ބީއެމްއެލް، ސ. ގަން ބްރާންޗުގެ އެ ކޮޓަރި ތެރޭގައި ރައްކާކޮށްފައި ހުރީ ޒަމާންތަކެއް ކުރީގެ ހަނދާންތަކެވެ. މުޅި އެ ބޭންކުގެ އެންމެ މުހިއްމު ތާރީހެވެ. އެތައް ބައެއްގެ އިތުބާރު ދެމެހެއްޓި ފައިސާގެ މުއާމަލާތްތަކެވެ. މާސިންގާ ބޮޑު ފޮތްތައް އަދިވެސް ފެންނައިރަށް، އުމުރުން އެންމެ 20 އަހަރުގައި ބޭންކާ ގުޅިވަޑައިގަތް ފާތިމަތު ނިހާންގެ ހަނދާނަށް އަންނަނީ އޭނާ އުފުއްލެވި ބޮޑު ޒިންމާ އެވެ.

އޭރު އޭނާ އަށް ކިރިޔާ އުފުލޭ ވަރުގެ މާސިންގާ ފޮތްތަކަކީ އޭރު މުޅި ބޭންކު ހިންގުމުގެ ނިޒާމެވެ. ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ބޭންކާ ގުޅިވަޑައިގެންނެވި ނިހާނަށް ޖެހިވަޑައިގަތީ ކޮންމެ ދުވަހަކު ބޭންކުގެ މުއާމަލާތްތައް އެ ފޮތުގައި ނޯޓު ކުރައްވާށެވެ. ވަކި ލާރިއެއް ވެސް ލެޖާގައި ނުވަތަ އާއްމު ބަހުން ނަމަ ބޮޑު ފޮތުގައި ނުލިޔެ ދުލެއް ނުކުރެވޭނެ އެވެ. އެއްގޮތަކަށް ވެސް ފަސޭހައެއް ނޫނެވެ. ގޮންޖެހުން ބޮޑެވެ.

ގަން ބްރާންޗު ހުޅުވި ދުވަސްކޮޅު ކަސްޓަމަރުންގެ މައުލޫމާތު ލިޔަން ބޭނުންކުރި ލެޖާ ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ގަން ބްރާންޗު ހުޅުވި ދުވަސްކޮޅު ކަސްޓަމަރުންގެ މައުލޫމާތު ލިޔަން ބޭނުންކުރި ލެޖާ ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ކަސްޓަމަރުންނަށް ދޫކުރާ ފައިސާގެ އަދަދާއި ލޯނުގެ ތަފުސީލާއި ހުރިހާ މައުލޫމާތެއް ލިޔަން ޖެހުނީ އެ ފޮތްތަކުގައި އަތުންނެވެ. ހުރިހާ ބެލެންސް ޝީޓެއްގެ މައުލޫމާތު ވެސް ޖެހުނީ އަތުން ލިޔާށެވެ. މުޅި ސިސްޓަމް ހިންގީ މެނުއަލް ކޮށެވެ. ފައިސާ ގެންނަން ޖެހުނީ ކޮންމެ ފަހަރަކު ވެސް މުވައްޒަފަކު މާލެ ފޮނުވައިގެންނެވެ. މުއާސަލާތުކުރުމުގެ ދަތިތަކާ އެކު ގަމުން މާލެއާ ފައިސާގެ މުއާމަލާތް ކުރުން ވެސް އޮތީ އޭރު އެހާމެ ރިސްކް ބޮޑުކޮށެވެ. އެއީ އެ ދުވަސްވަރުގެ ހާލަތެވެ. މިހާރު މި އޮތް ފަސޭހަކަން ނެތުމުން ކަންކަން ކުރަން ޖެހުނު ގޮތެވެ.

