މި އަންނަ ރޯދަމަހު މާލެ ސަރަހައްދުގައި 37 ދިވެހި ހާފިޒަކު އިމާމުވެ، ހިފްޒުކޮށް، ތަރާވީހް ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ 37 ހާފިޒުންގެ ތެރޭގައި ގިނައީ ވަރަށް ޒުވާން އަދި ރީތިކޮށް ކިޔަވާނެ ހާފިޒުން ކަމަށެވެ. އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ވެސް، ފާހަގަކޮށްލެވޭ ޒުވާން ހަތީބުންނަށް ހުތުބާ ކިޔަން އަންނަ ރޯދަ މަހު ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމީ މަރުކާޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދުކުރާނީ ދިވެހި ހާފިޒުން ކަމަށް ޝަހީމް ވިދާޅުވި އެވެ. 

"ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ، އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުސަތު ފަހިކޮށްފައިވާނެ. އެއީ އެފަދަ ޖަމާއަތްތަކަށް ގިނަ މީހުން އެއްވާތީވެ،" ޝަހީމް ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވި ގޮތުގައި، އާންމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދުކުރާ މިސްކިތެއް ކަމަށްވާ މަޖީދީ މަގު، ގަލޮޅު ދަނޑު ކުރިމަތީގައި ހުންނަ ސުލްތާން އާދިލް މިސްކިތުގައި މިފަހަރު އެ ނަމާދު ކުރާނީ ދިގުކޮށް ހިފްޒުކޮށް ކަމަށެވެ. އަދި މަޖީދީ މަގުގައި ހުންނަ ބަރުބަރީ މިސްކިތުގައި ތަރާވީސް ކުރާނީ ކުރުކޮށް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިހެން ނިންމީ އާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާއަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ސަވާރީތަކަށް [މަގުން ދުއްވާ ވެހިކަލްތަކަށް] ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށް،" ޝަހީމް ވިދާޅުވި އެވެ. 

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރު މާލެ ސަރަހައްދުގައި އިމާމުވެ ތަރާވީސް ކުރާ ހުރިހާ ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރުން ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަހަރު ވެސް ގިނަ އަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިފަހަރު މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތްތަކުގައި އިމާމުވެ، އީދު ނަމާދު ކުރާ ބޭފުޅުންގެ ތެރޭގައި ވެސް ޒުވާން ހަތީބުން ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ކުރިއަށް އޮތް ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް ވެސް މާލެ އާއި އެކި ރަށްރަށުގައި އަލަށް ހުޅުވާނެ އެވެ. 

މީލާދީ ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަސް ފެށޭނީ އަންނަ މަހު 18 ގަ އެވެ.