޮއި ފޯޖުކޮށްގެން ނެގި ދެ ވަކީލަކު. އެހެން ތަނެއްނަމަ މިބާވަތުގެ ވަކީލުން އުމުރަށް ޗަސްޕެންޑްވާނެ. ރާއްޖެގަ އެއީވެސް ހުނަރެއްކަމަށް ބަލަނީ.
ޠޫމު
24 August 2025
ޑިޖިޓަލް ސިގްނޭޗާރ ސެޓިފިކޭޓްތަކުގަ ބޭނުން ކޮށްބަލަ. ޢޭރުން ވެރިފައި ކުރަން ފަސޭހަ ވާނެ
މެލްކުސް
24 August 2025
ފޯޖުކޮށްގެން ރާއްޖޭގައި ވަރަށް ގިނަ ލިޔެކިޔުންތައް ބޭނުންކުރެވޭ، އަދި އެބަލައިގަންނަ މުއައްސަސާތަކުންވެސް އެއީ ފޯޖުކޮށްފައިވާ ލިޔުންކަން އެގޭއިރުވެސް އެ ބަލައިގަނޭ، އެންމެ ގިނައިން ބަލައިގަންނަ އެއް މުއައްސަސާއަަށްވާނެ ކަސްޓަމްސް، އިންވޮއިސްތައް މުޅިންވެސް ފޯޖުކޮށްގެން އަމިއްލަ ހަދައިގެން ހުށަހަޅަނީ، ކަސްޓަމްސް މީހުންނަށްވެސް އެގޭ އެހެންކަންވަނީ،
ފޭކް ހުވާ
24 August 2025
ފުލުހުން ހުވާ ފޯޖު ކުރާ މައްސަލައިން ފޯޖެރީ ފަށަންވީ. އޭރަށް ގައުމު އިސްލާހު ވާނީ
ކޮރަލް
24 August 2025
ފުލުހުން ތަހުގީގު ނުކުރަނީ ކީއްވެތޯ އެވެ. ރާއްޖެ އަށް ލިބޭ ވ ބޮޑު ގެއްލުމެކެވެ. ރިސޯޓް ތަކަށް ޕްރޮފެޝަނަލް މަގާމް ތަކަށް އަންނަ ވ ގިނަ ބަޔަކު ވަގު ސެޓްފިކެޓް ގަ އާދެ އެވެ. އެއީ ޔަގީން ކަމެކެވެ. އެބެލޭނެ ހަރުދަނާ ގޮތެއް ހޯދަން ވީ އެވެ. ނޫނީ ޒުވާނުންގެ ވަޒީފާ ތަކެއް ގެއްލޭނެ އެވެ. ބައެއް ނަރުހުންނާ ޑޮކްޓަރުން ވެސް ވަގު ސެޓްފިކެޓް ގަ ދިވެހި ބަޔަކާގުޅުގެން އެތައް ހާސް ޑޮލަރެއް ދީފަ ވަޒީފާ އަށް އެބަ އާދެ އެވެ.