ގަން ބްރާންޗު ހުޅުވި ދުވަސްކޮޅު ކަސްޓަމަރުންގެ މައުލޫމާތު ލިޔަން ބޭނުންކުރި ލެޖާ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ގަން ބްރާންޗު ހުޅުވި ދުވަސްކޮޅު ކަސްޓަމަރުންގެ މައުލޫމާތު ލިޔަން ބޭނުންކުރި ލެޖާ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބީއެމްލްގެ ގިނަ ހިދުމަތްތައް ހޯދަން މިހާރު ސިކުންތުކޮޅެއް ވެސް ހޭދަނުވާއިރު، 1983 އިން ފެށިގެން ހިދުމަތް ދޭން ފެށި ގަން ބްރާންޗަކީ މުހިއްމު ހަނދާނެކެވެ. ދިވެހިންގެ އަމިއްލަ ބޭންކެއް އުފެދުނުތާ މި އަހަރުގެ ނޮވެމްބަރަށް 44 އަހަރު ފުރޭއިރު އެ ފަހުރާ އެކު، ބީއެމްއެލްގެ ދެވަނަ ބްރާންޗުން ފެންނަން ހުރީ ތާރީހީ މުހިއްމު ވާހަކަތަކެކެވެ. އެ އާކައިވުން ފެނުނީ ބީއެމްއެލް މުޅި ރާއްޖެއަށް ފުޅާވެ، ދިވެހިންގެ ދިރިއުޅުން ލުއިވުމުގެ ފެށުމެވެ. 

ގަން ބްރާންޗު ހުޅުވިތާ ކުރީކޮޅު އެ ބްރާންޗުން ބަޔަކަށް ހިދުމަތް ދެނީ.---ފޮޓޯ: ބީއެމްއެލް އާކައިވް
ގަން ބްރާންޗު ހުޅުވިތާ ކުރީކޮޅު އެ ބްރާންޗުން ބަޔަކަށް ހިދުމަތް ދެނީ.---ފޮޓޯ: ބީއެމްއެލް އާކައިވް

މީގެ 43 އަހަރު ކުރިން ޑިސެމްބަރު 1، 1983 ގައި ހުޅުވި ބީއެމްއެލް ސ. ގަން ބްރާންޗަކީ އެ ބޭންކުގެ ދެވަނަ އަދި އަތޮޅުތެރޭގެ ފުރަތަމަ ބްރާންޗެވެ. މިއީ އެ ޒަމާނަށް ބަލާއިރު އަހަރެމެންގެ ފަހުރުވެރި ބީއެމްއެލްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ފެށުމޭ ވެސް ބުނެވިދާނެ އެވެ. ޓެކްނޮލޮޖީގެ ގޮތުން އެއީ ދަތި ދުވަސްވަރެއް ކަމަށް ވިޔަސް މަދު މުވައްޒަފުންތަކަކާ އެކު ގަން ބްރާންޗު ވެފައި ވަނީ ބޭންކިންގައި މުހިންމު އަދި މުޅިން ތަފާތު ތަޖުރިބާތަކެއް ކުރި ތަނަކަށެވެ.  

މުޅި އައްޑޫގެ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ ގަމުގައި، އިނގިރޭސިން ތިބި ދުވަސްވަރު ހިންގި ޕޯސްޓް އޮފީސް އިމާރާތުގައި ހުޅުވި "ގަން ބްރާންޗު" މިހާރު މަރަދޫފޭދު އަށް ބަދަލުކޮށްފައި ވިޔަސް އެ ބްރާންޗު އެ ނަމުގައި އަދިވެސް ހިންގަމުން ދިއުމުން ދޭހަވަނީ އެ ތަނުގެ މުހިންމު ކަމެވެ.  

