އިޝާ ނަމާދަށް ފަހު ހދ. ހަނިމާދޫގެ ޖެޓީއާ ދިމާލުން ހިނގާލަން ނިކުމެ އުޅެނިކޮށް އިވެން ފެށީ ވަރަށް ގަދަޔަށް ލަވަ ކިޔައި، މިއުޒިކް ކުޅޭ އަޑެވެ. އިހުގެ މަޝްހޫރު ލަވަތަކާއި މިއުޒިކްގެ އަޑުފައްގަނޑު ކިތަންމެ ގަދަޔަސް އެ ރޭ މާބޮޑު ސަމާލުކަމެއް ނުދީ ދިޔައީ އެވެ. ޖެހިގެން އައި ރޭ ވެސް އެ ހިސާބާ އަރާ ހަމަވި ވަގުތު ހަމަ އެ އަޑެވެ.
ޖެޓީ ކައިރީ އާދައިގެ ގޮތަކަށް ހަދާފައި ހުރި ރަށުގެ ރަށްވެހި ގެއިން ބައްދަލުވީ "އެކުވެރި ދިރުން ބޭންޑު"އާ އެވެ. އާއިލީ މެމްބަރުންނާއި އެކުވެރިންތަކެއްގެ މެދުގައި ހަދައިގެން އުޅޭ މި ގްރޫޕުގައި ތިބީ މުޅިން ވެސް އުމުރުން ދުވަސްވީ މީހުންނެވެ. ބެރު ޖެހުމާއި ކީބޯޑު ކުޅުމާއި ލަވަކިޔަން ވެސް ތިބި ބަޔަކީ އެއީ އެވެ.
އެ ތަނަށް އަހަރެމެން ގޮސް ވަނުމުން، އެ މީހުންނަށް އުފަލެއް ލިބުނު ކަހަލަ އެވެ. އެ ގުރޫޕުގެ ހުނަރު އަހަރެމެންނަށް ދައްކާލުމަށް ލަވަތައް ކިޔަން ފެށި އެވެ. އެ މީހުންގެ މޫނުމަތިން ވަރުބަލި ކަމެއް ފެންނާކަށް ނެތެވެ. އެހާ ވެސް ޖޯޝާއި ފޯރި އެބަ ހުއްޓެވެ.
އެ ގްރޫޕުގެ މެމްބަރުންނަކީ އަލީ ވަހީދާއި މޫސާ އިދްރީސް އާއި އަހުމަދު ރަޝީދާއި ހަސަން ވަހީދާއި ހަސަން އިސްމާއިލާއި ހަސަން އަލީ އާއި އަހުމަދު ރަޝީދު އެވެ.
އެ ތަނުގައި އިން ހަމަ އެކަނި ޒުވާނަކީ އިބްރާހިމް މަފާޒެވެ. އޭނާއަކީ ރަސްމީކޮށް ބޭންޑުގެ މެމްބަރަކަށް ނުވިޔަސް އެކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުން އާއިލާއާ ދެކޮޅަށް ގޮސް ބޭންޑުގެ ކަންކަމުގައި އުޅެނީ އެވެ.
މީގެ 18 ވަރަކަށް އަހަރުކުރިން މި ބޭންޑު އުފެދުނީ ގެއެއްގެ ތެރޭގައި ރައްޓެހިންތަކެއް މިއުޒިކް ކުޅެ، މަޖާކުރަން އުޅުމުގެ ތެރެއިންނެވެ. ރޭގަނޑު ލިބޭ ހުސްވަގުތުތަކުގައި ރައްޓެހިން ގެއަށް އައިސް މިއުޒިކް ކުޅެން ފެށީ ބެރަކާއި ކީބޯޑަކާއި ފުޅިތަޅުވައިގެން އެކި އަޑުތައް ބޭނުންކޮށްގެންނެވެ. އެކަމަކު އެކަމަށް ޝައުގު ބޮޑުވެ، ގެއަށް ޖަމާވެ، ރައްޓެހިންގެ އަދަދު އިތުރުވެ، ބޭންޑެއް އުފަންވީ އެވެ.
