ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައި ވަގުތީ މާރުކޭޓެއް ހުޅުވަން ނިންމައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ، ހަތް ރަށެއްގެ ދަނޑުތަކުން އުފައްދާ ތަކެތި އެ މާރުކޭޓުން ލިބޭނެ ކަމަށެވެ.
މާރުކޭޓު ހުޅުވުމުގެ ބޭނުމަކީ އެ މިނިސްޓްރީން ބުނި ގޮތުގައި، ދަނޑުވެރިން އުފައްދާ ތަކެތި ރޯދަމަހު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
ނޯތު ހާބަރުގެ މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ކޮށްފައިވާ 10 ދަނޑުގެ އުފެއްދުންތައް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެެ.
ރޯދަމަހަށް ހާއްސަ މި މާރުކޭޓު ހުޅުވަން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ މާރުކޭޓުން ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި އުފައްދާ ތަކެތި އެކަންޏެވެ. އެ ތަކެތި ވިއްކާނީ ވެސް ދިވެހިން ކަމަށް ބުންޏެެވެ.
ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ބުދަ ދުވަހެވެ.