ޕީޕީއެމުން "ވަކިކުރި" ކަމަށް ބުނީ ދަންނަ ބައެއް ނޫން: ނިހާން

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެ ޕާޓީން "ވަކިކުރި" ވާހަކަ އެނގިވަޑައިގަތީ މީޑިއާތަކުން ކަމަށާއި އެކަން ކުރީ ދަންނަ ބައެއް ނޫން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެ ޕާޓީގެ މެންބަރުކަމުން ވަކިކޮށްފައިވާ މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ ސްލޫކީ ކޮމެޓީން އިއްޔެ ވަނީ ނިހާނު ޕާޓީން ވަކިކޮށްފަ އެވެ. އޭނާގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް މައުމޫންގެ ފެކްޝަނުން ވަކި ކުރި އެވެ. ނަމަވެސް އިލްހާމްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ނިހާން ފާހަގަކުރެއްވި ގޮތުގައި ކޯޓުގެ އަމުރާ އެއްގޮތަށް، ޕީޕީއެމް ހިންގުމުގެ އެންމެހައި ކަންކަން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ކައުންސިލުން ވަނީ ނިންމައިފަ އެވެ. އެހެންވެ، އިތުރު ބޭފުޅުންތަކަކަށް ޕާޓީގެ ކަންކަން ނިންމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ދަންނަ ބަޔަކު ކުރި ކަމެއް ނޫން. އަޅުގަނޑަށް އެނގިގެން ހަމަ ގައިމު ވެސް ނުނިންމާ/ އަޅުގަނޑަށް ގުޅާފައި ވެސް ނެތް އެބަޔަކު،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޓު ހުކުމާ ގުޅިގެން ޕީޕީއެމްގެ ހުރިހާ ކަމެއް ހިނގަމުން އަންނަނީ އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ. ޕީޕީއެމްގެ ކައުންސިލް ބައްދަލުވުންތަކަށް 95 ޕަސެންޓު މެމްބަރުން ހާޒިރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ދެބައިވެ، މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެ ޕާޓީގެ ނަމުގައި ކޮމިޓީތައް ހިންގަވައި ކަންކަން ނިންމަވަމުން ގެންދަވާއިރު ކޯޓުގެ ހުކުމަކާ އެކު، ޕާޓީގެ ހުރިހާ ބާރެއް މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކޮށް، އެ މަނިކުފާނެ ފަޅިން ވެސް ގެންދަވަނީ ނިންމުންތައް ނިންމަވަމުންނެވެ. ކޮންމެ ފަރާތަކުން ވެސް އަސްލު ޕީޕީއެމް އަކީ އެއީ ކަމަށް ދައުވާކުރެ އެވެ.

މައުމޫންގެ ފެކްޝަނުން ބުނި ގޮތުގައި ނިހާން ޕާޓީން ވަކިކުރީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކުރެއްވުމާއި ފ. އަތޮޅު ވިއްކާލަން ނިންމާފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ކަމަށް ބުނާ އޯޑިއޯގެ މައްސަލައިގަ އެވެ. އިލްހާމް ވަކިކުރީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރަން މަޖިލީހުގައި ނެގި ވޯޓުގެ ކުރިން "މަސީހާ ދެކޮޅަށް ވޯޓު ދޭނީ ހޫނުފެނަށް އެރެން ބޭނުންވާ ނަމަ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ މެމްބަރުންނަށް ބިރުދެއްކެވި ކަމަށް ބުނާ މައްސަލައިގަ އެވެ.

މައުމޫން ފެކްޝަންގެ ސުލޫކީ ކޮމެޓީން ނިހާނާއި އިލްހާމް ވަކިކުރިއިރު، ޕާޓީގެ މެންބަރުކަމުން މައުމޫން ވަކިކުރަން ނިންމާފައި ވަނީ ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެކަމަކު މައުމޫން ވިދާޅުވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާގައި، ފަސް އަހަރަށް އިންތިހާބު ކޮށްފައިވާ ރައީސް ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ނިންމުން ބަލައިނުގަންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ވެސް ސުކޫލީ ކޮމިޓީ ބާއްވައި، ބައެއް ބޭފުޅުން ޕާޓީން ވަނީ ވަކިކޮށްފަ އެވެ.