ބޭންޑު ފެށުނީ ދެ މީހަކު ވެގެން ކަމަށް ވިޔަސް އެ ދެ މީހުން މިއަދު މި ބޭންޑާ އެކު ނެތެވެ. އެ ބޭންޑުގައި މިހާރު ފެންނަން މި ތިބީ އެ ގޭދޮށަށް ލަވަތައް އަޑުއަހަން ގޮސް އުޅުނު މީހުންނެވެ.
"އެކުވެރި ބޭންޑް 2008 ގެ ނޮވެމްބަރު 27 ގައި އުފެދިގެން އައީ. މިއީ ހަމަ މަޖަލަކަށް، ބެރަކާއި ކީބޯޑުގަނޑަކާ އެކީގައި ފުރަތަމަ ފެށީ ހަމަ މަޖާކޮށްލުމުގެ ގޮތުން،" ބޭންޑުގައި އިސްކޮށް އުޅޭ މޫސާ އިދުރީސް ބުންޏެވެ.
"ދެން ގްރޫޕް ބޮޑުވެގެން ގޭތެރެއިން ނިކުމެގެން އެކި ދިމަދިމާލަށް ދިޔައީ. އެއީ އެތަންކޮޅު [ގޭތެރެ] ކުޑަވެގެން،" ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ) ގައި ވެސް ރަޖިސްޓްރީ ކޮށްގެން ހިންގާ އެ ބޭންޑާ ގުޅޭ ގޮތުން މޫސަ ބުންޏެވެ.
އެގޮތަށް އެކި ތަންތަނުގައި ބޭންޑު ހިންގަމުން އައިސް ބޭންޑުގެ ހަރަކާތްތައް ފުޅާކުރުމަށް މަސައްކަތް ކުރަނިކޮށް މި ބޭންޑާ ދިމާވީ ބަނޑޮހުގެ ވެރިޔާ މުހައްމަދު ވަހީދުއްދީން (ޑީން) އާ އެވެ. އޭނާގެ އަރިހުގައި ބޭންޑުގެ ސައުންޑް ހޯދައިދިނުމަށް އެދުމާ އެކު އެ އިންތިޒާމުތައް ވަރަށް ފަސޭހައިން ހަމަޖެހުނު ކަމަށް އެ މީހުން ބުންޏެވެ.
"މިއުޒިކް ސާމާނު އަޅުގަނޑުމެންނާ ހަދިޔާކުރީ ވަހީދުއްދީން. އޭނާ މިނިސްޓަރަކަށް ހުރި އިރުގައި ހަނިމާދު އަށް ކުރި ދަތުރެއްގައި އަޅުގަނޑުމެން އެދުނީ މިއީ މިގޮތަށް މިގޮތަށް އުޅޭ ބަޔެކޭ. މިކަން ކުރެވޭނެ ގޮތެއް ނެތިގެންނޭ މިއުޅެނީ. ހަމަ ސައުންޑް ސިސްޓަމް އެއްކޮށް ވަހީދުއްދީން ހަދިޔާކުރީ. ދެން އެބަ ހުރި ރައީސް މައުމޫންގެ ފަރާތުން ވެސް އެހީތެރިކަން ލިބިފައި."
އަދިވެސް އެ ބޭންޑުން ބޭނުންކުރަނީ އެ ބޮޑު ސައުންޑް ސިސްޓަމެވެ. އޭގެ ފަހުން މި ބޭންޑުގެ މެމްބަރުން ވެސް އެކި މިއުޒިކް އިންސްޓްރުމެންޓް ގަނެފައިވެ އެވެ.
އެހާ ދިގު މުއްދަތަކަށް ބޭންޑުގެ އަޑުކަނޑުވައި ނުލެވި އޮތީ ހަނިމާދޫ ކައުންސިލުގެ ވެސް އެހީގަ އެވެ. އެ ބޭންޑު ހިންގުމަށް ބިން ދީފައި އޮތީ ހިލެ އެވެ.
