އުތުރުގެ އަތޮޅުތަކަށް ބަލާއިރު މިއީ އެންމެ ޗާލު މޫދާއި ބީޗު އޮންނަ އެއް ރަށެވެ. ސާފު ވިލުނު ނޫ ކުލައިގެ ރީތި މޫދާއި ހުދު ދޮންވެލިގަނޑާ އެކު ހދ. ހަނިމާދުއަކީ ޓޫރިޒަމްގެ ދޮރުތައް ހުޅުވައި، ކުރިއެރުވޭނެ ރަށެކެވެ. މިއީ ވިއްކޭނެ ޕްރޮޑަކްޓެކެވެ.
މިހާތަނަށް އެ ދޮރު ބަންދުވެފައި އޮތަސް މިދިޔަ އަހަރު ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ އެކު މި ރަށުގައި ޓޫރިޒަމް ފައްކާ ކުރަން ހިތްޖެހިފައިވާ ޒުވާނުން އަންނަނީ ގިނަވަމުންނެވެ. ޓޫރިޒަމާ ގުޅުން ހުރި ކަންކަން ފެންނަލެއް މިހާރު ގިނަ އެވެ. ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ ރަށުގެ އިގުތިސާދު މެކުހަށް ޖަހަން މާ ގިނަ ދުވަހެއް ނެތެވެ. ދަތުރުފަތުރު ކުރިއެރުވުމުގެ ފުރުސަތު މިހާރު އޮތީ ފަހިވެފަ އެވެ.
މާޒީ އަށް ބަލާއިރު، ލޯކަލް ޓޫރިޒަމުގެ ކުލަ ޖެހި، ގަދައަށް އޭގެ މަންފާ ހޯދަމުން އަންނައިރު އެ ނަސީބުން ބީވެފައި އޮތީ ހދ. އަތޮޅެވެ.
އެންމެ ދެ ރިސޯޓު އަތޮޅުގައި އޮތުމާއި މި ސަރަހައްދަށް ދަތުރުފަތުރު ކުރުމުގައި އޮތް ގޮންޖެހުމަކީ އެކަން ދިމާވި ސަބަބު ކަމަށް ވެސް ވެދާނެ އެވެ. އަތޮޅުގެ ބައެއް ފަޅު ރަށްތައް ރިސޯޓު ހެދުމަށް ދޫކޮށްފައި އޮތަސް މަސައްކަތް ކުރިއަކަށް ނުދެ އެވެ. އެ ހިސާބުން ޓޫރިޒަމުގެ ކުރިމަގެއް ފެންނަން ނެތް ކަހަލަ އެވެ. އެއީ މިހާރު މާޒީ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، ކުލަގަދަ ރަސްމިއްޔާތަކާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހުޅުވުމާ އެކު، އެތަން ވެފައި ވަނީ ވެސް މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއާޕޯޓަށެވެ.
ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވީ އެއާޕޯޓު ތަރައްގީކޮށް ހުޅުވުމާ އެކު، މި ރަށުން ކުރާ އެންމެ ބޮޑު އުއްމީދަކީ ޓޫރިޒަމް ފުޅާކުރުން ކަމަށެވެ. އެކަމަށް ފަހި ފުރުސަތުތަކެއް އެ މީހުން ބޭނުންވެ އެވެ.
ހަނިމާދޫގައި މިވަގުތު ވެސް 8 ގެސްޓް ހައުސް ހިންގަ އެވެ. އެއީ 60 އަށް ވުރެ ގިނަ ކޮޓަރި އެވެ. ޓޫރިޒަމަށް މި ރަށުން އިތުރު ބިންތަކެއް ދޫކޮށްފައި ވިޔަސް އެ ބިންތަކުގައި އެ މަސައްކަތް ނުފެށި އޮތީ ސައްތާރު ވިދާޅުވި ގޮތުގައި ލޯނު ހޯދުމުގައި ހުރި ގޮންޖެހުންތަކަކާ ގުޅިގެންނެވެ.
"އެހެން ނަމަވެސް ޓޫރިޒަމަަަށް ހަނިމާދު އާއި ހދ. އަދި ހއ. ގައި ވެސް މިކަން ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި. ސަބަބަކަށް ވަނީ އެކަން ކުރަން ބޭނުންވާ ފަރާތަކަށް އެކަށީގެންވާ ލުއިތަކެއް ނުލިބުން. އަޅުގަނޑު ފާހަގަކޮަށްލަން ބޭނުންވާ ކަމަކީ އެހެން ރަށްރަށެކޭ އެއްގޮތަށް ލޯނު ހަމަޖެހިގެން ގޮސްފިއްޔާ ވަރަށް ފަސޭހަ ކަމެކޭ،" ސައްތާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ޓޫރިޒަމަށް ޒުވާނުންގެ ހިތްޖެހިއްޖެ އެވެ. ވޯޓާ ސްޕޯޓްސް އާއި ޑައިވިން ކަހަލަ ދާއިރާތަކުގައި މަސައްކަތްކުރާ ރަށުގެ ޒުވާނުން ވަނީ އިތުރެވެ. އެކަަމަކު އެފަދަ ކަމެއް ކުރިއެރުވޭނީ ވެސް ރަށުގެ ޓޫރިޒަމް ފައްކާ ކުރެވިގެންނެވެ.