އެތަން ހުޅުވައި ހިދުމަތް ދިން ހުރިހާ ހަނދާންތަކެއް ފަރުވާތެރިކަމާ އެކު އަދިވެސް ރައްކާކޮށްފައި އެބަހުއްޓެވެ. އެ ބްރާންޗް ހިންގި ފޮތްތައް މިހާރު ވެސް އެ ގޮތުގައި ބަހައްޓާފައި އެބަހުއްޓެވެ. އޭރުގެ ހުރިހާ މުއާމަަލާތްތައް ގަން ބްރާންޗުގެ ކޮޓަރިއަކުން ފެންނަން ގޮތަށް ބަހައްޓާފައި ހުރުމަކީ ވެސް މުހިންމު ކަމެކެވެ. 

ގަން ބްރާންޗު މެދުވެރިކޮށް ހަމައެކަނި ޓީޓީއެއް ފޮނުވަން ޖެހުނަސް ބޭންކު ތެރެއިން ޕްރޮސެސް ވާން ތިން ދުވަސް ހޭދަވެ އެވެ. މާލެ އަށް ފެކްސް ފޮނުވައިގެން އެ ކަމަށް އެތައް ވަގުތެއް ނަގަ އެވެ. 

ގަން ބްރާންޗުގައި މެދުނުކެނޑި ހިދުމަތް ކުރަމުން އަންނަ ދެ މުވައްޒަފުންގެ ތެރެއިން ނިހާން "މިހާރު" އާ މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ގަން ބްރާންޗުގައި މެދުނުކެނޑި ހިދުމަތް ކުރަމުން އަންނަ ދެ މުވައްޒަފުންގެ ތެރެއިން ނިހާން "މިހާރު" އާ މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ތިން ދުވަސް އެ ނަގަނީ ފައިސާ ލިބޭކަށް ވެސް ނޫން. އެއީ ބޭންކުތެރެއިން އެ ޑޮކިއުމަންޓު ބޭރު ވާން ނަގާ މުއްދަތު. އޭގެ ފަހުން އަދި ފައިސާ ވެސް ލިބޭނީ،" ނިހާން ވިދާޅުވި އެވެ. 

އެކަމަކު، އެއީ ޓެކްނޮލޮޖީގެ ލުއިތަކާ އެކު މިހާރު އެހާމެ ފަސޭހަ މަދު ސިކުންތުކޮޅެއްގެ ކަމެކެވެ.

ހިތަދޫ ބްރާންޗު 1997 ގައި ހުޅުވަންދެން މުޅި އަތޮޅަށް ހިދުމަތް ދިނީ ސީދާ ގަން ބްރާންޗުންނެވެ. ނިހާން ވަޒީފާ އަށް ނުކުންނެވިއިރު މުވައްޒަފުންގެ ތެރޭގައި ހިމެނެނީ:

  1. އަހުމަދު ރަޝީދު (ފުރަތަމަ މެނޭޖަރު)
  2. މުހައްމަދު އަހުމަދު 
  3. ފާތިމަތު ރަޝީދާ
  4. މުހައްމަދު ނަސީމް
  5. ފާތިމަތު ނިހާން
  6. މަރިޔަމް ޒަރީފާ
  7. މަރިޔަމް ޝަފީގާ
  8. އަހުމަދު ސައީދު (މެސެންޖަރު)

ގަން ބްރާންޗުގެ މިހާރުގެ މެނޭޖަރު ނިހާން އާއި ޒަރީފާ ބީއެމްއެލްއާ ގުޅިވަޑައިގެންނެވިތާ 34 އަހަރު ފުރިފައިވާއިރު ކޮންމެ މުވައްޒަފަކު ވެސް ވަނީ އުނދަގޫ ތަޖުރިބާތަކެއް ކުރައްވައިފަ އެވެ. ވަކިން އޮންނަ އަައްޑޫ ހުޅުދު އާއި މީދޫގެ އިތުރުން އެ އަތޮޅުގައި އެއްފަސްކޮށް އޮންނަ ހުރިހާ ރަށެއްގެ ރައްޔިތުން ހޯދީ ގަން ބްރާންޗުންނެވެ. 