"ހަނިމާދޫ ކައުންސިލުން އަޅުގަނޑުމެންނަށް ބޭންޑް ރަޖިސްޓްރީވުމާ ގުޅިގެން މިހާރު މި އޮތީ ބިމެއް ވެސް ހަމަޖެހިފައި. ރައްޔިތުންގެ އެހީތެރިކަމާ އެކު ކައުންސިލުން ހިލޭ ދީފައި އޮންނަ ބިމެއް،" މޫސަ ކިޔައިދިނެވެ.
މި ރަށުގައި ބޮޑުބެރު ގްރޫޕުތައް އޮތަސް މިއީ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ހަމައެކަނި ބޭންޑެވެ. އެއީ އެ ސަރަަހައްދުގައި ވެސް އޮތް ހަމައެކަނި ލައިވް މިއުޒިކް ޖައްސާ ބޭންޑު ކަމަށްވެ އެވެ.
"ގިނަ ބޭންޑްތަކަކީ ކަރޯކޭ ޖައްސާ ގްރޫޕްތައް. އަޅުގަނޑުމެންނަކީ ހަމަ ލައިވް މިއުޒިކް ޖައްސާ ބޭންޑެއް،"
މި ގްރޫޕުގެ ތަފާތަކީ ލައިވް މިއުޒިކްގެ އިތުރުން ސަގާފީ ހުރިހާ ކަމެއް ވެސް ކޮށް އުޅޭތީ އެވެ. އޭގެ ތެރޭގައި ބަނޑިޔާ ޖެހުމާއި ކުރުފަލި ޖެހުމާއި ދިގުމަގު ދަނޑިއާ މިހެން ގޮސް އެކި ކަހަލަ ސަގާފީ ކުޅިވަރުތައް ވެސް ބޭންޑުން ކުޅެ އެވެ.
މި ރަށުގައި ހަރަކާތްތައް ހިންގުމުގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދާ ދިމާކޮށް އެކި ހިސާބުތަކަށް ޝޯ ދިނުމަށް މި ބޭންޑުން ދެ އެވެ. މަސް ދުވަސް ކުރިން ކޮންމެ އީދަކަށް ވެސް ތައްޔާރުވާން ފަށަ އެވެ. އެކުވެރި ބޭންޑުން ވަނީ ހއ. އާއި ހދ. ގެ އެކި ރަށްތަކާއި ށ. އަތޮޅާ ހަމައަށް ވެސް ބޭންޑުން ޝޯ ދިނުމަށް ގޮސްފަ އެވެ.
"ކޮންމެ އަހަރެއްގެ އީދުގައި ވެސް އޮވޭ ހަމަ ކައިރި ރަށްރަށަށް ދިއުން، ހަމަ ދައުވަތު ލިބިގެން. ށ. އާ ހަމައަށް ވަނީ ގޮސްފައި. ކުޅުދުއްފުށި، އިހަވަންދޫ، ތަކަންދޫ، ބާރަށް، ކެލާ ކަހަލަ ރަށްރަށަށް ގޮސްފައި ހުންނާނީ،" މޫސަ ބުންޏެވެ.
އެކަމަކު މިހާ މަސައްކަތް ކުރިޔަސް ކުރީގައި އެ އޮންނަ ޑިމާންޑެއް މިހާރަކު ނެތެވެ. ރަށްރަށުގައި އެ އޮންނަ ފޯރި ދަށްވީ އެ މީހުން ދެކޭ ގޮތުގައި ނެށުމުގެ ހަރަކާތްތައް ނޯންނާތީ އެވެ.
"ޑިމާންޑް މާ ބޮޑަކަށް ނޯވޭ. މިހާރު ނަށާ ގްރޫޕުތަކަށް ޑިމާންޑް އޮންނަނީ. އަޅުގަނޑުމެން މިއީ ލައިވް މިއުޒިކް. ނެށުމެއް ނޯންނާނެ. އެހެންވީމަ ކަމަށް ބެލެވެނީ،"
އެެހެންވިޔަސް އެކަމުގައި އެ މީހުން ދެމިތިބީ އެކަމަށް އޮތް ލޯތްބާއި ޝައުގުވެރިކަމާ އެއްވަރަށް މި ސަރަަހައްދުގައި އެފަދަ ބޭންޑެއް ނެތުމުން އެކަން ދެމެހެއްޓުމަށްޓަކަ އެވެ. އަދި ރާއްޖޭގައި ސަގާފީ ކުޅިވަރުތައް ނެތެމުން ދިއުމަކީ މި ބޭންޑު ވުޖޫދުގައި ބޭއްމަށް އެ މީހުން ބޭނުންވާ އަނެއް ސަބަބެވެ.
