މި ރޯދަމަހުގެ މާތްކަމާއި ހުރުމަތް ދަމަހައްޓަންޖެހޭނެ ކަމަށާއި ހާއްސަކޮށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާ ރަށްރަށުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީ، ހާމަކަންބޮޑުކޮށް ޓޫރިސްޓުންނަށް ކެެއިންބުއިމުގެ ހިދުމަތް ދިނުން ހުއްޓާލަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ގޮވާލައްވައިފި އެވެ.
އޭނާ އެކަމަށް ގޮވާލެއްވީ މި ފަހަރުގެ ރޯދަމަހުގައި އިސްލާމިކް މިނިސްޓްރީން ބޭއްވާ ފުރަތަމަ އިހުޔާ ޕްރޮގްރާމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ އިސްލާމީ އަގީދާ އާއި އިސްލާމީ ސަގާފަތާއި އަދި އިސްލާމީ އުންމަތުގެ ވަރަށް މަތިވެރި މޫސުމެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށެވެ.
ހާއްސަކޮށް ލޯކަލް ޓޫރިޒަމް ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ޝަހީމް އެދިވަޑައިގަތެވެ.
"ރެސްޓޯރަންޓު ފަދަ ތަންތަން ހުޅުވައިގެން ދުވާލު ފަތުރުވެރިންނަށް ކާންދިނުމާއި ހާމަކަންބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާންދިނުމާއި މިކަންކަން އަޅުގަނޑުމެން ޖެހޭ ހުއްޓާލަން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތް ދޭން ވާނީ އެ މީހުން ދިރިއުޅޭ ތަނުގެ ތެރޭގައި އިންތިޒާމެއް ހަމަޖައްސައިގެން ކަމަށެވެ.
"އާންމުންނަށް ނުފެންނާނެހެން އިންތިޒާމު ކުރެވިދާނެ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯދަމަހުގެ މަތިވެރިކަމަށް އުނިކަން ލިބޭ ގޮތަށް ޓޫރިސްޓުންނަށް ހާމަކަންބޮޑު ގޮތެއްގައި ކެއިންބުއިމުގެ ހިދުމަތް ދިނުން ހުއްދައެއް ނުވާނެ އެވެ.
މިނިސްޓަރު ވިދާޅުވީ، ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ޣައިރު މުސްލިމުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމާ ގުޅޭ ގަވާއިދުތައް ހުންނާނެ ކަމަށާއި އެ ގަވާއިދުތައް ރަށްރަށުގެ ކައުންސިލްތަކުން ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ.
"އެ ގަވާއިދުތަކަށް ވުރެން އަޅުގަނޑުމެންގެ އަގީދާގެ މަތިވެރިކަން އަދި މާ ބޮޑު. އަޅުގަނޑުމެން ﷲ ސުބުހާނަހޫ ވަތައާލާ އަށް އަދާކުރަންޖެހޭ ވާޖިބު މާ މަތިވެރި. އަޅުގަނޑުމެންގެ ދީނާ މެދުގައި އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާ އާއި މަސްއޫލިއްޔަތު ވަރަށް ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.
"އެ ފަރުދީ ޒިންމާ އަޅުގަނޑުމެން އުފުލަންޖެހޭނެ. ކައުންސިލްތަކުން އެ މީހުންގެ ގާނޫނީ ޒިންމާ އުފުލަން ޖެހޭނެ."
ޝަހީމް ވިދާޅުވީ، އިސްލާމްދީނާ ގުޅޭ މިފަދަ މުހިންމު ކަންތައްތަކުގެ ހުރުމަތް ކެނޑިއްޖެ ނަމަ ކުރިމަގުގެ ޖީލުތަކުގެ މެދުގައި އެ ދީނާ މެދު އޮންނަ ހައިބަތާއި ގަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ ކަމަށެވެ.