"އަޅުގަނޑު ބޭންކަށް ވަން އިރު ވެސް އެހާ ކަސްޓަމާ ބޭސް ބޮޑެއް ނޫން. އެކަމަކު މެނުއަލް ވޯކް ގިނަވީމާ އަޅުގަނޑުމެންނަށް ގެއަށް ދެވޭއިރު ބައެއް ރޭރޭ 10-11 ޖަހާފައި ހުރެދާނެ. އޭރު މަސައްކަތް ވެސް ފަށަން ޖެހޭނެ ހެނދުނު 7:30 ގައި،" ގަން ބްރާންޗުގެ ހިދުމަތުގައި މެދުނުކެނޑި ތިބި ދެ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ނިހާން ވިދާޅުވި އެވެ.  

ނިހާނާ އެކު، ގަން ބްރާންޗުގައި މެދުނުކެނޑި ދެން މަސައްކަތް ކުރައްވަނީ ޒަރީފާ އެވެ. 

ގަން ބްރާންޗު އެންމެ ފުރަތަމަ ހިންހީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ހިންގި މި ޕޯސްޓް އޮފީސް އިމާރާތުގައި.---ފޮޓޯ: ބީއެމްއެލް އާކައިވް
ގަން ބްރާންޗު އެންމެ ފުރަތަމަ ހިންހީ ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރު ހިންގި މި ޕޯސްޓް އޮފީސް އިމާރާތުގައި.---ފޮޓޯ: ބީއެމްއެލް އާކައިވް

އެ ދުވަސްވަރު ކުރިމަތިވި އެންމެ ބޮޑު އެއް ދައްޗަކީ މުވާސަލާތު ކުރުމެވެ. މާލޭގައި ހުންނަ ހެޑް އޮފީހަށް ގުޅައިގެން ނޫނީ އޭރު ގިނަ ކަންކަން ނުކުރެވޭތީ ފުރަތަމަ ޖެހުނީ ގަން ބްރާންޗު ކައިރީގައި ހުންނަ އެހެން އިމާރާތަކަށް މުވައްޒަފުން ދާށެވެ. އެއީ ވަރަށް ވަގުތެވެ. މައިގަނޑު ގޮތެއްގައި ހެޑް އޮފީހަށް ގުޅަން ޖެހެނީ "އަދާ ބޭންކު" ޗެކުތައް އެޕްރޫވް ކުރުމާ ގުޅޭ ކަންކަން ނިންމާށެވެ. 

ގަން ބްރާންޗުގެ ފުރަތަމަ މުވައްޒަފަކީ އައްޑޫ ފޭދު އަށް އުފަން ފާތިމަތު ރަޝީދާ (ފާތުން) އެވެ. އުމުރުން އެންމެ 19 އަހަރުގައި ގަން ބްރާންޗުގެ ވަޒީފާ އަށް ނުކުމެވަޑައިގެން އެ ބްރާންޗުގައި މެދުނުކެނޑި 20 އަހަރު ހޭދަކުރެއްވިއިރު އޮފިސަރުގެ މަގާމުން ފެށިގެން މެނޭޖަރުކަމާ ހަމައަށް ފާތުން ވަނީ ދަތުރު ކުރައްވައިފަ އެވެ. 

ބީއެމްއެލްގެ ހެޑް އޮފް އިންޓާނަލް އޮޑިޓުގެ މަގާމުގައި މިވަގުތު ހުންނެވި ފާތުން ވެސް ވިދާޅުވި ގޮތުގައި ގަން ބްރާންޗުގައި އެ ދުވަސްވަރު އެންމެ ބޮޑު ދައްޗަކީ ކޮމިއުނިކޭޝަނެވެ. 

ވަކިން ހުންނަ އިމާރާތަކަށް ގޮސް މާލޭގެ ހެޑް އޮފީހަށް ގުޅުމުގެ އިންތިޒާމަށް ފަހު، ކޮމިއުނިކޭޝަން ސެޓެއް ގަން ބްރާންޗުގައި ވަކި ހިސާބަކުން ބެހެއްޓި އެވެ.