ބޭންޑުގެ އެންމެންނަކީ ވެސް ސަރުކާރުގެ އެކި ވަޒީފާތަކުގައި އުޅޭ މީހުންނެވެ. އެއްބައެއް ވަޒީފާ އޮތީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އަނެއް ބަޔަކު މި ރަށުގެ ސިއްހީ މަރުކަޒާއި އެކި އިދާރާތަކުގައި ދަނީ މަސައްކަތް ކުރަމުންނެެވެ. ކޮންމެ ރެއަކު އެންމެންނަށް ނާދެވުނަސް އެ ރެއެއްގައި މަސައްކަތް ކުރަން ނުޖެހޭ ބަޔަކު އެއްވެ، ބޭންޑުގެ އަޑުކަނޑުވައިނުލުމަށް އެ ދަނީ މަސައްކަތް ކުރަމުންނެެވެ.
"އެންމެންނަކީ ވެސް ވަޒީފާގައި އުޅޭ މީހުން. ސަރުކާރު ވަޒީފާގައި. ހުރިހާ ރެއަކު ނާދެވޭނެ އެންމެނަކަށް. ބައެއް ރޭރޭގައި މި އާދެވެނީ ޑިއުޓީ ހުންނަ ގޮތުން. އެކަކު އަނެކަކަށް ގުޅައިގެން ގެންނަނީ،"
ހުރިހާ ސާމާނެއް އެއްކޮށްގެން ތިބެ ބޭންޑުގެ މަސައްކަތް ދިރުވުމަށް މަސައްކަތް ކުރިޔަސް އެ މީހުންގެ އޮތް ކަންބޮޑުވުމަކީ މިކަމަށް ވަންނާނެ ޒުވާނުން ރަށުގައި ނެތުމެވެ. އެ މީހުން ތިބީ ޒުވާނުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް ވިޔަސް ޒުވާނުންގެ ޝައުގެއް ނެތެވެ.
"ސާމާނު [މިއުޒިކް ކުޅޭނެ] ވެސް އެބަހުރި. މީގެ ތެެރެއަށް ވަންނާނެ ޒުވާން ކުދިން ނުތިބެނީ. މިތިބެނީ އަޅުގަނޑުމެން ކަހަލަ މުސްކުޅިން."
ކުޅިވަރާ ބެހޭ މިނިސްޓްރީގެ ބޭފުޅުން ހަނިމާދު އަށް ޒިޔާރާތް ކުރުމުން، ބޭންޑު އިތުރަށް ކުރިއެރުވުމަށް އެ މީހުންނާ ބައްދަލުކުރިޔަސް ލިބެނީ އިތުރު މާޔޫސްކަމެކެވެ. މިނިސްޓްރީން ބުނަނީ މިއުޒިކް ބޭންޑުތަކަށް އެހީނުވާކަމަށެވެ. އެހީ ދެނީ ކްލަބް ޖަމިއްޔާތަކަށް އެކަނި ކަމަށެވެ.
އެހެންވިޔަސް ހަނިމާދޫގެ މި މިއުޒިކް ބޭންޑު ތިބީ އުއްމީދު ދޫކޮށްލާ ގޮތަކަށް ނޫނެވެ. ވީހާލެއްގައި ކުރިއަށް ދިއުމަށް މި ބޭންޑުން އޮތީ ގަދަ ހިތްވަރިގަ އެވެ. ހަނިމާދޫގެ ރައްޔިތުން މާޔޫސްވިޔަ ނުދޭނެ އެވެ. މި ރަށް ފަޅުފިލުވައިލަދިނީ އެ މުސްކުޅި އެކުވެރިންނެެވެ.