"މިހާރު ޒުވާނުންގެ ވެސް ވަރަށް ޝައުގު އެބަހުރި. ރާއްޖޭގައި އެންމެ ރަނގަޅު އާމްދަނީއެއް ލިބޭ ކަމަކަށް ޓޫރިޒަމް ވެފައި މި އޮތީ. އެގޮތުން ވޯޓާ ސްޕޯޓްސް ދާއިރާގައި ޑައިވިން ސްނޯކެލިން ވަރަށް ގިނައިން ޒުވާނުން އުޅޭ،"
އެކަމަށް ޒުވާނުންގެ ޝައުގު ހުއްޓަސް ހަނިމާދޫގައި ބެޑް ކެޕޭސިޓީ ދަށްވެފައި އޮތުމުން ގެސްޓުންނެއް ނުލިބެ އެވެ.
ހދ. އަތޮޅުގައި މީގެ ވިއްސަކަށް އަހަރު ކުރިން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްރަށް އެބަހުއްޓެވެ. އެކަމަކު އެ ރަށްތައް ތަަރައްގީ ނުވެ އޮތުމަކީ ދައުލަތާއި ކައިރި ރަށްތަކަށް ވެސް އޭގެ މަންފާ ލިބުމުން މަހްރޫމްވި ސަބަބެވެ.
އެ ރަށްތަކުގައި މަސައްކަތް ނުކޮށް ވީރާނާވާން ދޫކޮށްލާފައި އޮތް އޮތުމަކީ ވަޒީފާގެ ފުރުސަތުތަކާއި އިތުރު އެހެން ފުރުސަތުތައް އެ ރަށްތަކަށް ގެއްލުނު ސަބަބެވެ.
އެންމެ ރީތި އެއް ސަރަހައްދު
ހަނިމާދޫއެކޭ އެއްގޮތަށް އެ ސަރަަހައްދުގެ ރަށްތަކުގައި ޓޫރިސްޓުން އެންމެ ގަޔާވާ ކަހަލަ ރީތި ބީޗަކާއި ސާފު ވިލުނު ނޫ ކުލައިގެ ރީތި މޫދެއް ވެސް އޮވެ އެވެ. އެހާ ހިތްގައިމު ތަނެއް ލޯކަލް ޓޫރިޒަމުގައި ފުޅާ ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟
ރާއްޖެ އަށް ބަޖެޓު ޓްރެވެލް ކުރާ މީހުން ވެސް އިތުރުވެފައިވާ މި ދަނޑިވަޅަކީ މިކަމަށް އެންމެ ރަނގަޅު އެއް ވަގުތެވެ.
ސައްތާރު ވިދާޅުވި ގޮތުގައި، އެއާޕޯޓު ތަރައްގީ ކުރުމުން، ލޯކަލް ޓޫރިޒަމްގެ އުއްމީދު ވަރަށް ބޮޑެވެ. އަދި ރިސޯޓުތަކަށް ވުރެ ގެސްޓް ހައުސްތައް ތަރައްގީކޮށް ހުޅުވުމަށް ހޭދަވާނެ މުއްދަތު ކުރުވާނެތީ މިކަމަކީ މި ރަށުގެ ކުރިމަގަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ގަބޫލު ކުރައްވަ އެވެ.
"އިންޓަނޭޝަނަލް އެއާޕޯޓާ ކާމިޔާބުކަމާ އެކު، ހުޅުވުމުން މިކަން ތަރައްގީވުން އުއްމީދަކީ. އަޅުގަނޑު ދެކޭގޮތުގައި ރިސޯޓުތަކަށް ވުރެ އަވަހަށް ކުރެވިގެން ދާނެ ރަށްރަށުގެ ގެސްޓް ހައުސްގެ މަސައްކަތްތައް. އެއީ ވަރަށް އުއްމީދީ މަސައްކަތެއް،" ކައުންސިލްގެ ރައީސް ސައްތާރު ވިދާޅުވި އެވެ.
ހަނިމާދުއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ސިޓީ ހޮޓަލެއް ހުޅުވި ރަށެވެ. އަދިވެސް ކާމިޔާބުކަމާ އެކު، އެ ސިޓީ ހޮޓާ ހިންގަމުން އަންނައިރު އެ ތަނަށް ގިނަ އަދަދަކަށް ގެސްޓުން އައިސް ހަދަ އެވެ. އަދި މި ރަށުގެ ގެސްޓު ހައުސްތަކުން ވެސް ގެސްޓުން ފެނެ އެެވެ.
