ހދ. ވައިކަރަދޫގެ ދަނޑުވެރިން ހައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހާއްސަ ފެރީއެއް ހަމަޖައްސައިދީފި އެވެ.

އެ ރަށާއި އެ އަތޮޅު ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިން ހައްދާ ތަކެތި އުފުލުމަށް ހާއްސަ ފެރީއެއް ބޭއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ މީހަކު މިއަދު ހަމަޖައްސައި، އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ފެރީގެ ސަބަބުން ވައިކަރަދޫގެ ދަނޑުވެރިންނަށް އެ މީހުން ހައްދާ ތަކެތި ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އޭގެ ސަބަބުން އެ ރަށުގެ އިގްތިސޯދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެ މީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި މާރުކޭޓުތަކާ ގުޅުވައިދީ، އިތުރު ގޮތްތައް ހޯދައިދިނުމަށް މިނިސްޓްރީން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.