މާލެއިން ފުރައިގެން ދޮޅު ގަޑިއިރުގެ ދަތުރަކަށް ފަހު އަހަރުމެން ފޭބީ ކ. އަތޮޅުގެ އެންމެ އުތުރުގައި އޮންނަ ކާށިދުއަށެވެ. ރަށަށް އަރައިގެން ދިޔައިރު ފެނުނު އެއްވެސް ރުކެއް އެއީ ދިވެހި ރުކެކޭ ބުނެވޭވަރަށްވުރެ ތަފާތެވެ. އެއްބައި ރުއްރުކުގެ ފަންތަކުގައި ފެހި ކުލައިގެ "ކަންފުޅެއް" ވެސް ނެތެވެ. ހީވަނީ ފަން ތަކުގައި ކަޅު ދަވާދު އުނގުޅާފައި ހުރިހެންނެވެ. އަނެއްބައި ރުއްތަކުގެ ފަންތައް ކަނޑައި، ހުރީ ހަމައެކަނި ރުކުގެ ކުރި އެވެ. ބައެއް ރުއްތަކުގެ ފަނުގައި ހުރީ ހަމައެކަނި އިލޮއްޓެވެ.
މިއީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މާލެއަށް ކާށި އެތެރެކުރި ކާށިދޫ ރުއްތަކުގެ މިހާރުގެ ހާލަތެވެ. ކުރިއެކޭ އެއްވަރަށް މި ރަށުން ކާއްޓެއް ނުލިބެ އެވެ. ރަށު ތެރޭގައި ހުރި ރުއްތަކުގައި ކަޅު ކޫޑި އަޅައި، ގިނަ ރުއްތައް ހަލާކުވެއްޖެ އެވެ.
ރާއްޖޭގެ ނިސްބަތުން ބިންބޮޑު ކާށިދޫގެ ބޮޑު ސަރަހައްދަކީ ވެސް ޖަންގައްޔެވެ. އޮންނަނީ ވެސް އެންމެ ގިނައިން ރުކެވެ. ޖުމްލަ 276.8 ހެކްޓަރުގެ އެ ރަށުގެ ބޮޑުބައިގައި އޮންނަނީ ރުކެވެ. އެކަމަކު މިދިޔަ ހަތަރު ވަރަކަށް އަހަރުން ފެށިގެން އެ ރުއްތަކަށް ބަލިތައް ޖެހި އަންނަނީ ހަލާކުވަމުންނެވެ.
"ކުލިއަކަށް މާ ގިނައިން ފެންނަން ފެށީ ރުއްތަކުގެ ފަންތައް ކަޅު ކުލައިން، ކަޅު ކޫޑި އަޅަނީ ހަމަ. ހޫނު ގަދަވީމަ ހަކުރުހެން ފައިބާނެ ހަމަ ރުއްތަކުން ކަޅު ކުލައިން. ދިޔާވެގެން އެ އެއްޗެހި ފައިބާނެ، އެކަމަކު ރުއްތަކަކުން ނުވެއް ފިލާ އެޔެއް،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އަވަށު ތެރެއިން ފެންނާނީ ވަރަށް މަދުން ރުއް. ބަލި ނުފިލައިގެން ކަނޑަނީ. ނުކަނޑާ ހުރި ރުކެއް ވިއްޔާ ހުންނާނީ ރުކުގެ ކުރިގަނޑު. ވާރެފެން ނަގަން ތާންގީ ބަހައްޓާފައި ހުންނަ ގޭގޭގެ ދިޔަދޮވި އާއި ފުރާޅު ވެސް އޮންނާނީ ކަޅު ތެރަސްގަނޑެއްހެން."
ކަޅު ކޫޑިގެ އުނދަގޫ ބޮޑުވުން އެ ރަށުގައި މިހާރު ވާރެފެން ނައިގެން ބޯ މީހުން ވެސް ވަރަށް މަދެވެ. ކޫޑީގެ ސަބަބުން ރުއްތަކުގެ ފަންތައް ހަލާކުވެ، ރުއްތައް މަރުވަމުންދާއިރު، އެއީ މުޅި ރަށުގެ ރުއްތަކަށް މިހާރު ފެތުރިފައިވާ ނުރައްކަލެކެވެ.
ރުއް ގިނަވުމުގެ ސަބަބުން، ރަށުގެ އާމްދަނީގެ ބޮޑުބައެއް ވެސް އެއަށް ބަރޯސާވެ އެވެ. އާއްމު މީހުންގެ ރުއްދަނޑުތަކުން އަޅާ ކާއްޓާއި ކުރުނބާ ފަދަ އެއްޗެހި ވިއްކައިގެން ގިނަ ބަޔަކު އާމްދަނީ ހޯދަ އެވެ.
ރުއްތަކަށް ބަލި ޖެހުމުގެ ކުރިން ހަފުތާއެއްގެ މައްޗަށް ކާށިދޫން އެކަނި 3،000 އާއި 4،000އެއްހާ ކާށި ރަށުން ބޭރުކުރެ އެވެ. އަދި ހަފުތާއެއްގެ މައްޗަށް 8،000 އާއި 10،000 ކުރުނބާ އެ ރަށުން ބޭރުކުރެ އެވެ. ނަމަވެސް ރުއްތަކަށް ބަލި ޖެހި، ކާށި ލިބުން ދަތިވި ފަހުން ހަފުތާއެއްގެ މައްޗަށް 1،000 ކާށިވެސް ރަށުން ބޭރު ނުކުރެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ރަށުގެ ދަނޑުވެރިން ބުނާ ގޮތުގައި ތަފާތު ބޭސްތައް ބޭނުންކޮށްގެން އެ ބަލި ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަމަށް އެދެވޭ ދާއިމީ ހައްލެއް ނުލިބެ އެވެ.