ހަނިމާދޫއެކޭ އެއްގޮތަށް އަތޮޅުގެ އެހެން ރަށްތަކުން ވެސް އެއާޕޯޓާ އެކު ޓޫރިޒަމަށް ތައްޔާރުވާން ފަށައިފި އެވެ. ނޮޅިވަރަންފަރުގައި އެކަމަށް ވަކި ހާއްސަ ސަރަަހައްދެއް ކަނޑައަޅައި ޓޫރިޒަމް ކުރިއެރުވުމަށް ވިސްނަމުން އަންނައިރު އެ މީހުން ދެކެނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އެކަމުގެ ފެށުން ކަަމަށެވެ.
ފިނޭގައި ވެސް ގެސްޓް ހައުސް ވިޔަފާރި ފުޅާ އެބަކުރެ އެވެ. ރަށުގެ ގޮނޑުދޮށަށްވާ ކަހަލަ ގޮތަކަށް ބޮޑު ގެސްޓް ހައުސްއެއް އަޅަމުން އަންނައިރު މި ހުރިހާ މަސައްކަތެއްގެ ފެށުން ގުޅިފައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ އެވެ. އެ ރަށްތަކަށް ވެސް ދިރިމެއް އޮތީ މި އެއާޕޯޓުން ކަމަށް އެމީހުން ދެކެ އެވެ.
ފްލައިޓު އިތުރުކޮށް އަގުތައް ހިފެހެއްޓުން
ހަނިމާދު އާއި ހދ. އަތޮޅަށް ޓޫރިސްޓުން ގެނައުމަށް އެންމެ މުހިއްމު އެއް ކަމަކީ އެކި ސަރަހައްދުތަކަށް ކުރާ ދަތުރުތައް އިތުރުކުރުމެވެ. މިވަގުތު ހަނިމާދޫން ސީދާ ދަތުރުތައް އޮންނަނީ ހަމައެކަނި އިންޑިއާގެ ޓްރިވެންޑްރަމަށެވެެ. އެ ދަތުރުތަކުގައި ވެސް މާލެ ނުވަތަ ހަނިމާދޫން ޓްރިވެންޑްރަމަށް ދާނަމަ އަގުތައް ތަފާތެވެ.
ސައްތާރު ވިދާޅުވި ގޮތުގައި ބައެއް ފަހަރު ހަނިމާދު އަށް ވުރެ މާލެ އިން ޓްރިވެންޑްރަމަށް ދިއުން ވެސް މާ އަގު ހެވެ.
"މިސާލަކަށް ބަލަންޏާ މާލެ އިން ޓްރިވެންޑްރަމަށް ކުރާ ދަތުރު ދިގު. އެކަމަކު ހަނިމާދު އާއި ޓްރިވަންޑްރަމް ކައިރި. އެކަމަކު ޓިކެޓުގެ ތަފާތު ވަރަށް ބޮޑު،" ސައްތާރު ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.
"ހަނިމާދޫގައި ހުރެފައި މާލެ ގޮސްފައި ޓްރިވަންޑްރަމަށް ދިޔައީމާ ބައެއް ފަހަރު އަގު ހެޔޮވޭ ޑައިރެކްޓްކޮށް މި ރަށުން ދިއުމަށް ވުރެ. އެ ކަންކަމަކީ ރަނގަޅުވާން ޖެހޭ ކަމެއް."
އެކަންކަން ރަނގަޅު ނުވެ، ދިވެހިންނާއި ޓޫރިސްޓުނަށް ވެސް މި ރަށަށް އައުމަށް އުނދަގޫވާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.
ސްރީ ލަންކާއަށް ދަތުރުތައް އިތުރު ކުރުމަކީ ވެސް ޓޫރިސްޓުން ގެނެވޭ މިންވަރު އިތުރު ކުރެވޭނެ ކަމެކެވެ. ޓޫރިސްޓުން އިތުރުކުރުމަށް އެ މަންޒިލަށް ދަތުރު ފަށަން ޖެހެ އެވެ.
"އަޅުގަނޑުމެންގެ އުއްމީދެއް އެއީ ލަންކާ ދަތުރުތައް ވަރަށް އަވަަހަށް ފެށުން. އެއީ ލަންކާ ދަތުރުތައް ފެށުމަކީ ޓޫރިޒަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އުއްމީދަކީ ސަރުކާރުން ވެސް އެގޮތަށް ބަލައިގެން ސަރަހައްދަށް ކުރިއެރުމެއް އައުން." ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އިންޓަނޭޝަނަލް އެއާޕޯޓާ އެކު، ހަނިމާދު އާއި އަތޮޅުގެ ރަށްރަށުން ވެސް ޓޫރިޒަމްގައި އުދުއްސައިގަންނަން ތައްޔާރުވެއްޖެ އެވެ. ދެން އޮތީ އެ ދަތުރު ލުއިކޮށްދިނުމަށް ފަސޭހަ މަގުތަކެއް ހޯދައިދިނުމެވެ. އެކަމަކު ސުވާލަކީ އަނެއްކާ އެކަމަށް އެތައް އަހަރެއް ނުނަގާނެ ބާވަ އެވެ؟