"އެކަމަކު ދެން އޭރު ދިމާވާން ފެށި ކަމަކީ ދޯނިފަހަރުން ވާހަކަ ދައްކާ މީހުން އަޑު ކޮމިއުނިކޭޝަން ސެޓަށް އަރަން ފެށީ. އަޅުގަނޑުމެން ދައްކާ ވާހަކަ އެ މީހުންނަށް ވެސް ސެޓުން އިވޭ،"  ފާތުން ވިދާޅުވި އެވެ.

"ދޯނިފަހަރުތަކުން ވާހަކަ ދައްކާ މީހުންގެ އަޑު އިވޭ ވަރުން އަޅުގަނޑުމެން ހެޑް އޮފީހަށް ގުޅައިގެން ބުނަން ބޭނުންވާ އެއްޗެއް ނުބުނެވި އެތައް ވަގުތެއް ނަގާ. އެހެންވެ، ބައެއް ފަހަރު ކޯޑެއް ބޭނުންކޮށްގެން ވެސް ހެޑް އޮފީހާ މުއާމަލާތް ކުރަން ޖެހޭ." 

ކޮމިއުނިކޭޝަން ސެޓަށް ފަހު ދެން ގަން ބްރާންޗުގައި ބެހެއްޓީ ފޯނާ އެއްކޮށް ހުންނަ ފެކްސް މެޝިނެކެވެ. އެކަމަކު، ހެޑް އޮފީހަށް ގުޅައިގެން ހުންނަ ވަގުތުތަކުގައި ފެކްސްތައް ނައިސްގެން އެތައް ވަގުތެއް ހޭދަކުރަން ޖެހެ އެވެ. 

"އެ ދަތިތައް އޭރު ވަރަށް ބޮޑަށް އުޅުނު. އަނެއްކާ އެ ކަމާ ހެދީ އެތައް ވަގުތެއް ވެސް ބޭކާރު ވެގެންދާނެ،" ފާތުން ވިދާޅުވި އެވެ.  

އެއީ އަށްޑިހައިގެ އަހަރުތައް ކަމަށް ވިޔަސް ފާތުން ވިދާޅުވީ، އައްޑޫގެ ރައްޔިތުންގެ ހޭލުންތެރިކަން ބޭންކިންއާ މެދު އެ ދުވަސްވަރާ ބަލާއިރު ވަރަށް ރަނގަޅު ކަމަށެވެ. ބޭންކިންގެ މުހިންމު ކަމަށް ގިނަ މީހުންނަށް އެނގިފައި ވާތީ ހޭލުންތެރިކުރުވަން މާ ބޮޑެތި ދަތިތަކެއް ކުރިމައްޗެއް ނުވެ އެވެ. 

އޭރު އައްޑޫގެ ވަރަށް ގިނަ އިދާރާތައް ގަމުގައި ހިންގާތީ ފުރަތަމަ ފޯކަސް ކުރީ އެ ތަންތަނަށެެވެ. އެ އިދާރާތަކުގެ އެކައުންޓުތައް ގަން ބްރާންޗުގައި ހުޅުވައި އެކިއެކި މުއާމަލާތްތައް ފެށި އެވެ. 

"އަހުމަދު ރަޝީދު (އާންމު ނަމުން ނަމަ ޑޮޓް) ގެ އިންސްޓްރަކްޝަންގެ ދަށުން މީހުން ކައިރި އަށް ވިޒިޓް ކޮށްގެން ވަރަށް ގިނަ އެއްޗެހި އޭރު ކިޔައިދިން. އަޅުގަނޑު ދަންނަ މީހުން ކައިރީގައި އަހާލީމާ ބުނާނެ އިނގިރޭސިންގެ ދުވަސްވަރު އައްޑޫގައި ކޮންމެވެސް ވަރަކަށް ބޭންކިންގެ ކަންކަން ކުރީމާ އައްޑޫ މީހުން އޭރު ވެސް ހޭލުންތެރިއޭ. އެހެންވެ ކަމަށް ބެލެވެނީ އެހާ ފަސޭހަވީ،" ފާތުން ވިދާޅުވި އެވެ. 

