ކިންގް ސަލްމާން މިސްކިތުގެ އޭސީތައް އަނެއްކާވެސް ހަލާކުވުމާ ގުޅިގެން، އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މި ފަހަރު އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވީ، މާލޭގެ ސަލްމާން މިސްކިތުގެ އޭސީ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލުން އެ މިނިސްޓްރީއާ ގުޅިގެން ފަށާފައިވާ ކަމަށެވެ.

އަމާޒަކީ ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތްކުރި މިސްކިތުގެ އޭސީ މައްސަލަ ވަރަށް ބޮޑުއިރު، އެކަން ވަނީ ހައްލުނުކުރެވި ދިގުލައިގެން ގޮސްފަ އެވެ. މިދިޔަ އަހަރު ވެސް އެ މިސްކިތުގެ އޭސީތައް މަރާމާތު ކުރި ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ވަނީ އޭސީ ތަކުގެ މައްސަލަ ޖެހި އަލުން ބޭނުން ނުކުރެވި މައްސަލަ ޖެހިފަ އެވެ.

ސަލްމާން މިސްކިތް ބޭނުން ކުރަން 2021 ވަނަ އަހަރު ފެށިތާ ހަ މަސް ނުވަނީސް، މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓް ހަލާކުވެގެން އެކަން ހައްލުކުރަން ތުރުކީގެ ޓެކްނީޝަނުންގެ ޓީމެއް ވެސް ރާއްޖެ އަ އެވެ. އޭރު މިނިސްޓްރީން ބުނީ އެ އޭސީ ސިސްޓަމް މަރާމާތުކުރާނެ ބަޔަކު ރާއްޖޭގައި ނެތް ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ބޭނުންކުރަން ފެށިތާ ހަތަރު އަހަރު ވެގެން ދިޔަސް އެ މިސްކިތް ރަސްމީކޮށް އަދި ނުހުޅުވަ އެވެ.