"އެ މައްސަލަ ވަރަށް ބޮޑުވެގެން، މިނިސްޓްރީން އައި. އައިސް އޭރު ޖެހި ބޭހަކުން ވަރަށް ބޮޑަށް މަދުވި. އެކަމަކު އެއްކޮށް ރުއްތަކުން ކަޅު ކޫޑި ނުދޭ. ދެން އެފަހަރު ބޭސް ޖަހާފައި އެފަހުން ނުޖަހާތީ އަނެއްކާ މިހާރު ހީވޭ ކުރިއަށް ވުރެ ގިނަހެން،" އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
އެހާ ގިނަ، ދިގު ރުއްތަކަށް ކޮންމެ ފަހަރަކު އަރައިގެން ބޭސް ޖެހުމަކީ ފަސޭހަކަމަކަށް ނުވާތީ ކައުންސިލުން އެތައް ފަހަރަކު އެކަން ކުރަން މީހަކު ހޯދަން އިއުލާނުކޮށްގެން ވެސް ނުލިބުމުން އެކަން ހުއްޓާލާފައި އޮތީ ކަމަށް ވެސް އެ ރަށު މީހުން ބުންޏެވެ.
ހެދިފައި ހުރި ރުއްތައް ކަޅުކޫޑީގެ ސަބަބުން މަރުވުމުގެ އިތުރުން އަލަށް ޖަހާފައި ހުރި ރުއްތައް ވެސް ހުރީ ހަމަ އެ ޖެހި ގޮތަށެވެ.
ރަނގަޅަށް ހުރި ރުއްތަކާއި ކުރުނބާ ވެސް ރަށުން ބޭރަށް!
މާލެ އަތޮޅުގެ ރަށެއް ނަމަވެސް 2،800 އެއްހާ މީހުންގެ އުފަން އެކަހެރިކޮށް އޮތް އެ ރަށު ރައްޔިތުންގެ ދިރުއުޅުން ބަރޯސާ ވެފައި އޮތީ ދަނޑުވެރިކަމަށެވެ. މާސިންގާ ކާށިދޫގައި 800 އަށް ވުރެ ގިނަ ދަނޑުވެރިން އުޅޭއިރު، މާލެ އަށް އެންމެ ގިނައިން ކުރުނބާ ވެސް ގެންނަނީ އެ ރަށުންނެވެ.
ކާށިދޫން ކުރުނބާ ބޭރުކުރާ މިންވަރު އިތުރުވުމަކީ ވެސް ކާށި ލިބުން ދަތިވާ ސަބަބެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރި އެވެ. ރުއްތަކުން އަޅާ ކުރުނބާ ކާއްޓަށް ވުމުގެ ކުރިން ބާޒާރަށް ނެރެ ވިއްކާލާތީ، ކާށި ހޯދުމަކީ މިހާރު އެ ރަށުގައި ވެސް ދަތި ކަމަކަށް ވަނީ ވެފަ އެވެ.
ހަމަ އެއާއެކު ރަށުގެ ރުއްތައް މަދުވަމުންދާ އަނެއް ސަބަބެއް ކަމަށް އެ ރަށުގެ ގިނަ ދަނޑުވެރިން ބުނަނީ ރަނގަޅަށް ހުރި ރުއްތައް މުލުންލުލައިގެން ރަށުން ބޭރު މީހުންނަށް ވިއްކުމެވެ. ހާއްސަކޮށް ރިސޯޓު ހަދާ ފަރާތްތަކަށް ބޮޑު އަގުގައި ރުއްތައް ވިއްކަމުންދާތީ، ރަށުގެ ހުރި ޒަމާންވީ ރުއްތައް ހުސްވުމުގެ ބިރު އެ މީހުންނަށް އެބައޮތެވެ.
"ރަށުގެ ރީތިކަމާއި އާމްދަނީގެ މައިގަނޑު ވަސީލަތް ކަމަށްވާ ރުއްތައް މިގޮތަށް ބޭރުކުރުމަކީ ކުރިމަގުގައި ކާށި ލިބުމަށް އޮތް ބޮޑު ގޮންޖެހުމެއް. ކުރިއަށް އޮތް އަހަރެއްހާ ދުވަހު ވެސް މިހާރު ލިބޭ ވަރަށް ކުރުނބާ އަދި ކަށި ލިބޭނޭ ބުނާކަށް ނޭނގެ،" ރަށުގެ މީހަކު ކަންބޮޑުވުމާއެކު ކިޔައިދިނެވެ.
އެ ދަތިތަކާ ހުރެ އެ ރަށުން ވިއްކާ ކާށީގެ އަގު ވެސް ވަނީ އިންތިހާއަށް އުފުލިފަ އެވެ. ކާށިދޫން ކާއްޓެއް މިހާރު ލިބެނީ 10ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ކާށިދޫގެ ރައްޔިތުން އެދެނީ ކަމާބެހޭ ފަރާތްތަކުން އެކަމަށް އަވަސް ހައްލެއް ހޯދައިދީ، ރަށުގެ ރުއްތައް ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. ނޫން ނަމަ، ކާށިދޫގެ ނަމާ ގުޅިފައިވާ މި މުހިންމު ބާވަތް ރަށުން މުޅިން ހުސްވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.