"އައްޑޫ މީހުން ވަރަށް އަންޑަސްޓޭންޑިންއޭ ބުނެވޭނީ އެ ދުވަސްވަރު ވެސް"

މަރަދޫފޭދޫގައި މިހާރު ހިންގާ ބީއެމްއެލް ގަން ބްރާންޗު އިމާރާތް.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަރަދޫފޭދޫގައި މިހާރު ހިންގާ ބީއެމްއެލް ގަން ބްރާންޗު އިމާރާތް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ގަން ބްރާންޗަކީ އަތޮޅުތެރެ އަށް ބީއެމްއެލް ފުޅާކުރުމުގެ ފެށުމެވެ. މިހާރު އެ ބްރާންޗުން ހިދުމަތް ދެނީ އިސްލާމިކް ފަސްޓް ޕޮލިސީގެ ދަށުންނެވެ. ފައިސާގެ މުއާމަލާތް ކުރަނީ މައިގަނޑު ގޮތެއްގައި އޭޓީއެމް މެދެވެރިކޮށެވެ. މުވައްޒަފުން ތިބީ އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ އެކި ބޭންކިން ހިދުމަތުގެ މައުލޫމާތުދީ، ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ހިދުމަތް ކުރުމުގެ އަޒުމުގަ އެވެ. ބްރާންޗުން ފެންނަނީ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާ އެކު ޒަމާނީ ވަސީލަތްތަކާއެކު ޒުވާނުން މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.

މަރަދޫފޭދޫގައި މިހާރު ހިންގާ ބީއެމްއެލް ގަން ބްރާންޗުން ހިދުމަތް ހޯދަން ދިޔަ ދެ ކަސްޓަމަރަކު ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަރަދޫފޭދޫގައި މިހާރު ހިންގާ ބީއެމްއެލް ގަން ބްރާންޗުން ހިދުމަތް ހޯދަން ދިޔަ ދެ ކަސްޓަމަރަކު ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު

ގަން ބްރާންޗަކީ އަތޮޅުތެރެ އަށް ބީއެމްއެލް ފުޅާކުރުމުގެ ފެށުމެވެ. މިހާރުގެ ޑިޖިޓަލް ބޭންކިންގެ ތެރެއަށް ގަން ބްރާންޗު ވަނީ 2004 ގައި ވަދެ ޒަމާނީ ފެންވަރުގައި ހިދުމަތް ދޭން ފަށައިފަ އެވެ. 

ގަން ބްރާންޗުގެ މާޒީ ވަނީ ބީއެމްއެލްގެ "އާކައިވް" ގެ މުހިންމު ތަނެކެވެ. އެ ލެޖާތަކާއި ގަން ބްރާންޗުގައި އެ ދުވަސްވަރު ތިބި މުވައްޒުންގެ ތަޖުރިބާ އެއީ ތާރީހަށްޓަކައި އަދިވެސް ބީއެމްއެލްގެ މުހިންމު ބައެކެވެ. ގަން ބްރާންޗުގައި މަސައްކަތްކުރި މުވައްޒަފުންނާ ވާހަކަ ދައްކާލުމުން އެކަން އަހަރެމެންނަށް ވަރަށް ބޮޑަށް ސާފުވި އެވެ. އެއީ، އެ ހިދުމަތްތެރިންނާ އެކު ޖީލުތަކަށް ރައްކާކުރަން ޖެހޭ މުހިއްމު ތާރީހެއް އޮތް ތަނެކެވެ.